ކޯވިޑް-19ގެ ސަބަބުން ދިމާވި ދަތިތަކުން އަރައިގަތުމަށް ޔޫރަޕިއަން ޔޫނިއަނުން ފޯރުކޮށްދޭ އެހީގެ ދަށުން ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށް މިހާތަނަށް 13 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފިއެވެ.
"އީޔޫ ސަޕޯޓް ފޯ އަ ރެޒިލިއަންޓް ރިކަވަރީ އޮފް އެސްއެމްއީ ޓޫރިޒަމް އިންޑަސްޓްރީ އިން ދަ މޯލްޑިވްސް" ނަމުގައި އީޔޫއިން ވަނީ 2 މިލިއަން ޔޫރޯގެ އެހީގެ ޕެކޭޖެއް ރާއްޖެއަށް ދީފައެވެ.
މިއީ ކޯވިޑުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިމަތިވި ހީނަރުކަމުން އަރައިގަތުމަށްޓަކައި، ކުދި ވިޔަފާރިތަކަށާއި މެދުފަންތީގެ ވިޔަފާރީގެ ގޮތުގައި ހަރަކާތްތެރިވަމުންދާ ގެސްޓްހައުސްތަކާއި ސަފާރީތަކަށް ދޫކުރާ އެހީއެކެވެ.
މި އެހީ ދޫކުރުމަށް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނާއެވެ. އެ ކޯޕަރޭޝަނުން މި އެހީ ދޫކުރަން ފަށާފައިވަނީ މިދިޔަ ޑިސެމްބަރުމަހުގެ 15 ވަނަ ދުވަހުއެވެ.
ކުރިން އޮތްގޮތުން މި އެހީއަށް އެދުމުގެ އެންމެ ފަހު ތާރީޚަކީ މޭމަހުގެ 31 ވަނަ ދުވަހެވެ. ނަމަވެސް މިހާރު އެ ފުރުޞަތު ވަނީ އަންނަ އޮގަސްޓް މަހުގެ 31 އަށް އިތުރުކޮށްފައެވެ.
އެ ކޯޕަރޭޝަނުން މިމަހުގެ 11 ވަނަ ދުވަހު އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މި އެހީގެ ދަށުން މިހާތަނަށް 286 ގެސްޓްހައުސްއަކާއި 59 ސަފާރީއަކަށް ވަނީ އެހީ ދޫކޮށްފައެވެ.
މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުން ބުނެފައިވަނީ މި އެހީއަށް އެދި ހުށައެޅުމަށް ޝަރުތުހަމަވާ 47 އިންސައްތަ ވިޔަފާރިތައް އަދިވެސް އެބަހުރިކަމަށެވެ. މި އެހީއަށް އެދި ހުށަހެޅޭނީ ރާއްޖޭގައި ހިންގާ ގެސްޓްހައުސްތަކާއި، ސަފާރީތަކަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!