ކުޑަކުދިން ބޮޑާހާކާ ރުޅިގަދަވުމަކީ ހޫނު މޫސުމުގެ ތޫފާނެކޭ އެއްވަރުގެ ކަމެކެވެ. ކުއްލިއަކަށް އަންނަ އަދި ބައެއްފަހަރު ވަރަށް ވަރުގަދަ ކަމެކެވެ.
އެއް މިނެޓު ތިބާއާއި ދަރިފުޅު ކެފޭއެއްގައި، ހަމަޖެހިލައިގެން މެންދުރުގެ ކެއުން ކުރިއަށް ގެންދާއިރު، ޖެހިގެން އަންނަ މިނެޓުގައި ބޮޑާހާކައި، ރުޅި އައިސް، ރޮއެ، ހަޅޭއްލަވައިގަންނަނީ އެމީހުންގެ ޖޫސްތަށީގައިވާ ހޮޅި ކުޑަކޮށް ބަޅުވެލާފައި އިނދެގެންނެވެ. ޚާއްސަކޮށް އުމުރުން އެއް އަހަރާއި ތިން އަހަރާއި ދެމެދުގެ ކުދިންގެ ކިބައިން މި ކަންކަން ފެނުމަކީ އާންމު ކަމެކެވެ.
ކުދިން ރުޅިގަދަވެ ބޮޑަހާކަނީ ކީއްވެގެން ހެއްޔެވެ؟
މި އުމުރުގައި ކުދިން ރުޅިގަދަވެ ބޮޑާހާކަނީ މަންމަ ނުވަތަ ބައްޕަ ދެރަކޮށްލަން ކަމަށް ވުމަކީ ގާތް ކަމެއް ނޫނެވެ. ބޮޑަށް ބެލެވޭ ގޮތުގައި މިގޮތަށް މިކަން ދިމާވަނީ ކުދިން ކަންކަމާ މާޔޫސް ވުމުންނެވެ.
ތިބާގެ ދަރިފުޅަށް އަޑުއިވޭ ލަފުޒުތަކުގެ ތެރެއިން ވަރަށް ގިނަ ބަސްތައް ވިސްނެން ފެށި ނަމަވެސް، ބަސް ބޭނުންކުރުމުގެ ޤާބިލުކަން އަދިވެސް ވަރަށް ކުޑައެވެ. އަދި ދަރިފުޅަށް އިހުސާސް ކުރެވޭ ގޮތް ނުވަތަ ބޭނުންވާ ގޮތް ހާމަ ނުކުރެވޭ ވަގުތުތަކުގައި މާޔޫސްކަން އިތުރުވެގެންދެއެވެ. އޭގެ ސަބަބުން ކުދިން ރުޅިގަދަވެއެވެ.
މިފަދަ ވަގުތުތަކުގައި ކަންތައް ކުރާނީ ކިހިނެއް ހެއްޔެވެ؟
ފުރަތަމަކަމަކަށް ތިބާގެ ރުޅި ކޮންޓްރޯލު ކުރާށެވެ.
"ޓެންޓްރަމް" ނުވަތަ ރުޅިގަދަވެ ބޮޑާހާކާ ވަގުތަކީ ބަލަން ހުންނަ މީހާއަށް ވެސް ރީތި މަންޒަރެއް ނޫނެވެ. ފައިން ޖެހުމާއި، ހަޅޭއްލަވައިގަތުމުގެ އިތުރުން އެއްޗެހި އުކާލުމާއި ޖެހުމާއި އަދި ނޭވާ ހިފަހައްޓައިގެން ހުރުމާއި އަމިއްލަ ނަފްސަށް އަނިޔާކުރުން ވެސް ކުދިން ކުރާ ކަންކަމެވެ.
ދަރިފުޅު ރުޅިގަދަވެ މިގޮތަށް ހާލަތު ހުންނަ ވަގުތުގައި، ކުއްޖާ ދެކެ ރުޅި އައިސް ހަޅޭއްލަވައި ނުވަތަ އިންޒާރު ދިނުމުން އެދަރިފުޅުގެ ސިކުނޑިއަށް އެބުނާ އެއްޗެއް ވިސްނުމަކީ ވަރަށް ދުރު ކަމެކެވެ. އެއީ ކުއްޖާ އެއަށް ރައްދު ދިން ކަމުގައިވީ ނަމަވެސްމެއެވެ.
އެހެންކަމުން އެވަގުތުގައި ރުޅި އިސްނުކޮށް ދަރިފުޅާއެކު އިށީނދެ އިނދެލުމަކީ ކުރެވިދާނެ ކަމެކެވެ. އެފަދަ ވަގުތެއްގައި ތިބާ ކައިރީގައި ހުރިކަން އެނގުމުން އެކުދިންނަށް ރައްކާތެރިކަން އިހުސާސް ކުރެވޭނެއެވެ. ބައެއް ތަޖުރިބާކާރުން ލަފާދެނީ ދަރިފުޅު އުރާލެވެން އޮތް ނަމަ އުރާލުމަށެވެ. އަދި ދަރިފުޅުގެ ގައިގައި ބައްދާލުމުން ހިތްހަމަޖެހުން ލިބޭނެ ކަމަށެވެ.
އަނެއްބައި ތަޖުރިބާކާރުން ބުނާ ގޮތުގައި ކުއްޖާ ބޮޑާހާކާ ކޮންމެ ފަހަރަކު މިގޮތަށް ކަންތައް ކުރުމުގެ ބަދަލުގައި، އެކަމާ އަޅާނުލުމަކީ ވެސް ރަނގަޅު ގޮތެކެވެ. ތިބާއަށް އެކަމުގެ ސަބަބުން އުނދަގޫވެ ރުޅި އާދެވޭކަމުގެ އިހުސާސް ކުރެވޭނަމަ، އަދި ދަރިފުޅު ރައްކާތެރި ތަނެއްގައި ހުރިނަމަ، ފުންނޭވާއެއްލާ ހަމަޖެހިލުމަށްޓަކައި އެތަނަކުން ނިކުމެ، ބޭރުގައި މަޑުކޮށްލެވިދާނެއެވެ.
މިހެން ކަންތައް ކުރުމުގެ ސަބަބުން މަންމަގެ ސަމާލުކަން ހޯދުމަށްޓަކައި ބޮޑާހާކާނަމަ އެއީ ސަމާލުކަން ހޯދުމަށް ކުރަން އެންމެ ރަނގަޅު ގޮތް ނޫންކަންވެސް ކުއްޖާއަށް ވިސްނިގެންދާނެއެވެ.
ބޮޑު މީހަކީ ތިމާކަން ހަނދާން ކުރާށެވެ.
ކިތަންމެ ގިނަ އިރަކަށް ބޮޑާހޭކުން ކުރިއަށް ދިޔަޔަސް، ދޫނުދޭށެވެ. މިވެނި ކަމެއް ނުކުރެވޭނޭ ބުނެފިނަމަ ބޮޑާހޭކުމުން އެކަމަށް އާނއެކޭ ނުބުނާށެވެ. ޚާއްސަކޮށް އާންމު ތަންތަނުގައި ތިބޭނަމަ ރުއިން ހުއްޓުވުމަށް ބޭނުންވާނެއެވެ. ނަމަވެސް އެހެން މީހުން ހީކުރާ ގޮތާ މެދު ކަންބޮޑު ނުވުމަށް މަސައްކަތް ކުރާށެވެ. ބެލެނިވެރިއެއްގެ ގޮތުގައި ހުރި ކޮންމެ މީހަކުވެސް މިކަހަލަ ކަންކަމާ ކުރިމަތިލާފައި ވާނެއެވެ.
ތިމާ ދޫދިނުމުން ދަރިފުޅަށް ދަސްވަނީ ހަމައެކަނި ބޮޑާހާކާލުމަކީ ދަރިފުޅު ބޭނުންވާ އެއްޗެއް ހޯދުމަށް ރަނގަޅު ގޮތެއް ކަމެވެ.
