ބޮޑުތަކުރުފާނު މަގު އެކުވެނި ޓްރެކު ސަރަހައްދުން ދުއްވާފައި ދިޔަ ކާރަކާއި ބަހެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

މި ހާދިސާގެ މަޢުލޫމާތު ދެމުން ފުލުހުން ބުނީ މި އެކްސިޑެންޓުގައި 6 މީހަކަށް އަނިޔާވެ ފަރުވާ ދެމުން އަންނަ ކަމަށެވެ. އެ މީހުންގެ ހާލާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައި ނުވެ އެވެ.

Ad
rt

މަޢުލޫމާތު ލިބޭގޮތުގައި އަނިޔާ ލިބިފައިވާ މީހުންނަށް ފަރުވާދެމުން ދަނީ އައިޖީއެމްއެޗް ހޮސްޕިޓަލުގެ އިމަޖެންސީ ރޫމުގަ އެވެ.

އެކްސިޑެންޓްގައިި ގެއްލުން ލިބިފައިވަނީ ބަސް ޓާމިނަލްއަށް ދަތުރުކުރަމުން ދިޔަ އެމްޓީސީސީގެ ޑަބަލް ޑެކް ބަހަކަށާއި ރަތް ކުލައިގެ ކާރަކަށާއި އަދި ހުދުކުލައިގެ ކާރަކަށެވެ. ބަހުގައި ޖެހުން ކާރުގައި ތިބި މީހުން ކާރުން ނެރުނީ ކާރު ކަފާލައިގެންނެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި ކާރުގެ ފަހަތަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. އަދި، ބަހުގެ ވިންޑްޝީލްޑް ވެސް ވަނީ ތަޅައިގެން ގޮސްފަ އެވެ. އެކްސިޑެންޓްގައި ޖެހުން އަނެއް ކާރަށްވެސް އެކިވަރުގެ ގެއްލުން ލިބިފައިވެއެވެ. މި ކާރުގައި ތިބި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެ އެވެ.

މި އެކްސިޑެންޓުގެ މައުލޫމާތު ލިބުނީ އިރުއޮއްސި 18:09 ހާއިރު ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފަ އެވެ. އެއީ މާލެއަށް ކޮންމެވެސް ވަރަކަށް ވާރޭ ވެހެމުންދިޔަ ވަގުތެކެވެ.

އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.