ފުރާސްގެ ފުޓްބޯޅަ ސީޒަން ހުޅުވަން ކުޅުނު ފްރާންސްގެ ޓްރޮފީސް ޑި ޗެމްޕިއަންސް ޕީއެސްޖީ އިން ކާމިޔާބުކޮށްފި އެވެ.
އިޒްރޭލްގެ ޓެލްއަވީވް ގައި ކުޅުނު މިމެޗް ނޯންޓެސް ގެ މައްޗަށް ޕީއެސްޖީއިން ކުރިހޯދީ 4-0 ގެ ނަތީޖާއިންނެވެ.
މެޗުގެ 33 ވަނަ މިނެޓްގައި ޕީއެސްޖީ އަށް ލީޑުނަގައިދިނީ ލިއޮނަލް މެސީ އެވެ. ނޭމާ ދިން ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ، މެސީ މި ގޯލު ޖެހީ ނޯންޓެސްގެ ކީޕަރު އަލްބާން ލަފޯން ކައިރިން ނައްޓައިފަ އެވެ.
ދެވަނަގޯލް ފުރަތަމަ ހާފްގެ އިތުރު ވަގުތު ލިބުނު ހިލޭޖެހުމަކުން ކާމިޔާބު ކޮށްދިނީ ނޭމާއެވެ. ތިންވަނަ ގޯލް 57 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ ސާޖިއޯ ރާމޯސް އެވެ. މެޗްގެ 4 ވަނަ ގޯލް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ނޭމާއެވެ.
މިއީ 81 ވަނަ މިނެޓުގައި ނޯންޓެސްގެ ޑިފެންޑަރ ޖިއާން-ޗާލްސް ކަސްޓެލޭޓޯ އޭރިއާތެރެއިން ނޭމާ އަށް ފައުލުކުރުމުން ލިބުނު ޕެނަލްޓީއެކެވެ. މި ފައުލާ ގުޅިގެން ކަސްޓެލޭޓޯއަށް ވަނީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލައިފައެވެ.
މިއީ މައުރީސިއޯ ޕޮޗެޓީނޯ ވަކިކޮށް ޕީއެސްޖީގެ ކޯޗުކަމާ ކްރިސްޓޮފް ގަލްޓިއޭ ހަވާލުވި ފަހުން އެ ޓީމު ކުޅުނު ރަސްމީ ފުރަތަމަ މެޗެވެ.
ވޭތުވެ ދިޔަ 10 އަހަރު ތެރޭ މި ޓްރޮފީ ޕީއެސްޖީއަށް ގެއްލިފައި ވަނީ އެންމެ ފަހަރަކުއެވެ.
މި މެޗަށްފަހު އަންނަ ހަފްތާގައި ފުރާންސްލީގް ކުޅުންފަށާނެއެވެ. ޕީއެސްޖީ ފުރަތަަމަ މެޗްގައި އަންނަ އާދީއްތަ ދުވަހު ނުކުންނާނީ ކުލެމޮންޓް ފޫޓް އާއި ދެކޮޅަށެވެ. ނޯންޓެސް ނުކުންނާނީ އެންގާސް އާއި ދެކޮޅަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!