އުރީދޫ މޯލްޑިވްސްގެ ވޯލްޑްކަޕް ފޯރި 2022 ކެމްޕޭން އިއުލާން ކޮށްފިއެވެ.

މި ކެމްޕޭން އިއުލާން ކުރީ އިއްޔެ އެ ކުންފުނިން ބޭއްވި ހަރަކާތެއްގައެވެ. މި ކެމްޕޭނާއެކު އެ ކުންފުނިން ވަނީ ހަތަރު ކަސްޓަމަރަކަށް ގަތަރުގައި ބާއްވާ ފީފާ ވޯލްޑްކަޕް 2022 ގެ ސެމީ ފައިނަލް މެޗެއް ބަލައިލުމުގެ ފުރުސަތު ލިބޭ ހާއްސަ ލަކީޑްރޯއެއް ތައާރަފުކޮށްފައެވެ.

Ad
rt

އުރީދޫގެ ހާއްސަ ލަކީޑްރޯ ކުރިއަށް ދާނީ މިއަދުން ފެށިގެން މިމަހުގެ ނިޔަލަށެވެ. ލަކީޑްރޯގެ ނަސީބުވެރި ފަރާތްތައް ހޮވާނީ ނޮވެންބަރު 10 ވަނަ ދުވަހުއެވެ.

ސެމީ ފައިނަލް ބަލައިލުމުގެ ފުރުސަތުގެ އިތުރުން ލަކީ ޑްރޯގެ ބައިވެރިންގެ ތެރެއިން ކޮންމެ ހަފުތާއަކުވެސް ވޯލްޑްކަޕް މާޗެންޑައިޒް އާއި އެހެންވެސް އިނާމުތައް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

ވޯލްޑް ކަޕް ފޯރީގެ ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ސުޕަ ނެޓް އަދި ޕޯސްޓް ޕެއިޑް ކަސްޓަމަރުންނާއި ޕްރީ ޕެއިޑް ރީޗާޖް ކުރާ ކަސްޓަމަރުންނާއި އުރީދޫ ބިލް ޕޭމަންޓް، އާ ޕްލޭނަކަށް އަޕްގްރޭޑް ކުރާ ކަސްޓަމަރުން ނުވަތަ ސަބްސްކްރައިބް ކުރާ ކަސްޓަމަރުންގެ އިތުރުން މޫލީ މެދުވެރިކޮށް ވިޔަފާރި ކުރުން ނުވަތަ ޕްރޮމޯޝަނަލް ޕީރިއަޑްގައި އެމް-ފައިސާގެ ހިދުމަތް ބޭނުންކުރުން ފަދަ ހުރިހާ ހިދުމަތެއް ބޭނުންކުރާ ކަސްޓަމަރުންނަށް އޮންނާނެ ކަމަށް އުރީދޫ އިން ބުންޏެވެ.

އުރީދޫ ވޯލްޑްކަޕް ފޯރި ލަކީޑްރޯ އިއުލާނުކޮށްފައިވަނީ އެކުންފުނީގެ 17 ވަނަ އަހަރީ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ބޭއްވި ހާއްސަ ފުޓްބޯޅަ ހަރަކާތުގެ ތެރެއިންނެވެ. އެއީ ފިޔަވަތީގައި ތިބޭ 50 ކުދިންނާއެކު، ގައުމީ ޓީމުގެ ފަސް ކުޅުންތެރިންނާއެކު ބޭއްވި ހަރަކާތެކެވެ.

އިއްޔެގެ މި ހަރަކާތުގައި ނައިބު ރައީސް ރައީސް ފައިސަލް ނަސީމް އާއި އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަދި ޚާލިދު އަލް ހަމާދީ ބައިވެރިވެވަޑައިގެންނެވިއެވެ.