ރ. އަލިފުށީ ބިން ހިއްކުމާއި އެއަރޕޯޓް ތަރައްގީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
އިއްޔެ އަލިފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި މަސައްކަތް އިފްތިތާހުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ އަލިފުށި ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ހުސައިންއެވެ. މި ރަސްމިއްޔާތުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަމް އާޒިމް އާއި އެ ކުންފުނީގެ އިސް ބޭފުޅުންގެ އިތުރުން އަލިފުށީ ކައުންިސލް މެމްބަރުން ވެސް ބައިވެރިވެލެއްވިއެވެ.
އަލިފުށީގައި އެއަރޕޯޓް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ އެރަށުގެ ފަޅުން 50.5 ހެކްޓަރުގެ ބިން ހިއްކައިގެންނެވެ. މި މަސައްކަތަށް ބޭނުންވާ ބިން ހިއްކުމާއި އެއަރޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
އެމްޓީސީސީން ބުނީ ބިން ހިއްކުމުގެ މަސައްކަތް ނިމުމާއެކު އެއަރޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
އަލިފުށީގެ ބިން ހިއްކުމާއި އެއަރޕޯޓް ތަރައްގީ ކުރުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
މި މަޝްރޫއުގެ ދަށުން، ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށްޓަކައި 2871 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖަހާނެއެވެ. އަދި 480 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމާއި، ރަންވޭއެއް އެޅުމާއި، ޓެކްސީވޭ، އޭޕްރަން އަދި ސަރވިސް ރޯޑް ހެދުމާއި، ޓާރމިނަލް ބިލްޑިންގއަކާއި ފަޔަރ ބިލްޑިންގއެއް އެޅުމުގެ މަސައްކަތާއި، އަލިފާން ނިއްވާ އިކުއިޕްމަންޓް ބެހެއްޓުމާއި، 655 މީޓަރުގެ ސެކިއުރިޓީ ފެންސެއް ޖެހުމުގެ މަސައްކަތް ވެސް ކުރާނެއެވެ.
އަލިފުށީގައި އެއަރޕޯޓުގައި 1200 މީޓަރުގެ ރަންވޭއެއް އަޅާނެއެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން މި މަޝްރޫއުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 451.6 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!