ގަސް ހައްދައި އުޅޭ މީހުން ތަފާތު ބޭނުމުގައި ގަހުގެ ބައިތައް ކޮށައި ހަދައެވެ. ޒީނަތަށް ގަސް ހައްދާ މީހުން އެމީހުން ބޭނުންވާ ސިފަ ގަހުގައި ޖެއްސުމަށެވެ.
ބައެއް ފަހަރު ގިނައިން ކުރި ފެޅުވުމަށެވެ. އަދި ގިނައިން މައު އެޅުވުމަށެވެ. ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން މޭވާއާއި ތަރުކާރީ ގަސް ކޮށައި ހަދަނީ ވަރަށް މަދު ބައެކެވެ.
މިވަރުގެ ބޮޑެތިގޮފި މިކަހަލަ ކަތުރަކުން ކެނޑިދާނެ
ދިވެހީންގެ އާދައަކީ ގޯތީގައި ހުންނަ އަނބުގަހާއި ފޭރުގަހާއި ކުންނާރުގަސް ވެސް ކޮންމެ ގޮތަކަށް ކިތަންމެ ދިގުގޮށް ހެދުނުކަމުގައި ވިޔަސް ހެދޭނެ ގޮތަކަށް ހެދެން ދޫކޮށްލުމެވެ. ދަނޑުތަކުގައި މިރުހާއި ބައްޓާއި ކިއުކަމްބާ އަދި ބަރަބޯ ފަދަ ތަރުކާރީ ހައްދާ މީހުންވެސް އެެއްގޮތަކަށްވެސް ގަސް ނުވަތަ ވެޔޮ ނުކޮށައެވެ.
ޓޮމާޓޯ ނިރު ކުރި
ނަމަވެސް ރަނގަޅު ދަނޑުވެރިކަމުގެ އާދައަކީ ގަހުން ނުވަތަ ވެލުން ނުކުންނަ ނިރުކުރި ގަހުން ވަކިކޮށްލުމެވެ. އަދި ބައެއް ބާވަތުގެ ގަސްގަހުން ނުވަތަ ވެޔޮތަކުން ފަޅާ އަރިމަތީ ކުރިތައްވެސް ބުރިކުރަމުން ގެންދިޔުމެވެ.
ކުދި ހިމަ އޮފި ކޮށާ ކަތުރު
ކޮންމެހެން ކުރިތައް ކޮށައިގެން އެއްޗެހި އަޅާ ގަސްތަކެއް ވެސް ހުރެއެވެ. މިސާލަކަށް މޭބިސްކަދުރާއި އެވަކާޑޯއެވެ. އޭގެ މާނައަކީ މި ގަސްތައް ނުކޮށައިފިނަމަ ތަކެތި ނޭޅުމެއް ނޫނެވެ.
އުފެދިދާނެ ސުވާލަކީ ގަސް ކޮށަނީ ކީއްވެގެން ބާވައެވެ. މި ބަލައިލަނީ މި ސަބަބުތަކަށެވެ.
ޓޮމާޓޯ ކުރި ބިނުން
1. ވައި ހިނގުން އިތުރުކޮށްދިނުން
ގަހުގެ ފަތްތައް ބޯވުމަކީ ފަތްތައް ހުންނަ ހިސާބުގައި ވައި ހިނގުން ކުޑަކޮށްދޭ އަދި އޭގެ ސަބަބުން ތެތްކަން އިތުރުވެ ފަންގަސް (ފޫ ޖެހުމުގެ) ބަލިތައް އިތުރުވާ ކަމެކެވެ. ގަހުގެ ކުރިތަކާއި ފަތްތައް ކޮށުމަކީ މި މައްސަލަ ކުޑަކޮށްދޭނެ ކަމެކެވެ.
މިރުސް މައު ބިނުމާއި ގޮފިކުރަން ކޮށުން
2. ސޫފި އަދި ބަލިތަކުން ލިބޭ ނުރައްކާ ކުޑަކޮށްދިނުން
ފަތްތައް ބޯވުމުން ސޫފި އާލާވުމަށް މަގުފަހިކޮށްދެއެވެ. ގޮފިތައް ދިގުވެ ބިމުގައި ޖެހުމުންނާއި ބަލިތައް ޖެހުމުން ގަހުގެ ބައިތައް ހަލާކުވެއެވެ. އަދި ބޭސް ޖެހުމުން ބޭހުގެ އަސަރު ކުރާ މިންވަރު ކުޑަވެއެވެ. އެހެންކަމުން ގަސް ކޮށުމުން މި މައްސަލަތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކޮށްދެއެވެ.
ޓޮމާޓޯ ގަހުން ނިރުކުރި ވަކިކުރަން ޖެހޭ
3. ގަހުގެ ހެދިބޮޑުވުމަށް އިތުރު އެހީއެއް
ގަސް ހެދޭ މަރުޙަލާގައި ގަސް ކޮށުމަކީ ގިނަ ގޮފި ޖެހުމާއި ގިނަ ކުރި ޖަހައި ގިނައިން ފަތްފެޅުވުމަށް އަދި ގަސްގަނޑު ވަރުގަދަކޮށްދިނުމަށް އެހީތެރިވެދޭ ކަމެކެވެ. އެހެންކަމުން ގަސް ހެދިގަނެ މަޑުޖެހޭ ދުވަސްވަރު ގަސް ކޮށުން މުހިއްމެވެ.
ގޮފިކުރަން މިރުސް ގަހެއްގެ ކުރި ބުރިކުރަނީ
4. މަތިވަރު ރަނގަޅުވުން
ގަސް ކޮށައިލުމުން ގަސް އުފައްދާ ހަކަތަ މަލާއި މޭވާ އެޅުމަށް ބޭނުންކުރެއެވެ. އަދި ނުކުންނަ މަތިވަރުގެ އެންމެ ފަހު ދުވަސްވަރު ގަސް ކޮށައިލުމުން ފަހު މަތިވަރުން ލިބޭ މިންވަރު އިތުރުކޮށްދެއެވެ.

ގަހެއް ކޮށުމަށް މަތީގައި މި ދެންނެވުނު ސަބަބުތައް އެނގުމަކުން ނުފުދެއެވެ. ވަކި ވައްތަރެއްގެ ގަސް ކޮށާނެ ގޮތްތަކެއް ހުރެއެވެ. އަދި ވަގުތުތަކެއް ވެސް ހުރެއެވެ. ކޮންމެއަކަސް މިފަދަ މަޢުލޫމާތުތައް އެނގިގެން ދަނޑުވެރިކަން ކުރާ ނަމަ ކުރާ ހޭދައިގެ ނިސްބަތުން އުފެއްދުންތެެރިކަން އިތުރުވެ ލިބޭ ނަފާ ބޮޑުވާނެއެވެ.
ގަސްކޮށަން ބޭނުންކުރާ އާލާތްތައް
ނޯޓް: މިއީ ހުބާ ޕްލާންޓްސް ގެ ހެޔޮއެދުންތަކާއިއެކު ގެނެސްދެމުންދާ ސިލްސިލާ މަޢުލޫމާތުތަކެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!