ސްޓޭޓް ޓްރޭޑީން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ރޭޑިއޮގްރަފީ ކޯހާ ބެގޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ބުރާސްފަތި ދުވަހު ބާއްވަން ތާވަލު ކޮށްފިއެވެ.

މި ސެޝަނުގައި ބައިވެރިވާން ޖެހޭނީ ރަޖިސްޓްރީ ކުރާށެވެ. އެގޮތުން https://forms.office.com/r/XtrwGrwDAq މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ.

Ad
rt

މި ސެޝަން ކުރިއަށްދާނީ އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ހުންނަ އެ ކުންފުނީގެ ޓްރެއިނިން އިންސްޓިޓިއުޝަންގައެވެ.

އެސްޓީއޯއިން ބުނި ގޮތުގައި މި ކޯސް ފަށާނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގައެވެ.

މިއީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއާ އެލައިޑް ހެލްތް ކައުންސިލުން ގަބޫލުކުރާ އެ އިދާރާތަކުގެ ހުއްދަ ލިބިފައިވާ ކޯހެއް ކަމަށް އެސްޓީއޯއިން ބުންޏެވެ.

އޭލެވެލްގެ ސައިންސް ސްޓްރީމްގެ ދެ މާއްދާއިން ފާސްވެފައިވާ މީހުންނަށް ކޯހަށް ވަދެވޭނެއެވެ.، އެގޮތުން ފުރަތަމަ ބެޗުގައި ކޯހަށް ހޮވޭ 25 މީހުންގެ ކޯސް ފީ ހަމަޖައްސާނީ އެސްޓީއޯއިންނެވެ.
މިއީ ލެވެލް 5، ޑިޕްލޮމާ ފެންވަރުގެ ކޯހެކެވެ. މި ކޯހުގެ މުއްދަތަކީ 2 އަހަރާއި 6 މަސް ދުވަހެވެ.

އެސްޓީއޯއިން ބުނީ ކޯހުގެ ކިޔެވުން ކުރިއަށްދާނީ 2 އަހަރަށް ކަމަށާއި އިންޓާންޝިޕް މުއްދަތަކީ 6 މަސް ކަމަށެވެ. އިންޓާންޝިޕް ދިނުމަށް އޭޑީކޭ ހޮސްޕިޓަލާއެކު އެސްޓީއޯއިން ވަނީ ސޮއި ކޮށްފައެވެ.

ރޭޑިއޮގްރަފީ ކޯހުގެ ކިޔެވުން ކުރިޔަށް ގެންދާނީ އެސްޓީއޯ ޓްރޭޑް ސެންޓަރުގައި 2019 އަހަރު ރަޖިސްޓަރީ ކުރެވުނު އެސްޓީއޯ ޓްރެއިނިން އިންސްޓިޓިއުޓް އަދި 2021 ވަނަ އަހަރުގެ ޖޫންމަހު ހުޅުވި އެސްޓީއޯ ޖީއީ ސްކިލް ލެބުގައެވެ.