އިސްލާމީ ޝަރީޢަތުގެ "މަޞްދަރު" ތަކާ ބެހޭގޮތުން ލިޔަމުން މިގެންދާ ސިލްސިލާ ލިޔުމުގައި މިހާރު ލިