ސްލޮވާކިއާގައި އުދުހޭ ކާރު “އެއާ ކާ” އުދުހުމުގެ ހުއްދަ އެ ޤައުމުގެ ޓްރާންސްޕޯޓް އޮތޯރިޓީ (އެސްޓީއޭ) އިން ދީފިއެވެ.
މިއީ އުދުހޭ ކާރަކަށް ގައުމަކުން ހުއްދަ ދިން ފުރަތަމަ ފަހަރެވެ. މިއާއެކު ސްލޮވާކިއާ އަދި ދުނިޔޭގެވެސް ދަތުރުފަތުރަށް އީޖާދީ ބަދަލުތައް އަންނާނެ ކަމަށް ލަފާ ކުރެއެވެ.
އެއާ ކާރަކީ ދެ ސީޓު ހުންނަ ކާރެކެވެ. އާއްމު ކާރުތަކާއި އެއްގޮތަށް ހުންނަ މި ކާރުގައި ފިޔަހުރެއެވެ. އެއީ ފްލައިޓުތައްހެން އުދުހުމުގައި ބޭނުން ކުރެވޭ ފިޔައެވެ. އެ ފިޔަ ހުންނަނީ ކާރު މަގުމަތީގައި ދުއްވާއިރު ލައްޕާލެވިފަ އެވެ.
މި ކާރު އުދުހޭ އުޅަނދަކަށް ބަދަލުކުރުމަށް ނުވަތަ ކާރަކަށް ބަދަލުކުރުމަށް ފިޔަތައް ލައްޕާލަން ނަގާނީ އެންމެ 2 މިނެޓާއި 15 ސިކުންތެވެ.
އުދުހުމަށް މި ކާރު 75 މޭލުގެ ސްޕީޑުގައި ދުއްވަން ޖެހެއެވެ. އުދުހުމަށްފަހު 8000 ފޫޓު މައްޗަށް އެރޭއިރު 100 މޭލަށް ގަޑިއިރެއްގެ ތެރޭގައި އެ ކާރަށް ދަތުރު ކުރެވޭނެއެވެ.
މި ކާރަށް ހުއްދަ ދިނުމުގެ ކުރިން ސްލޮވާކިއާ ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ޓެސްޓުތައްވެސް ހަދާފައެވެ. އެގޮތުން، 70 ގަޑިއިރަށް ކާރު އުދުއްސާފައިވާއިރު 200 އަށްވުރެ ގިނަ ފަހަރު ރަންވޭއިން ޓޭކްއޮފް ކުރުމާއި ލޭންޑް ކުރުން ވަނީ ޓެސްޓް ކޮށްފައެވެ.
ސްލޮވާކިއާގެ މި ސެޓްފިކެޓަކީ ޔޫރަޕިއަން ޔޫނިއަން އޭވިއޭޝަން ސޭފްޓީ އެޖެންސީން ގަބޫލު ކުރާ ސެޓްފިކެޓަކަށްވުމުން ޔޫރަޕުގެ ކޮންމެ ގައުމެއްގައިވެސް މި ކާރު އުދުހެވޭނެއެވެ.
ކެލެއިން ވިޝަން އިން އުފައްދާ މި ކާރުގެ އަދި ހުރީ ޓެސްޓް މޮޑެލްތަކެކެވެ. މި ހުއްދައާއެކު ޕްރޮޑަކްޝަން ފަށައި އަހަރު ދުވަހުގެ ތެރޭގައި ބާޒާރަށް އެ ކާރުތައް ނެރެވޭނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ.
އެއާ ކާރަކީ އުދުހެވޭ ކާރެއް ނަމަވެސް މަގުމަތިން އެ ކާރަކަށް އުދުއްސައި ނުގަނެވޭނެއެވެ. މިކަމަށް ފްލައިޓުތަކާ އެއްގޮތަށް އެ ކާރަށްވެސް ރަންވޭއެއް ބޭނުންވާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!