އިޓަލީގެ މަޝްހޫރު ލަގްޒަރީ ބްރޭންޑް، ބުލްގަރީން ރާއްޖޭގައި ފުރަތަމަ ފަހަރަށް ރިސޯޓެއް ހުޅުވަން ނިންމައިފިއެވެ.
ބުލްގާރީ ރިސޯޓް ރަންފުށީގެ ނަމުގައި ރ. އަތޮޅުގައި ހަދާ އެ ރިސޯޓު ހުޅުވަން ނިންމާފައި ވަނީ 2025 ވަނަ އަހަރެވެ. މި ރިސޯޓް ހުޅުވަން އުޅޭކަން ބުލްގަރީން އިއުލާން ކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން 45 މިނެޓުން ސީ ޕްލޭންގައި ދެވޭ ރާސްތާގައި އޮންނަ ރަށުގައި ހަދާ އެ ރިސޯޓަކީ ބުލްގަރީ ހޮޓެލްސް އެންޑް ރިސޯޓްސްގެ ދަށުން ހުޅުވާ 13 ވަނަ ތަނެވެ.
މި ރިސޯޓުގައި 33 ބީޗު ވިލާ އަދި 20 މޫދު ކޮޓަރިއާއެކު ޖުމުލަ 54 ކޮޓަރި ހުންނާނެއެވެ. ރިސޯޓާއި ކައިރީގައި ވަކި ރަށެއްގައި އެންމެ އެކްސްކްލޫސޮވް ވިލާ ކަމަށްވާ 'ބުލްގަރީ ވިލާ' އެއް ހަދަންވެސް ވަނީ ނިންމާފައެވެ. މިއީ އެންމެ މަތީ ފެންވަރުގެ ކޮޓަރިއެވެ.
މި ރިސޯޓުގައި ސްޕާއަކާއި ޔޯގާ ޕެވިލިއަނެއްގެ އިތުރުން ބާއަކާއި ހަތަރު ރެސްޓޯރަންޓް ހުންނާނެއެވެ. މީގެ ތެރޭގައި، ތިން މިޝެލިން ސްޓާ ފެންވަރުގެ މަޝްހޫރު ޝެފް ނީކޯ ރޮމީތޯގެ ރެސްޓޯރަންޓެއްވެސް ހިމެނޭނެއެވެ.
އަދި ބުލްގަރީ ބްރޭންޑުގެ ތަކެތި ވިއްކާ ފިހާރައެއް ވެސް މި ރިސޯޓުގައި ހުންނާނެއެވެ.
ބުލްގަރީގެ ޕްރޮޕަޓީތައް ދުބާއީ އާއި ޕެރިސް ފަދަ މަންޒިލްތަކުގައި ވެސް ހުރެއެވެ. މިއީ އެ ބްރޭންޑުގެ ދަށުން ރާއްޖޭގައި ރިސޯޓެއް ހުޅުވާ ފުރަތަމަ ފަހަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!