ކޮވިޑް 19ގެ ތަޖުރިބާއަށްފަހު ގިނަ މީހުންގެ 'ލައިފް ސްޓައިލް' އަށް ވަނީ އެކިއެކި ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ. ދިރިއުޅުމުގެ މި ހަލަބޮލިކަންމަތީގައި ވަޤުތު ހޭދަކުރާއިރުވެސް، ކަސްރަތުގެ މައިދާނުގައި ކުރިއާއި އަޅާބަލާއިރު ގިނަ މީހުން ފެންނަކަމަށް ފާހަގަކުރެވެއެވެ.
އެހެން ނަމަވެސް، ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ އަހަރުމެންގެ ތެރެއިން ބައެއްމީހުންނަށް އެ ނިޔަތާއި އެއްގޮތަށް ޢަމަލު ކުރުން މިވަނީ ކުޑަވަރެއްގެ ގޮންޖެހުމަކަށްވެފައެވެ. ނުވާންވީ ކީއްވެހެއްޔެވެ؟ ވަޤުތަކީ ހޯދީމާ ލިބޭއެއްޗެއްކަން އެއީ ބުނެލަން ވަރަށް ފަސޭހަ، ނަމަވެސް ކޮށްލަން އުނދަގޫ ކަމެކެވެ.
ރަނގަޅު ސިއްޙަތަކައްޓަކައި ކަސްރަތު މުހިންމުވާއިރު، ވަޤުތު ތާށިވުމާއި ގުޅިގެން ގިނަމީހުން ކަސްރަތު ފައްޓާފައިވެސް ހުއްޓާލާ މަންޒަރު ވަރަށް ގިނައިން ފެނެއެވެ. ހަލަބޮލި ތާވަލްތަކުގެ ވެރިންނަށް ބުނެލަން އޮތީ، 30-40 މިނިޓްގެ ވަކި ވަޤުތެއް ކަނޑަނާޅައިވެސް ހަށިގަނޑަށް ބޭނުންވާ އެ ކަސްރަތު ހޯދިދާނެކަމެވެ.
މިނީ ވޯކްއައުޓަކީ އާންމުގޮތެއްގައި ކަސްރަތު ކުރާމީހުން އެ ހޭދަކުރާ 30-40 މިނިޓްގެ ކަސްރަތުތަކާއި ހަރަކާތްތައް މުޅި ދުވަހަށް ބަހާލުމެވެ. މީގެ ސަބަބުން ތިމާމީހާގެ ސިއްޙަތަށް ސަމާލުކަންދެވި އެމީހަކަށް ވަޤުތު ވީ މިންވަރަކުން ދުވަހުގެ ތާވަލަށް ކަސްރަތު ހިމަނާލެވެއެވެ. އެގޮތުން ދުވާލު އެކި ވަޤުތުތަކަށް ބަހާލައިގެން މަދުވެގެން 10 މިނިޓް ކޮންމެވެސް ހަރަކާތެއް ކޮށްލުމުން ލިބޭ ފައިދާތަކުގެ ތެރޭގައި، މީހާގެ ބުންވަރު އިތުރު ކޮށްލުމާއި، މޫޑާއި ނަފްސާނީ ސިއްޙަތު ރަނގަޅުކޮށްދިނުމާއި، ލޭގެ ޕްރެޝަރ ދައްކޮށްދިނުމާއި، ބަރުދަން ލުއިކޮށްދީ ނުވަތަ މަތިވިޔަނުދީ ހިފެހެއްޓުމާއި، ތައިރޮއިޑް ހޯރމޯން ސްޓޭބަލް ކޮށްދިނުން ފަދަ ކަންކަން ހިމެނެއެވެ.
ސުވާލަކީ މިނީ ވޯކްއައުޓް ގެ ގޮތުގައި ކޮށްލެވޭނީ ކޮން ކަމެއްބާވައެވެ؟ ނުވަތަ މިނީ ވޯކްއައުޓް ހަދާނީ ކިހިނަކުން ހެއްޔެވެ؟ ބޭނުންވަނީ ދުވަހުގެ އެކި ގަޑި ތަކުގައި ކޮންމެވެސް ހަރަކާތެއް ކުރުމެވެ. އެންމެ ފައިދާ ކުރާނޭ ގޮތަކީ، ދުވާލު ކުރީކޮޅު 10 ވަރަކަށް މިނިޓް ހިނގާލުމެވެ. ފަތިސް ނަމާދު ވަޤުތު ނަމާދަށް ދިއުމަށް ދުރު މިސްކިތެއް އިޚްތިޔާރުކޮށް ފައިމަގުގައި އުޅެވިދާނެއެވެ. މެނދުރު ވަޤުތެއް ވެއްޖެނަމަ ހޯމް ވޯކްއައުޓް އެޕްލިކޭޝަނެއް މެދުވެރިކޮށް 5-7 މިނިޓް ގެ ކަސްރަތު ކޮށް ލެވިދާނެއެވެ. ރޭގަނޑު ނިދުމުގެ ކުރިން ސްޓްރެޗިން ހަދާލުންވެސް މުހިންމެވެ.
މީގެ އިތުރުން ލިފްޓް ބޭނުންކުރުމުގެ ބަދަލުގައި ސިޑި ބޭނުން ކުރެވިދާނެއެވެ. ބަރުޒާތުގެ އެއްޗެއް، މިސާލަކަށް 5 ލިޓަރ ފުޅިއެއް މަތިން ތިރިއަށް، އެއްތަނުން އަނެއްތަނަށް ގެންދެވިދާނެއެވެ. ދަރިންނާއި އެކު ދުވެލާ ފިލާ ކުޅެލުމުންވެސް ބައިވަރު ކެލަރީސް އަނދާނެކަން ކަށަވަރެވެ.
ރަނގަޅު ސިއްޙަތެއްގައި ހުރުމަށް މުހިންމީ އެމީހަކަށް ކުރެވުނު މިންވަރަކުން ކަސްރަތު ކުރުމެވެ. ލިފްޓް ކުރިމަތިން ފަހަނައަޅައިގޮސް ސިޑިއަށް އަރާލާވެ. ސައިކަލް ތަންކޮޅެއް ދުރުގައި ޕާކް ކޮށްލައި މަންޒިލާހިސާބަށް ހިނގާފައި ގޮސްލާށެވެ. ހިތާއި، ސިކުނޑިއާއި މުޅި ހަށިގަނޑު ޝުކުރު އަދާކުރާނެތެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!