ދަރިފުޅުގެ ރުޅިވެރިކަން ބޮޑުވެ، މީހުން ގައިގައި ޖެހާ ހިސާބަށް ގޮސް، އެއްޗެހި އުކާލާ ނުވަތަ ހުއްޓުމެއް ނެތި ހަޅޭއްލަވައިގަންނަ ހިސާބަށް ގޮސްފިނަމަ، އެ ކުދިން ނަގައިގެން ނިދާ ކޮޓަރި ފަދަ ރައްކާތެރި ތަނަކަށް ގެންދާށެވެ. ކޮޓަރިއަށް ދިޔަ ސަބަބު ކިޔައިދީ ކުއްޖާ ހަމަޖެހިލަންދެން ތިބާ އެކުއްޖާއާއެކު މަޑުކުރާނެކަން ބުނެދޭށެވެ.
އޭގެ ފަހުން ވާހަކަ ދައްކާށެވެ.
ރުޅި މަޑުވުމުން ދަރިފުޅު ގާތުގައި އެހިނގި ކަންތައްތަކުގެ ވާހަކަ ދައްކާށެވެ. އެކުދިންގެ މާޔޫސްކަން ގަބޫލުކޮށް، އެކުދިންގެ އިހުސާސްތައް ބަސްތަކުން ހާމަކުރުމަށް އެހީތެރިވެދޭށެވެ. އަދި ރުއިމުގެ ބަދަލުގައި ބޭނުންވާ ކަމެއް ނުވަތަ ހިތްހަމަ ނުޖެހޭ ކަމެއްގެ ވާހަކަ ބުނެފިނަމަ އެކަމަށް ހިތްވަރުދީ، އަދި އެގޮތަށް ބުނުމުން ދަރިފުޅު ބޭނުންވާ ގޮތް އެނގޭކަމާއި ރުއީމަ ބުނަން ބޭނުންވާ އެއްޗެއް ނޭނގޭކަން ވެސް ބުނެދޭށެވެ.
ކުދިން ބޮޑާހޭކުން މަދު ކުރެވޭނީ ކިހިނެއް ހެއްޔެވެ؟
ދަރިފުޅު ބޮޑާހާކަން މެދުވެރިވާ ސަބަބުތައް ބެލުމަށް މަސައްކަތްކޮށް، އެއަށް ރިޢާޔަތްކޮށް ޕްލޭން ކުރާށެވެ. ބަނޑުހައިވުމުގެ ސަބަބުން ކަންކަމާއި މާ އަވަހަށް ރުޅިއައިސް ބޮޑާހާކާނަމަ މާބޮޑަށް ބަނޑުހައި ވުމުގެ ކުރިން ލުއި ކާނާއެއް ދެވިދާނެއެވެ. ކުޅުން ނިންމާލަންޖެހޭކަން ނުވަތަ ޕާކުން ނުކުންނަން އުޅޭކަން ނުވަތަ ކާން އުޅޭކަން ކުރިން ބުނެލާށެވެ. އޭރުން ކުދިންނަށް އެކަމަށް ތައްޔާރު ވުމަށް ފުރުސަތު ލިބެއެވެ.
ތިބާގެ ދަރިފުޅަށް ކަމެއް އިޚްތިޔާރު ކުރެވެން އޮތް ކޮންމެ ވަގުތެއްގައި އެކުދިން އަމިއްލައަށް އިޚްތިޔާރު ކުރުމަށް ފުރުސަތުދޭށެވެ. ހުރިހާ ވަގުތެއްގައި ކުރާނެ ކަމެއް ކިޔައިދިނުމަކީ އެއްވެސް މީހަކަށް ކަމުދާ ކަމެއް ނޫނެވެ. މިސާލަކަށް މިއަދު ލާން ބޭނުންވަނީ ރަތް ކުލައިގެ ޓީޝާޓުތޯ ނުވަތަ ފެހި ކުލައިގެ ޓީޝާޓުތޯ އިޚްތިޔާރު ކުރުމުގެ ފުރުސަތު ދެވިދާނެއެވެ. ނުވަތަ މިއަދު ކާން ބޭނުންވަނީ ބަތްތޯ ނުވަތަ ރޮށިތޯ ސުވާލު ކުރެވިދާނެއެވެ. އޭރުން އެކުދިންނަށް ކޮންޓްރޯލް އޮތްކަމުގެ އިހުސާސް ކުރެވޭނެއެވެ.
