ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ދަށުން އައްޑޫ ސިޓީ އާއި ފުވައްމުލައް ސީޓީ އާއި ލ. އަތޮޅުގައި މިނީ ބަހިގެ ހިދުމަތް މިއަދު ފަށައިފިއެވެ.
މި ހިދުމަތް ފަށަން ބޭނުންވާ ބަސްތައް މިހާރު ވަނީ އެ ސަރަހައްދުތަކަށް ފޮނުވައިފައެވެ. އެގޮތުން، އައްޑުއަށް 13 ބަސް ފޮނުވާފައިވާއިރު ފުވައްމުލަކަށް ހަތަރު ބަސް ލ. އަތޮޅަށް ހަ ބަސް ވަނީ ފޮނުވާފައެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި ހިދުމަތް މިއަދު ފެށި ނަމަވެސް އަދި ކުރާނީ ރޫޓު ތަޖުރިބާ ކުރުމުގެ ދަތުރުތައް ކަމަަށެވެ. އެގޮތުން އަންނަ މަހުގެ 14 ވަނަ ދުވަހާ ހަމައަށް ހިލޭ ދަތުރުތައް ކުރެވޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
އޮގަސްޓް 15 އިން ފެށިގެން ބަހުގެ ހިދުމަތަށް ފައިސާ ދައްކަން ޖެހުނު ނަމަވެސް ތިން އަހަރުން ދަށުގެ ކުޑަކުދިންނާއި ސްކޫލް ކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށާއި 65 އަހަރުން މަތީގެ އިސްރަށްވެހިންނަށް މި ހިދުމަތް ހިލޭ ލިބޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
މިނީ ބަސްތަކުގައި އެއްފަހަރާ 20 މީހުންނަށް ދަތުރުކުރެވޭނެއެވެ. މި ބަސްތައް ފަރުމާ ކޮށްފައިވަނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހަ ކަމާއެކު އަރައި ފޭބޭ ގޮތަށެވެ.
އެމްޓީސީސީން އާރުޓީއެލްގެ ދަށުން އައްޑޫ އާއި ފުވައްމުލަކާއި ލ. އަތޮޅުގައި ހިދުމަތް ދެނީ ސަރުކާރާއެކު ވެފައިވާ 50 އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
ލ. އަތޮޅުގައި މި ހިދުމަތް ދެނީ އިސްދޫ އާއި ކަލައިދޫ އާއި ގުޅިފައިވާ ރަށްތަކުގައެވެ.
ބަސްތަކުގެ ރޫޓުތައް އެމްޓީސީސީން މިހާރު ވަނީ އާއްމުކޮށްފައެވެ. މި ރޫޓުތައް އެމްޓީސީސީގެ ވެބްސައިޓުންނާއި، އާރުޓީއެލްގެ ވެބްސައިޓުން ބަލައިލެވޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!