ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލްއިން ދިމާވި އަޙްމަދު އިޔާން އަށް މަންމައެއްގެ ހިފެހެއްޓުމެއްނެތް ތައުރީފް އޮއްސާލައިފިއެވެ.

މިދިޔަ ބުދަދުވަހު ހެންވޭރު ދަނޑުގައި ކުރިޔަށް ދިޔަ ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް އިން ދިމާވި އަޙްމަދު އިޔާންގެ ވާހަކައަށް ވަނީ އެތައްބަޔެއްގެ ސަމާލުކަން ލިބިފައެވެ. ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްގެ މަންމަ ފޭސްބުކްގައި ކުރި ޕޯސްޓަކާއި ގުޅިގެން އިޔާންއަށް އެތައްބަޔެއްގެ ތަޢުރީފް އާއި ސަމާލުކަން އަންނަނީ ލިބެމުންނެވެ.

Ad
rt

މަރިޔަމް އަބްދުލްރަޙްމާން އިއްޔެ ފޭސްބުކްގައި ކުރި ދިގު ޕޯސްޓެއްގައި ވަނީ އިޔާންއާއި ދިމާވިގޮތާއި އިޔާންގެ ހިތްހެޔޮކަމާއި ތަފާތުކަން ވަރަށް ތަފްސީލްކޮން ބަޔާންކޮށްދީފައެވެ.

އެގޮތުން އިޔާންގެ ފޮޓޯއެއް ހިމަނާ ލިޔެފައިވާ ޕޯސްޓް ފަށަމުން، އެންމެންނަށް އިޔާން ވަނީ ތަޢާރަފްކޮށްދީފައެވެ. އިޔާންއަކީ ތާޖުއްދީން ސުކޫލްގެ ދަރިވަރެއްކަމަށާއި ދަތި އުންދަގޫ ވަގުތުގައި އިޔާން އަކީ އުންމީދުތަކަށް ލިބުނު އަލިކަމެއްކަމަށް ސިފަކުރައްވާ އިޔާންގެ ވާހަކަ ކިޔައިދޭން ފެށިއެވެ.

އެއިނާއަށް އެހީތެރިވެދިނުމަށް ދަރިފުޅުގެ "ބަޑީ" އަކަށް އިޔާންއައީ އަމިއްލަ އިސްނެގުމާއިއެކުއެވެ. އެއިނާގެ ދަރިފުޅު ހުރީ މިފެސްޓިވަލްގެ ހުރިހާ ކުޅިވަރެއްގައި ބައިވެރިވުމަށް ކެއްމަދުވެ ވަރަށް ބޮޑަށް ތައްޔާރުވެ ޖޯށާއި ފޯރީގައެވެ.

"ދަރިފުޅުގެ ލޮލާއި އެއްހަމައަކަށް ތިރިވެ، ދަރިފުޅާއި އެކީ ދާކޮންމެ ތާކަށް ދުވެ ދަރިފުޅުގެ ދުވަހަކީ ތަފާތު ހާއްސަ ދުވަހެއްކަމުގެ އިޙްސާސްކޮށްދިން، ހަރަކާތްތައް ހުރީ އަޅާލުމާއި އޯގާތެރިކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި، ބަލާ ބެލުމުގައި ތަފާތުކުރުމެއް ނެތް، ނޯ ވިއަރޑް އައިރޯލިން، ނޯ ޖަޖްމެންޓް، ހަގީގީ އަޅާލުމާއި އޯގާތެރިކަން، މިއީ ހުރިހާ ކުދިންގެ ކިބައިން އަހަރެން ބޭނުންވާނެ ކަންކަން"

އެއިނާގެ ދަރިފުޅަށް އަޅާލިގޮތާއި ބެހެއްޓި ގާތްކަން ސިފަކޮށްދެމުން މަރީ ބުނެފައިވެއެވެ.

އިތުރަށް މިޕޯސްޓްގައި ބުނެފައިވަނީ އިޔާންގެ މިއޯގާތެރިކަމުން އެހެންމީހުންގެ އިޙްސާސްތައް ދެނެގަތުމާއި އަޅާލުމާއި އޯގާތެރިކަމަށް އުންމީދެއް އޮތްކަމުގެ އީޙްސާސް ކުރެވުނުކަމަށެވެ. އަދި ޒުވާން ޖީލުގައި ތަފާތު މިޖާޒުތަކާއި ތަފާތުމީހުން އެމީހުންގެ ގޮތުގައި ބަލައިގަތުމުގެ ގާބިލްކަން ހުރިކަމަށާއި ނަމަވެސް މިފަދަ އަމަލު ތަކަކީ ބޮޑުވެ ތަސައްރަފު ފުދިފައި ތިބި މީހުންގެ ކިބައިން އިޔާންގެ ކިބައިން ފެނުނު ސިފަތައް ފެންނަމުން ނުދިއުމަކީ ހިތާމަ ކުރާކަމެއްކަމަށެވެ.

ދާދިފަހުން ސްކޫލެއްގެ ޓީޗަރަކު ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް އަނިޔާކުރި ވީޑިއޯއަށް އަލިއަޅުވާލަމުން ބުނެފައިވަނީ އިޔާންގެ އޯގާތެރިކަމުން އެޓީޗަރު ލަދު ގަންނަން ޖެހޭނެކަމަށެވެ. އިޔާން އަކީ މިކަމަށް ހާއްސަ ތަމްރީނެއް ލިބިފައި ނުވާކުއްޖެއްކަމަށާއި އިޔާންގެ އޮތީ އެހެންމީހުންގެ އިޙްސާސްތައް ދެނެގަންނަ ހެތޮ ހިތެއް ކަމަށެވެ.

"އަހަރެން އުންމީދު ކުރަނީ އަހަރެންގެ ދަރިފުޅަކީވެސް އިޔާން ކަހަލަ ހިތްހެޔޮ ހިތްވަރުގަދަ ޖަޖް ނުކުރާ ކުއްޖަކަށް ވުމަށް، އިޔާންގެ މައިން ބަފައިންނަށް ބުނެލަން ބޭނުންވަނީ ތިޔަ ކުއްވާ މަސައްކަތަކީ ސާބަސް ހައްގު މަސައްކަތެއް އަދި އިޔާން ކަހަަލަ ތަފާތު ކުއްޖެއް ބަލާބޮޑު ކުރުމަކީ ބޮޑު ޝަރަފެއް"

މަރިީ ބުނެފައިވެއެވެ.

މިޕޯސްޓް ނިންމާލަމުން މަރީ ބުނެފައިވަނީ ތާޖުއްދީން ސްކޫލުގެ ސެން ޔުނިޓްއިން ބަޑީ ސިސްޓަމް ގާއިމް ކޮށްދިނުމަކީ ވަރަށް ފަސޭހަވެގެން ދިޔަކަމެއް ކަމަށާއި މިކަމުން ބެލެނިވެރިންނަށް ވަރަށް ބޮޑުތަނުން ފަސޭހަވެގެން ދިޔަކަމަށެވެ.

އިޔާން އަކީ ހީރޯއެއް ކަމަށާއި ދިރިއުޅުމުގައި ތަފާތު ދައްކުވައިދިން ތާޖުއްދީންގެ ދަރިވަރުންނަށް ހިފެހެއްޓުމެއް ނެތް ޝުކުރު އަދާކުރަމުން މަރީގެ ޕޯސްޓް ވަނީ ނިންމާލާފައެވެ.