ސްޓެލްކޯގެ މުވައްޒަފުންނަށް އިތުރު ބޯހިޔާވަހިކަމުގެ މަޝްރޫއެއް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
ސްޓެލްކޯގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ރޭ ބޭއްވި ބައްދަލުވުމެއްގައި ޝަރީފު ވިދާޅުވީ އާ ހައުސިން މަޝްރޫއު ކުރިއަށްގެންދާނީ ވިލިމާލޭގައި ކަމަށެވެ. އަދި މި މަސައްކަތް ފެށުމަށް ބޯޑުން ހުއްދަ ހޯދުމުގެ މަސައްކަތް މިހާރު އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި މަޝްރޫއާ ގުޅޭ އިތުރު ތަފްސީލެއް ޝަރީފު ނުދެއްވައެވެ. ނަމަވެސް ވިލިމާލެއަކީ ހިތްގައިމު ރަށެއް ކަމަށާއި ބްރިޖާއެކު ދަތުރުފަތުރު ކުރުމުގައި ދަތިތަކެއް ނޯންނާނެ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.
ސްޓެލްކޯއިން އަންނަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިޔާ މަޝްރޫއުގެ ދަށުން 15 ބުރީގެ ދެ ޓަވަރު އަޅަމުންނެވެ. މި ދެ ޓަވަރުގައު 360 ފްލެޓް ހުންނައިރު ފްލެޓުތަކުގެ މަސައްކަތް ވަނީ ނިމެން ކައިރިވެފައެވެ.
ރޭގެ ބައްދަލުވުމުގައި އެ ފްލެޓްތައް ލިބުނު ފަރާތްތަކަށް އަންނަ އޮގަސްޓް މަހުގެ ހަވަނަ ދުވަހު ފްލެޓުތަކަށް ވަދެވޭނެކަމުގެ ޔަގީންކަން ޝަރީފު ދެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!