ރާއްޖެ ޓްރާންސްޕޯޓް ލިންކު ޚިދުމަތުގެ ތެރޭގައި ހިމެނޭ މިނީ ބަހުގެ ޚިދުމަތް އަތޮޅުތަކުގައި ފެށުމަށް ބޭނުންވާ މިނީ ބަސްތައް އަތޮޅުތަކަށް ފޮނުވައި ނިންމައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން މި ހިދުމަތް ދޭން ފަށަނީ ރާއްޖޭގެ 4 ސަރަހައްދެއްގައެވެ. އެއީ މާލެ އާއި އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ލ އަތޮޅުގައެވެ.
މި މަސައްކަތް ފެށުމަށް ބޭނުންވާ 41 ބަހުގެ ތެރެއިން 36 ބަސް މިމަހުގެ 16 ވަނަ ދުވަހު ވަނީ ރާއްޖެއަށް ގެނެސްފައެވެ.
ރަށްރަށަށް މިނީ ބަސަތައް ފޮނުވުމުގެ މަސައްކަތުގެ ދަށުން ލ. އަތޮޅުގެ އިސްދޫއަށް ދެ ބަހާއި ގަމަށް ހަތަރު ބަސް ވަނީ ފޮނުވައިފައެވެ. އަދި ފުވައްމުލަކަަށް ވަނީ ފަސް ބަސް ފޮނުވައިފައެވެ. ފުވައްމުލަކަށް ފޮނުވި ބަހުގެ ތެރޭގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ ބަހެއް ވެސް ހިމެނެއެވެ.
އެންމެފަހުން ބަސްތައް ފޮނުވާފައިވަނީ އައްޑޫ ސިޓީއަށެވެ. އެގޮތުން އައްޑޫ ސިޓީއަށް 12 ބަސް ފޮނުވާފައިވެއެވެ.
އެމްޓީސީސީން މަސައްކަތްކުރަމުންދަނީ އައްޑު އާއި ފުވައްމުލަކާއި ލ. އަތޮޅުގައި މި މަސް ތެރޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަށެވެ.
ބަހުގެ ޚިދުމަތް ފެށުމަށް ބޭނުންވާ އެންމެ ފަހުގެ ތައްޔާރީތައް އެމްޓީސީސީން އަންނަނީ ކުރަމުންނެވެ. އެގޮތުން ބަސް ރޫޓްތަކާއި ބަސް ހުއްޓާނެ ތަންތަން ކަނޑައެޅުމުގެ ކަންކަން ކުރަމުން އަންނައިރު، އެކަމަށް ބޭނުންވާ މުވައްޒަފުން ހޮވައި އަންނަނީ ތަމްރީނުކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!