އުރީދޫގެ 17 ވަނަ އަހަރީ ދުވަހު، ގައުމީ ފުޓް ބޯޅަ ޓީމާއި ފިޔަވަތީގެ 50 ކުދިންގެ މެދުގައި ކުޅެވުނު ހާއްސަ ފުޓްބޯޅަ މެޗުގައި ވަރަށް ފޯރި ނަގައިފި އެވެ.

މިމެޗު ކުރިއަށް ދިޔައީ އިއްޔެ ހެންވޭރު ދަނޑުގައެވެ. އިއްޔެގެ މި ހަރަކާތުގައި ނައިބު ރައީސް ރައީސް ފައިސަލް ނަސީމް އާއި އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަދި ޚާލިދު އަލް ހަމާދީ ބައިވެރިވެވަޑައިގެންނެވިއެވެ.

Ad
rt

މެޗަށް ފުރަތަމަ ނިކުތީ ގައުމީ ޓީމުގެ 10 ކުޅުންތެރިންނާއި ފިޔަވަތީގެ ހަ އަހަރުން މަތީގެ 11 ކުދިންނެވެ. ނަމަވެސް މެޗުގެ ވަކި ހިސާބަކުން ފިޔަވަތީ 50 ކުދިން އެޓީމަށް ކުޅެން އެރި އެވެ. އަދި ގައުމީ ޓީމުގެ ކުޅުންތެރިންގެ އަދަދު ފަހަކަށް ތިރިވި އެވެ. މެޗުގެ ފޯރި ގަދަވީ މިހިސާބުންނެވެ.

މިމެޗް ނިމިގެން ދިޔައިރު ދަނޑުމަތީގައި 7 ބޯޅަ ފެނިގެން ދިޔަ ފިޔަވަތި ޓީމުގެ ގޯލުގެ ކުރިމަތީ ކީޕަރުންގެ ގޮތުގައި 15 ކުދިން ހަރަކާތްތެރިވި އެވެ. މެޗު ފެށުނީ ފުޓުބޯޅަ މެޗަކުންނަމަވެސް އެކި ވަގުތު ތަކުގައި ބާސްކެޓް މެޗަކަށްވެސް ބަދަލުވެގެން ދިޔަތަން ފެނުނެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިންނަށް އުފާވެރި، މަޖާ ވަގުތުކޮޅެއް އެކުދިންނަށް ހޯދައިދިނުމުގެ މަގްސަދުގައި ކުޅެވުނު މިމެޗް ބެލުމަށް ގިނަބަޔަކު ހާޒިރުވި އެވެ. ސަޕޯޓަރުންގެ ފަރާތުންވެސް ފެނިގެން ދިޔައީ އާދަޔާއި ހިލާފު ފޯރި އެކެވެ.

ގައުމީ ޓީމްގެ ޑިފެންސް ފޫއަޅުވާލާ ގައުމީ ޓީމް ކޮޅަށް ފިޔަވަތި ޓީމުން ގޯލް ޖަހާ ކޮންމެ ފަހަރަކު ސަޕޯޓަރުންނާއި އެކުދިންގެ މޫނުމަތިން ފެނިގެން ދަނީ އުފާވެރިކަމުގެ އިޙްސާސް ތަކެކެވެ.

ޝައުގުވެރި މަޖާ އެކުވެރި މާހައުލެއް ދަނޑުމަތިންނާއި ދަނޑު ބޭރުން ފެނިގެން ދިއުމުން މިމެޗް އިންތިޒާމް ކުރުމުގެ މަގްސަދު ފުރިހަމައަށް ހާސިލްވެގެން ދިޔަ ކަމުގައި އުރީދޫން ބުންޏެވެ. މިކަމަށް ގައުމީ ޓީމުގެ ކުޅުންތެރިން ދިން އެއްބާރުލުމަށް އުރީދޫން ޝުކުރު އަދާކުރި އެވެ.

އެ ކުންފުނިން ބުނީ ކޮންމެ އަހަރަކުވެސް ފިޔަވަތީގެ ކުދިންނާއި އެކު ހަރަކާތެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.