ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސްޓެލްކޯއިން އިމާރާތްކޮށްފައިވާ ފްލެޓުތަކަށް އަންނަ މަހުގެ ހަވަނަ ދުވަހު ވަދެވޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ފްލެޓުތަކަށް ވަދެވޭނެ ތާރީހާއި ދެ ޓަވަރުގައި، އެޕާޓްމަންޓްތައް ކުއްޔަށް ދޭނެ އަގުތައް އިއުލާނުކޮށްފައިވަނީ ތާޖުއްދީން ސްކޫލް ހޯލުގައި ސްޓެލްކޯގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ރޭ ބޭއްވި ބައްދަލުވުމުގައެވެ.
ސްޓެލްކޯއިން ވަނީ ހިޔާ މަޝްރޫއުގެ ދަށުން 15 ބުރީގެ ދެ ޓަވަރު އަޅައިފައެވެ. މި ދެ ޓަވަރުގައު 360 ފެލްޓު ހަދާފައިވާއިރު މިހާރު ވަނީ ފްލެޓުތަކުގެ މަސައްކަތް އެއްކޮށް ނިމެން ކައިރިވެފައެވެ.
މި ޓަވަރުތަކުގައި ހިމެނެނީ އެއް ކޮޓަރީގެ 72 އެޕާޓްމަންޓާއި ދެ ކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ 288 އެޕާޓްމަންޓެވެ.
ޝަރީފް ވިދާޅުވި ގޮތުގައި އެއް ކޮޓަރީގެ އެޕާޓްމަންޓަކަށް މަހަކު ނަގާނީ 5،622ރގެ ކުއްޔާއި މެއިންޓަނެންސް ފީއަށް 1،000ރ އެވެ. ތިން ކޮޓަރީގެ އެޕާޓްމަންޓަށް ނަގަނީ މަހަކު 10353ރ. އާއި 10652ރ. އާ ދެމެދުގެ އަގެކެވެ. އަދި މެއިންޓަނެންސް ފީއަށް 1،300ރ. ނަގާނެއެވެ.
ސްޓެލްކޯއިން ވަނީ ފްލެޓްތަކަށް ކުލި ނަގަން ފަށާނީ އަންނަ ޖަނަވަރީ މަހުން ފެށިގެން ކަމަށް ކުރިން އިއުލާނުކޮށްފައެވެ.
ޝަރީފު ވިދާޅުވީ، އެއް އަހަރު ވަންދެން ފްލެޓްތަކުގެ މެއިންޓަނެންސް ހަރަދުތައް ބަލަހައްޓާނީ ސްޓެލްކޯއިން ކަމަށެވެ. އަދި އެތަނުގެ ސެކިއުރިޓީ ބަލަހައްޓާނެ ބަޔަކު ހަމަޖެހެންދެން އެކަންވެސް ބަލަހައްޓަމުން ގެންދާނީ ކުންފުނީގެ ސެކިއުރިޓީން ކަމަށް ވިދާޅުވިއެވެ.
ސްޓެލްކޯގެ ފްލެޓުތައް ހަދަން 640 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!