ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު އަށް 4 ވަނަ އިސްލާޙް ގެނައުމުގެ ބިލު މިއަދު ތަސްދީޤު ކުރައްވައިފިއެވެ.
މި ބިލު ފާސްކޮށްފައި ވަނީ މިދިޔަ ޖޫން މަހުގެ 27 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 19 ވަނަ ޖަލްސާގައެވެ. މި ބިލު ފާސްކޮށްފައި ވަނީ 36 ވޯޓުންނެވެ.
މިޤާނޫނަށް ގެނައި މައިގަނޑު އިސްލާޙަކީ، ހައިކޯޓުގެ އުތުރު ގޮތްޕާއި ދެކުނު ގޮފި އުވާލައި އެތަންތަނުން ކުރަމުން އައި މަސައްކަތްތައް ދިވެހިރާއްޖޭގެ ހައިކޯޓަށް ބަދަލުކުރުމެވެ. އެ ބަދަލާއެކު ހައިކޯޓުގެ ފަނޑިޔާރުން ޤާއިމްވެ ތިބޭނީ މާލޭގައި ކަމަށް އެ ޤާނޫނުގައި ވަނީ ކަނޑައަޅާފައެވެ.
ހައިކޯޓުގެ އުތުރު ގޮތްޕާއި ދެކުނު ގޮފި އުވާލައި އެތަންތަނުން ކުރަމުން އައި މަސައްކަތްތައް ދިވެހިރާއްޖޭގެ ހައިކޯޓަށް ބަދަލުކުރެވިގެންދާއިރު އެ ދެ ގޮފީގައި މަސައްކަތް ކުރަމުން ދިޔަ މުވައްޒަފުންނަށް އެހެންކޯޓުތަކުން ނުވަތަ ޝަރުޢީ ދާއިރާގެ އެހެން އިދާރާއަކުން ވަޒީފާ ހަމަޖައްސައިދެއްވުމުގެ ޒިންމާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި މި ޤާނޫނުން ވަނީ މަތިކޮށްފައެވެ.
މިޤާނޫނު ތަސްދީޤުކުރެއްވުމާއި އެކު މިއަދު ވަނީ ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރުމާއެކު މިއަދުން ފެށިގެން މި ޤާނޫނަށް ވަނީ ޢަމަލު ކުރާން ފަށާފައެވެ.
ގއ. ގދ. ޏ އަދި ސ. އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކުން ނިންމާ މައްސަލަތަކުގެ ތެރެއިން އިސްތިއުނާފުކުރުމަށް ހުށަހެޅޭ މައްސަލަތައްބަލާ ހައިކޯޓުގެ ދެކުނު ގޮފީގެ މަސައްކަތް ފަށާފައިވަނީ 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
ހއ، ހދ، ށ، ނ، ރ، އަދި ބ އަތޮޅުގެ މައްސަލަތައްބަލާ ހައިކޯޓުގެ އުތުރުގޮފި ހުޅުވީ 2018 އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.
ރާއްޖޭގެ އުތުރާއި ދެކުނުގައި ގާއިމްކުރި ހައި ކޯޓުގެ ގޮފިތަކުގައި ދާއިމީކޮށް ފަނޑިޔާރުން ތިބޭ ގޮތަށް ކުރިން ހަމަޖެއްސުމަށްފަހު ސުޕްރީމް ކޯޓުން ވަނީ އެ އުސޫލު އުވާލުމަށްފަހު ވަފުދުތައް ގޮސްގެން ޝަރީއަތް ކުރާ ގޮތަށް ހަމަޖައްސައިފަ އެވެ.
ހައި ކޯޓުގެ ދެ ގޮފި އުވާލަން ގާނޫނަށް އިސްލާހު ގެނައުމަކީ މިޖިލިސް ކެންޕެއިންގައި އެމްޑީޕީއިން ހުށައެޅި ''އެޖެންޑާ19'' ގައި ވެސް ހިމެނޭ ކަމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!