ރައްޔިތުންނަށް ހެޔޮ އަގުގައި ވިއްކާ ތެޔޮ ގަނެގެން އެ ތެޔޮ، ބޮޑު އަގުގައި ރިސޯޓްތަކަށް ވިއްކާ މައްސަލަ ބޮޑުވެ، އެކަން ހުއްޓުވަން އެސްޓީއޯއިން ފިޔަވަޅު އަޅައިފިއެވެ.

އެ ކުންފުނިން ވިއްކާ ތެޔޮ ކޮންޓްރޯލް ކޮށްފައިވާ ކަމަށް ބުނެ ޚަބަރުތައް ފެތުރެން ފެށުމުން އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވީ ދުނިޔޭގެ ތެލުގެ އަގު އިންތިހާއަށް އުފުލިފައިވާއިރު އޭގެ ސަބަބުން ރައްޔިތުންނަށް ވާނެ ބޮޑު ގެއްލުން ކުޑަކުރުމުގެ ގޮތުން އެފްއެސްއެމުން ފިއުލް ޝެޑްތަކުންނާއި މަސްވެރިންނަށާއި ރަށްރަށުގެ ތެޔޮ ވިއްކާ ފަރާތްތަކަށް ތެޔޮ ވިއްކަމުން ދަނީ ސަބްސިޑައިޒް ކޮށްގެން ދަށް އަގެެއްގައި ކަމަށެވެ. އަދި ރިސޯޓްތަކަށް ތެޔޮ ވިއްކަނީ ހަމަ އަގުގައި ކަމަށް ވެސް ބުންޏެވެ.

Ad
rt

ނަމަވެސް އެގޮތައް ތެޔޮ ވިއްކަމުންދާއިރުވެސް ބައެއް ފަރާތްތަކުން އަގު ހެޔޮކޮށް ރައްޔިތުންނަށް ވިއްކާ ތެޔޮ ގަނެގެން ރިސޯޓްތަކަށް ބޮޑު އަގުގައި ވިއްކަން މަސައްކަތްކުރާކަން ފާހަގަވެފައިވާ ކަމަށް އަމްރު ވިދާޅުވިއެވެ.

ރަށްރަށުގައި ތެޔޮ ވިއްކާ ފަރާތްތަކުން އެވްރެޖްކޮށް ނަގަމުން އަންނަ އަދަދުގެ އިތުރުން ނަހަމަ ގޮތުގަ އަގު ބޮޑުކޮށް ތެލުގެ ވިޔަފާރިކުރުން ހުއްޓުވުމަށް، ބޭނުންވާ ވަރަށްވުރެ އިތުރަށް އެ ފަރާތްތަކަށް ތެޔޮ ދޫނުކުރަން އަންގާފައިވާ ކަމަށްވެސް އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވި ގޮތުގައި ތެޔޮ ވިއްކާވަރު ލިމިޓް ކުރީ ނަހަމަ ވިޔަފާރި ހުއްޓުވައި ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި އަގުހެޔޮކޮށް ތެޔޮ ފޯރުކޮށްދިނުމުގެ ގޮތުންނެވެ.