ދިވެހި ރާއްޖޭގެ ސިޔާސީ ލީޑަރުންނަށް، ކޯލިޝަން ސަރުކާރުގެ ދާހިލީ ވަޒީރު ޝައިޙް އިމްރާން އަބުދުﷲ ވަރުގަދަ ނަސޭހަތެއް ދެއްވައިފި އެވެ.

އަދާލަތު ޕާޓީގެ ރައީސްކަންވެސް ކުރައްވާ ޝައިޙް އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސިޔާސީ ވިސްނުމާ މަސައްކަތުގައި ކިތަންމެ ޚިޔާލު ތަފާތުވިޔަސް ދީނީ ގޮތުންނާއި، ދުނިޔަވީ ގޮތުން ހިފަހައްޓަން ޖެހޭ ހަމަތަކާއި އަޚްލާގިއްޔާތަށް ރައްކާތެރިވުމީ ހުރިހާ ސިޔާސީ ލީޑަރުން ވިސްނަން ޖެހޭ ކަމެއްކަމަށެވެ.

Ad
rt

އެމްޑީޕީގެ އެތެރޭގައި ފެކްޝަންތަކެއް އުފެދި ކޯޅުން ބޮޑުވެފައިވާއިރު، ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް ޝައިޙް އިމްރާން މިފަހުން އަންނަނީ ސިޔާސީ ކަންކަމުގައި ވަރަށް ގިނައިން ޓުވީޓް ކުރައްވަމުންނެވެ.

ގަބޫލު ކުރެވޭ ގޮތުގައި ޝައިޙް އިމްރާން އެ އިޝާރާތް ކުރެއްވީ ރޭ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕަށް ކުރެއްވި މެސެޖުތަކެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ކުރެއްވި ތުހުމަތުތަކާއި ގުޅޭގޮތުންނެވެ.

ނަޝީދު ވަނީ ރައީސް ސޯލިޙްގެ އިސްތަށިފުޅުގައި ވަރަށް ބޮޑެތި ތުޙުމަތުތަކެއް އަޅުވާފަ އެވެ. ރައީސް ޞާލިޙު އަންހެންކުއްޖަކާއެކު ޒިނޭކުރައްވާ މަންޒަރު ފެންނަ ހަތަރު ފޮޓޯގަނޑު ލިބިވަޑައިގެންފައިވާ ކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ. ނަމަވެސް ސަރުކާރުގެ ތަރުޖަމާނު މިކަން ދޮގުކުރައްވަ އެވެ.

ރައީސް ނަޝީދާއި ރައީސް ޞާލިޙް އަކީ ކުޑައިރުންފެށިގެން ވަރަށް ގާތް ދެރަޙްމަތްތެރިންނެވެ. ފަހަކަށް އައިސް ނަޝީދު ވަނީ އެކުވެރިޔާ ރައީސް ޞާލިޙްގެ ވެރިކަމާއި ދެކޮޅަށް ވަރަށް ގިނައިން ވާހަކަ ދައްކަވާފަ އެވެ.