ދުވާލެއްގެ މައްޗަށް އެޅެނީ މުޅިއަކު ކިތައް ފިޔަވަޅުތޯ ބަލައި މަދުވެގެން ދިހަހާސް ފިޔަވަޅު އަޅަން މަސައްކަތްކުރުމަކީ، މަދުމަދުން އެކި ޢުމުރުފުރާގެ މީހުން ކުރަމުން އަންނަކަމަކަށް މިވަނީ ވެފައެވެ.
އަޅުގަނޑަށް މިކަމުގެ މަޢުލޫމާތު ލިބިގެންދިޔައީ، ބައްޕަގެ ކޮލެސްޓްރޯލާއި ލޭގެ ޕްރެޝަރ މަތިވުމުގެ ސަބަބުން ޑޮކްޓަރު މިކަން ކުރުމަށް ލަފާދިނުމުންނެވެ. އޭގެ ކުރިން މިއީ ވިސްނިފައިވާ ކަމެއްވެސް ނޫނެވެ.
ބައްޕައަށް ދުވާލަކު އެޅޭ ފިޔަވަޅު ގުނުމަށްޓަކައި 'ގޫގުލް ފިޓް' ނަމަކަށް ކިޔާ އެޕްލިކޭޝަން އަޅައި، ކޮވިޑް19ގެ ޝިކާރާގައި ކަރަންޓީނުވެފައި ހުރިޙާލުވެސް މި ދިހަހާސް ފިޔަވަޅު އެޅުމަށްޓަކައި ގޭތެރޭގައި ބުރުޖެހުން ވެގެންދިޔައީ މަޖާ ކަމަކަށެވެ. ނަމަވެސް، މިކަމުގެ އަސްލު ޙަޤީޤަތް ބަލާލަން ބޭނުންވިޔެވެ.
ތިމާއަށް ދުވާލަކު އެޅެނީ ކިތައް ފިޔަވަޅުތޯ ގުނާލަނީ އަހަރުމެންގެ ތެރެއިން ކިތައް މީހުންބާއެވެ؟ މިކަމުން އެއްވެސް ފައިދާއެއް ކުރޭބާއެވެ؟
ބަރުދަން ލުއިކޮށްދިނުން
އާދެ، ދިރާސާތަކުން ދައްކާ އެންމެ ފުރަތަމަ ނުކުތާއަކަށް ވެގެންދިޔައީ، މިކަމުގެ ސަބަބުން ބަރުދަން ލުއިކޮށްދޭކަމެވެ. މަދުވެގެން ދިހަހާސް ފިޔަވަޅު ދުވާލެއްގެ މައްޗަށް އެޅުމަކީ، ހަފްތާއަކު 30 މިނިޓްގެ 5 ކަސްރަތު ކްލާސް ނެގުމާއި އެއްވަރަށް ހަށިގަނޑުގެ ސަރުބީ އަންދާކަމެއްކަމަށް ރިސާރޗަރުން މަޢުލޫމާތު ދެއެވެ.
ގިނަ ވަގުތު ހަރަކާތްތެރިވެ ހުރުމުގެ ސަބަބުން، މުޅި ހަށިގަނޑުގެ އެކި ތަންތަނުގައި ރައްކާވެ ޖަމާވެފައިވާ ސަރުބީ އަންދައި ހަށިގަނޑުގެ ގާތްގަނޑަކަށް ކޮންމެ ނިޒާމަކަށް ކާނާ ލިބިގެންދެއެވެ.
ހިތުގެ ދުޅަހެޔޮކަން ރަނގަޅުކޮށްދިނުން
މިކަމުގެ ސަބަބުން އިންސާނާގެ ހިތުގައި ޖަހާ ކޮންމެ ވިންދަކަށް ޕަމްޕު ކުރާ ލޭގެ ޢަދަދު އިތުރުވެގެންދެއެވެ. އަދި ލޭގެ ޕްރެޝަރގެ ބައްޔަށް ބޮޑެތި ރަނގަޅު އަސަރުތަކެއް ގެނުވައިދިނުން އެކަށީގެންވެއެވެ.
ދުވާލު ދިހަ ހާސް ފިޔަވަޅު އަޅާ މީހާއާއި އެއް ހާސް ފިޔަވަޅު އަޅާ މީހާއާއި އަޅާބަލާއިރު، އެންމެ ހާހެއްގެ ފިޔަވަޅު އަޅާ މީހުންގެ ހިތުން ލޭ ޕަމްޕު ކުރުމަށް ދުވަހެއް ދުވަހަކު އަޅާ ތަކުލީފް އިތުރުވެ ހިތުގެ ބަލިތަކުގެ ޝިކާރައަކަށް ވެގެންދިއުމަކީ ދުރުކަމެއް ނޫން ކަމަށް ދިރާސާއިން ދައްކައިދެއެވެ.
ހަށިގަނޑުގައި ހުންނަ ސަރުބީ މަދުކޮށްދިނުން
އާދައިގެމަތިން އެހާ ހަރަކާތްތެރި ނޫން މީހާއާއި، ދުވާލަކު މަދުވެގެން ދިހަހާސް ފިޔަވަޅު އަޅާ މީހުންގެ ކެލަރީސްތަށް ދައުރުވެގެންދަނީ ތަފާތު ދެ ގޮތަކަށްކަށެވެ.
ހަށިގަނޑަށް ލިބެންޖެހޭ ކަސްރަތާއި ހަރަކާތްތަށް ނުލިބޭނަމަ، ތިމާމީހާ ކައިގެން ލިބޭ ކެލަރީސްތައް ހަށިގަނޑުގެ މަސްތަކުގަ އާއި ފުރަމޭގައި ރައްކާކުރެވިގެންދާއިރު، މަދުވެގެން ދިހަހާސް ފިޔަވަޅު އެޅުމުގެ ސަބަބުން މި ކެލަރީސްތައް އަނދައަނދާ ހުންނަގޮތް ވެގެންދެއެވެ.
