ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު، މިއަހަރުގެ ރިޔާސީ ބަޔާނުގައި ވެވަޑައިގެންނެވި އެއް ވައުދަކީ ށ. ފޯކައިދޫ ރައްޔިތުންނަށް ހިތްފަސޭހަ ބަނދަރެއް ތަރައްގީ ކޮށްދެއްވާނެ ކަމުގެ ވައުދުފުޅެވެ. މިއަހަރުގެ ހުޅަނގުމޫސުމުގެ ވިއްސާރައިގެ ކުރިން އެ ރަށުގެ ރައްޔިތުންނަށް ހިތްހަމަ ޖެހުން ލިބޭނެ ކަމުގެ ވައުދުފުޅެވެ. އެމްޓީސީސީގެ ބުރަ މަސައްކަތާއެކު މިއަދު ރައީސްގެ ވައުދުފުޅުވަނީ ހަގީގަތަކަށްވެފައެވެ.
ފޯކައިދޫ ބަނދަރަކީ ހުޅަނގު މޫސުމުގައި ކަނޑުގަދަވުމުގެ ސަބަބުން އެއް ގޮތަކަށްވެސް ބޭނުން ނުކުރެވޭ ބަނދަރެކެވެ. އެ ރަށުގެ އާއްމު ރައްޔިތުން ބުނާ ގޮތުގައި އެ މޫސުމުގައި އުޅަނދުތައް ބަނދަރަށް ވަދެ ރައްކާތެރިކަން ހޯދުމުގެ ބަދަލުގައި ޖެހެނީ ބަނދަރުން ނިކުމެ ރައްކާތެރިކަން ހޯދާށެވެ. މީގެ ސަބަބުން މަސްވެރިންނާއި އޮޑިވެރިންނަށް ގިނަ ގެއްލުމާއި ދަތިތައް ދިމާވާކަމަށް އެ ރަށުގެ ރައްޔިތުން ބުނެއެވެ.
މި މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ރައީސް ވައުދުވެވަޑައިގެން ވިދާޅުވީ މިއަހަރުގެ ޖޫން ޖުލައިގެ ކުރިން އެ ތަން ހިތްފަސޭހަ ބަނދަރަކަށް ހައްދަވައިދެއްވާނެ ކަމަށެވެ. އެއާއެކު އެ ރަށުގެ ބަނދަރުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކުރިއެވެ.
އެމްޓީސީސީން ކުރަމުން އައި މި މަސައްކަތް މިހާރު ނިމުމަކާ ގާތްވެފައިވާއިރު މިހާރުވެސް އެ ރަށުގެ ރައްޔިތުންނަށް ގިނަ ފަސޭހަތަކެއް ވެފައިވާ ކަމަށް އެ ރަށުގެ ރައްޔިތުން ބުނެއެވެ.
“ކުރިން ބޭރަށްވުރެ މިތާ ބަނދަރުތެރެ މާ ގަދަ. އަޅުގަނޑުމެން ޖެހެނީ ދޯނިތައް ގެންގޮސް އަނެއް ފަރާތުގައި އަޅާފައި ބައްތިއްބަން. އެކަމަކު މިހާރު މިއީ އެންމެ މަޑު ބަނދަރޭ ވެސް ބުނެވިދާނެ” މަސްވެރިއަކު ބުންޏެވެ.
އެ ރަށުގެ ކައުންސިލް ރައީސް އަހުމަދު އާސިފް ވިދާޅުވީ ކުރިން އޮތް ބަނދަރުގެ ސަބަބުން އެ ރަށުގެ އިގްތިސާދަށްވެސް ވަރަށް ބޮޑު އަސަރެއް ކުރި ކަމަަށެވެ. ނަމަވެސް އާ ބަނދަރާއެކު ރަށުގެ އިގްތިސާދުވެސް ކުރިއަރައިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
“ ރަށެއްގެ ބަނދަރާ ވަރަށް ބޮޑަށް ގުޅިފައި މިއޮންނަނީ އެ ރަށެއްގެ އިގްތިސާދީ ބައިވަރު ހަރަކާތްތަކާ. މި ރަށުގައިވެސް ރަނގަޅު ބަނދަރެއް ނެތުމުން އިގްތިސާދުގެ ބައިވެރި ކަންކަން ހުއްޓިފަ މިހުރީ. މިސާލަކަށް ބަނދަރު ސަރަހައްދުގައި ތެޔޮ ވިއްކަން ބޭނުންވިޔަަސް ސްލިޕްވޭއެއް އަޅަން ބޭނުންވިޔަސް އައިސް ލިބޭނެ އިންތިޒާމް ހަމަޖައްސަންވިޔަސް. މިއިން އެއްވެސް ކަމެއް ނުކުރެވި މިދިޔައީ” ކައުންސިލް ރައީސް ވިދާޅުވިއެވެ.
އެމްޓީސީސީން ފޯކައިދޫ ބަނދަރި ތަރައްގީ ކުރުމުގެ މަސައްކަތުގެ ދަށުން 41795 ކިޔުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ކޮނުމާއި 4000 ކިޔުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު ފުން ކުރުމާއި އެއްގަމުތޮށި ލުމާއި ރިވެޓްމަންޓް ޖެހުމާއި ބޮޑުހިލަ ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޕޭވްމަންޓް ހަދައި ޖެޓޮ ތަރައްގީ ކުރުމާއި ބަނދަރުގެ ބައްތި ހަރުކުރުމާއި ބޮއި އެޅުމުގެ މަސައްކަތް ވެސް ހިމެނެއެވެ.
މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 64 މިލިއަން ރުފިޔާއަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!