މެންޗެސްޓަރ ސިޓީ އާއި ލިވަޕޫލް ވާދަކުރާ އެފްއޭ ކޮމިއުނިޓީ ޝީލްޑް މެޗުން އިނގިރޭސި ފުޓްބޯޅަ ސީޒަން މިރޭ ފަށާނެ އެވެ.
ސިޓީ އާއި ލިވަޕޫލް އަކީ މިހާރު އިނގިރޭސި ފުޓްބޯޅައިގައި އެންމެ ވަރުގަދަ ދެޓީމެވެ. މިދިޔަ ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ސިޓީ ހޯދީ ލިވަޕޫލަށް ވުރެ އެއް ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. ލިވަޕޫލުން އިން ވަނީ އިނގިރޭސި އެފްއޭ ކަޕާއި އިނގިރޭސި ލީގު ކަޕް ކާމިޔާބުކޮށްފައެވެ.
އާސީޒަނާ މި ދެ ޓީމު ވެސް ކުރިމަތިލަނީ އެޓޭކަށް ކުޅުންތެރިން އިތުރުކޮށްގެންނެވެ. ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑުން 51 މިލިއަން ޕައުންޑަށް ނޯވޭ އަށް އުފަން 22 އަހަރުގެ ހުނަރުވެރި ފޯވާޑް އާލިން ބްރައުޓް ހާލަންޑް ގެ ސޮއި ވަނީ ސިޓީއިން ހޯދާފައެވެ. މީގެ އިތުރުން ސިޓީގެ ފޯވާޑް ލައިނަށް އިތުރުވި މުހިތްމު ކުޅުން ތެރިޔަކީ އާޖެންޓީނާގެ 22 އަހަރުގެ ހުނަރުވެރި ފޯވާޑް ހޫލިއަން އަލްވާރޭޒް އެވެ.
މިދިޔަ ޖެނުއަރީ މަހު ސިޓީއާ ގުޅުމަށް ފަހު ހަ މަސް ދުވަހުގެ މުއްދަތަކަށް ލޯނު އުސޫލުން އަލްވާރޭޒް ކުޅެމުން އައީ ރިވަ ޕްލޭޓްއަށް ށެވެ. މި ދެކުޅުންތެރިންގެ އިތުރުން ލީޑްސް ޔުނައިޓަޑްގެ އިނގިރޭސި މިޑްފީލްޑަރު ކެލްވިން ފިލިޕްސް ގެ ސޮއި ސިޓީ އިން ވަނީ ހޯދާފައެވެ.
ލިވަޕޫލަށް ގެނައި އެންމެ މުހިއްމު ކުޅުންތެރިޔަކީކުލަބް ރެކޯޑް ފީއަކަށް 85 މިލިއަން ޕައުންޑަށް ޕޯޗުގަލްގެ ބެންފީކާގައި މޮޅު ކުޅުމެއް ދެއްކި އުމުރުން 23 އަހަރުގެ އުރުގުއޭގެ ފޯވާޑް ޑާވިން ނޫނޭޒް އެވެ. މީގެ އިތުރުން ޕޯޗުގަލްގެ ފޯވާޑް ފަބިއޯ ކަވާލިއޯ އާއި ސްކޮޓްލެންޑަށް އުފަން 18 އަހަރުގެ ޑިފެންޑަރު ކެލްވިން ރަމްސީގެ ސޮއި ލިވަޕޫލުން ވަނީ ހޯދާފަ އެވެ
އާ ސީޒަނާ ކުރިމަތިލާއިރު ދެ ޓީމުން ވެސް ވަނީ ޕްރީ ސީޒަނުގައި އެކުވެރިކަމުގެ މެޗުތައް ކުޅެފަ އެވެ. އަެގެ ތެރެއިން ލިވަޕޫލް ވަނީ 4 މެޗް ކުޅެފައެވެ. 4 މެޗް ގެ ތެރެއިން 2 މެޗުން މޮޅުވިއިރު، 2 މެޗުން ވަނީ ބަލިވެފައެވެ. ސިޓީއިން ކުޅުނު ދެމެޗުންވެސް ވަނީ މޮޅުވެފައެވެ.
އެންމެ ފަހުން މި ދެޓީމް ކުޅުނު 5 މެޗް ގެ ތެރެއިން 3 މެޗް ނިމިފަވަނީ އެއްވަރު ވެގެންނެވެ.އަނެއް ދެމެޗުން ކޮންމެ ޓީމަކަށް ވަނީ މޮޅެއް ލިބިފައެވެ. އެންމެފަހުން މި ދެޓީމް ބައްދަލު ކޮށްފައިވަނީ މި އަހަރު އޭޕްރީލް މަހު 16 ވަނަ ދުވަހު އެފް އޭ ކަޕް ސެމީފައިނަލް ގައެވެ. އެމެޗް ފުރަތަމަ ހާފް ގައި ލިވަޕޫލް ވަނީ 3 ގޯލް ޖަހާފައެވެ. ސިޓީން އަށް ޖެހިފައިވަނީ 2 ގޯލެވެ. 2 ގޯލްވެސް ޖަހާފައިވަނީ ފަހު ހާފުގައެވެ. މެޗް ނިމުނީ 3-2 ން ލިވަޕޫލް މެޗް ކާމިޔާބް ކޮށްގެންނެވެ.
މިހާތަނަށް 15 ފަަހަރު ލިވަޕޫލް ވަނީ ކޮމިއުނިޓީ ޝީލްޑް ކާމިޔާބް ކޮށްފައެވެ. މިރޭގެ މެޗް ލިވަޕޫލް ކާމިޔާބް ކޮށްފިނަމަ އާސެނަލް އާއި އެއްވަރު ވާނެއެވެ. ސިޓީއަށް ކޮމިއުނިޓީ ޝީލްޑް ކާމިޔާބް ކުރެވިފައިވަނީ 6 ފަހަރުއެވެ.
ސިޓީ އާއި ލިވަޕޫލް ވާދަކުރާ ފޯރިގަދަ ކޮމިއުނިޓީ ޝީލްޑް މެޗު ލެސްޓާ ސިޓީގެ ކިންގް ޕަވާ ސްޓޭޑިއަމްގައި ފަށާނީ މިރޭ ރާއްޖެ ގަޑިން 9 ޖަހާއިރު އެވެ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!