ލޭގައި ހިމެނޭ ހަކުރުގެ މިންވަރު ސްޓޭބަލް ކޮށްދިނުން
ފިޔަވަޅު އެޅުމުގައި ހަރަކާތްތެރިވާ މީހަކަށް، ކެއުމަށްފަހު ލޭގައި ގްލޫކޯޒް އަދި އިންސިއުލިން ހުންނަ މިންވަރު ވަރަށް ބޮޑަށް ދަށްވެގެންދެއެވެ.
ގްލޫކޯޒާއި އިންސިއުލިން އަކީ ހަކުރުބައްޔާއި އަދި ހިތުގެ ބަލިތަކުގެ ނުރައްކަލުގެ މިންވަރު ކަނޑައަޅާ މޮނިޓާރ ކުރާ ދެމާއްދާއެވެ. އަދި އަބަދުމެ ހަރަކާތްތެރިވެ ހުރުމުގެ ސަބަބުން މި ބަލިތަށް ޖެހުމުން ދުރުކޮށްދިނުން އެކަށީގެންވެއެވެ.
ރަނގަޅު އާދަތަށް ހަށިގަނޑުގައި ހަރުލުން
ދުވާލަކު ދިހަހާސް ފިޔަވަޅު އަޅާ މީހާއާއި، އެންމެ ހާސް ދެހާސް ފިޔަވަޅު އަޅާ މީހާއައި ވަރަށް ބޮޑު އެއް ތަފާތެއްވެއެވެ. މިއީ ގުލްކޯޒް މިންވަރަކުން ނުވަތަ ސިކުނޑީގެ ސްކޭނަކުން ނުވަތަ އިތުރު އެހެން ސިއްހީ ޓެސްޓަކުން ދެނެގަނެވޭނޭ ތަފާތެއްނޫނެވެ.
އެއީ ސިކުނޑީގެ ދުޅަހެޔޮކަމެވެ. ސައިކަލާއި ކާރަށް އަޅުގަނޑުމެންގެ ވިސްނުމާއި ފުރާނަ އާދަވެފައިވާ، އަދި ފޯނުގެ ސްކްރީނަށް ތެރަސްލައި ތަތްވެފައިވާ ޙާލު ދުވަސްތައް ފާއިތުވާ މި ޒަމާނުގައި، ދުވާލަކު މަދުވެގެން ދިހަހާސް ފިޔަވަޅު އެކަމަށްޓަކައި ވަރަށް ބޮޑު އަޒުމަކާއި، ހިތްވަރާއި، އަމިއްލަ އުސޫލެއްގެ ބޭނުން ޖެހެއެވެ. އަދި ދެ ދުވަހަކު ދިހަ ހާސް ފިޔަވަޅުގެ ނަތީޖާއާއި ބައްދަލުވެފައިވާނަމަ، ޖެހިގެން އަންނަ ދުވަހުވެސް އެ ނަތީޖާއާއި ވާސިލްވުން ގާތްކަމަށް ސައިކޮލޮޖިސްޓުން ހާމަކުރެއެވެ.
ވަކިވަރަކަށް ފިޔަވަޅު އެޅުމަށް އޮންނަ މި މޮޑެލުގެ މަޤްސަދަކީ އާދައިގެ މަތީންވެސް ދުވަހުގެ ތާވަލަށް ހަރަކާތްތެރިވުމުގެ ރޫޓިންއެއް އެކުލަވާލުމެވެ. މި ކަމަކީ ތިމާމީހާގެ މުޅިހަށިގަނޑުގެ ދުޅަހެޔޮކަމަށް އިސްކަންދީ ސުލޫކީ ބަދަލުތަކަކަށް މަގުފަހިކޮށްދޭ ކަމެކެވެ. މަދު ދުވަސް ކޮޅެއްގެތެރޭގައި ހިނގުމުގައި އުޅުމަށް ލޯބިޖެހި އާދަވާކަމެކެވެ.
އެހެންކަމުން، މި ޗެލެންޖްގައި ބައިވެރިވެލަމާތޯއެވެ؟ ފިޔަވަޅުތައް ގުނުމަށްޓަކައި ސްމާރޓް ވޮޗް އެއް ބޭނުންކުރެވިދާނެއެވެ. ނުވަތަ ހިނގުމަށް ޚާއްސަ އެޕްލިކޭޝަންސްވެސް މިހާރު ހުރެއެވެ.
އާދެ، ފަތިސް ނަމާދުން ފައިބައިގެން 15-20 މިނިޓް ޕާކެއްގެ ތެރޭ ހިނގާލުން ކިހިނެތްވާނެތޯއެވެ؟ ނުވަތަ އިރު އަރާ މަންޒަރު ބަލަމުން އަތިރިމަތީގެ ހިތްގައިމު ކަންމަތީވެސް ހިނގިދާނެއެވެ.
ސައިކަލް އޮފީސްކައިރީ ރަނގަޅު ތަނެއްގައި ޕާކް ކޮށްލުމަށްފަހު ހިނގާފައި މެންދުރު ކެއުން ނަގަންވެސް ދެވިދާނެއެވެ. ތަންކޮޅެއް ދުރު މަންޒިލެއް އިޚްތިޔާރުކުރުމުން އާޚިރު ނަތީޖާއާއި އަވަހަށް ބައްދަލުވުން ގާތްނޫންތޯއެވެ.
މައުލޫމާތު ނަގާފައިވަނީ: ވެއިޓްވޮޗާސް . ކޮމްް
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!