ތިބާ ކުއްޖާއަށް ނޫނެކޭ ބުނަނީ ކިހާ ގިނައިންތޯ ބަލާށެވެ. އަބަދު ނުވަތަ ވަރަށް ގިނައިން ބުނެވޭ ކަން ފާހަގަ ކުރެވިއްޖެނަމަ މަދުކޮށްލަން މަސައްކަތް ކުރާށެވެ. ޕާކުގައި އިތުރު ފަސް މިނެޓް ހޭދަކުރުމަކީ ހަގީގަތުގައި ވެސް ދުވަސް ޚަރާބު ކޮށްލާނެ ކަމެއް ހެއްޔެވެ؟ އަދި ކުޑަ ކުއްޖަކު ދެ ވައްތަރުގެ ދެއިސްޓާކީނަށް އަރައިގެން އުޅޭނަމަ ހަގީގަތުގައިވެސް އެއީ މައްސަލައެއް ހެއްޔެވެ؟
ސްޓްރެސްގެ އަލާމާތްތައް ހުރިތޯ ބަލާށެވެ.
ޓެންޓްރަމްސް ނުވަތަ ބޮޑާހޭކުމަކީ ކުޑަކުދިންގެ އާދައިގެ ކަމެކެވެ. އެހެންކަމުން، އާދައިގެ ގޮތަކަށް ވުރެ ބޮޑަށް ކުޑަކުއްޖާ 'ސްޓްރެސް' ވެދާނެ ކަންކަމަށް ވެސް ބަލައިލަން ވާނެއެވެ. އާއިލާ ތެރޭގައި ހަމަނުޖެހުންތަކެއް އުފެދިފައިވޭތޯ، އިންތިހާއަށް ބިޒީ ދުވަސްވަރެއްތޯ އަދި ތިބާއާއި ބައިވެރިޔާއާ ދެމެދު މައްސަލައެއް ޖެހިފައިވޭތޯ، މި ހުރިހާ ކަމަކީ ވެސް ކުދިން އިތުރަށް ބޮޑާހޭކުމަށް މެދުވެރިވާ ކަންކަމެވެ.
ނަމަވެސް، ކުއްޖާގެ ބޮޑާހޭކުންތައް މާ ގިނަވެ އެކުއްޖާ ހެދުން ލެއްވުމާއި ކާންދިނުން ފަދަ ދުވަހުގެ ކަންކަމަށް ބުރޫއަރާ ނަމަ ޑަކުޓަރެއްގެ އެހީހޯދުން ވަރަށް މުހިންމެވެ.
ދަރިފުޅު ބޮޑާހޭކުން މަދުވާނީ ކޮންއިރަކު ހެއްޔެވެ؟
ކޮންމެ ދުވަހަކުވެސް ރުޅިގަދަވެ ބޮޑާހޭކުމަކީ ކުޑަކުދިން ހެދިބޮޑުވުމުގެ އާދައިގެ ބައެކެވެ. ކުޑަކުޑަ ދަރިފުޅު ބޮޑުވެ، އެމީހުންގެ ޖަޒުބާތީ ގޮތުން ކުރިއަރާ ވަރަކަށް، އެމީހުންގެ ރުޅިވެރިކަން މަދުވާނެއެވެ.
ކުޑަކުއްޖާ ބޮޑުވަމުންދާ ވަރަކަށް ކަންކަން ރަނގަޅަށް ބެލެހެއްޓުމަށް ކުޅަދާނަވާނެ އެވެ. ދަރިފުޅު އަމިއްލައަށް ކަންކަން ކުރަން ދަސްވެ، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވަމުންދާވަރަކަށް، ތިބާގެ ފަރާތުން ކަންކަން ބޭނުންވުން ހުއްޓާލާނެއެވެ. މަޑުމަޑުން ފަރިތަކަމާއެކު ވާހަކަ ދައްކަން ދަސްވެ، މީހުންނާއި މުޢާމަލާތްކުރަން ވެސް ދަސްވާނެއެވެ.
މަޢުލޫމާތު ނެގިފައިވަނީ: https://www.babycenter.com އިންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!