ޅ.ނައިފަރުގައި ޤާއިމްކުރާ ފެނުގެ ނިޒާމުގެ މަސައްކަތް ނިންމައި ޓެސްޓުކުރުމުގެ މަރުހަލާ ނިންމާލައިފިއެވެ.

މި މަސައްކަތަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗައިން، އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

Ad
rt

މި މަޝްރޫއުގެ މަސައްކަތް ނިންމައި ޓެސްޓު ކުރުމާއި ކޮމިޝަން ކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރިއަށްގެންދިޔައީ މިދިޔަ ޖުލައި މަހުގެ 19ވަނަ ދުވަހުން ފެށިގެން 22ވަނަ ދުވަހުގެ ނިޔަލަށެވެ.

ޕްލޭނިން މިނިސްޓްރީން ބުނި ގޮތިގައި ނައިފަރުގައި ގާއިމްކުރި ފެނުގެ ނިޒާމުގެ ދަށުން އެ ރަށުގެ 1510 ގެއަކަށް ފެނުގެ ހިދުމަތް ފޯރުކޮށްދެވޭނެއެވެ.

މި ފެނުގެ ނިޒާމުގެ ދަށުން ދުވާލަކަށް 100 ޓަނުގެ ފެން އުފައްދާ ދެ އާރްއޯ ޕްލާންޓާއި ފެން ރައްކާކުރުމަށް 1300 އަކަމީޓަރުގެ ޓޭންކެއް ވަނީ ބަހައްޓައިފައެވެ.

ނައިފަރު ފެނުގެ ނިޒާމުގެ މަސައްކަތް މީގެ ކުރިން ހަވާލު ކުރީ އެހެން ބަޔަކާއެވެ. ނަމަވެސް އެ މަސައްކަތް މަޑު ޖެހިފައި އޮތުމުން މަސައްކަތް ނިންނުމަަށް މި ސަރުކާރުން ވަނީ 2020 ވަނަ އަހަރު އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައެވެ.

މި މަޝްރޫއުގެ ދަށުން ފެން ރައްކާކުރުމަށް ބަހައްޓާފައިވާ ތާނގީތަކުގެ ނުނިމިހުރި މަސައްކަތްތަކާއި، ބޯހޯލް އަދި ރިޖެކްޓް ލައިންގެ މަސައްކަތް ކުރުމާއި ރަށުގެ ގޭގޭގައި ފެން މީޓަރު ބަހައްޓައި ފެނުގެ ކަނެކްޝަން ގުޅައިދީ، ގެތަކަށް ރައްކާތެރި ފެން ފޯރުކޮށްދިނުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީން ވަނީ ކޮށްފައެވެ.

މިއީ 24.2 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.