މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ގެ ތިން ވަނަ ބޯޓު ގަތުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.
މިއަދު އެސްޓީއޯ ހެޑް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެމްއެސްއެސްގެ ފަރާތުން ސޮއި ކުރެއްވީ އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރެވެ. އަދި ޖަރުމަނުވިލާތުގެ ކެންޑްލަރ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޖީނަސް ކެލާއެވެ.
އެއްބަސްވުމާއެކު މިއަދު އެމްއެސްއެސް އިން ގަތް ބޯޓު ވެސް ވަނީ ރާއްޖެއަށް ގެނެސްފައެވެ. މި ބޯޓުގެ ދަތުރުތައް އަންނަ އޮގަސްޓް މަހު ފަށޭނެ ކަމަށް އެމްއެސްއެސް އިން ބުންޏެވެ.
މި ބޯޓަށް ދޭން ނިންމާފައިވަނީ “އެމްއެސްއެސް ގްރެފީން" އެވެ.
މި ބޯޓަކީ އެއްފަހަރާ 420 ކޮންޓެއިނަރުގެ މުދަލާއި 60 ރީފާ ކޮންޓެއިނަރު އުފުލޭ ވަރުގެ ބޯޓެކެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި އެމްއެސްއެސް އިން ބޮޑު ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށާއި ތިން ވަނަ ބޯޓާއެކު ދުނިޔޭގެ އެހެން ބައެއް ޤައުމުތަކާ ރާއްޖެއަށް ގުޅުވާލެވޭނެ ކަމަށެވެ. އެގޮތުން، ގްރެފީން އިން ދަތުރު ކުރާނީ ސިންގަޕޫރާއި މެލޭޝިއާ އަދި ރާއްޖެއާ ދެމެދު ކަމަށާއި އަރަބި ކަރައާ ވެސް ގުޅާލުމަށް މަސައްކަތް ކުަރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އެމްއެސްއެސް މެދުވެރިކޮށް ރާއްޖޭގައި ޝިޕިން ދާއިރާ ކުރިއަރުވައި ރާއްޖެއަށް ބޭރު ފައިސާ ވަންނަ މައިގަނޑު ދާއިރާގެ ތެރޭގައި އެ ދާއިރާ ވެސް ހިމެނޭވަރު ކުރުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް އަމްރު ވިދާޅުވިއެވެ.
އެމްއެސްއެސްގެ އެހެން ބޯޓުތަކާ އެއްގޮތަށް ގްރެފީންގައި ވެސް މެޖޯރިޓީ މުވައްޒަފުން ވާނީ ދިވެހިންނަށް ކަމަށް އެމްއެސްއެސްއިން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!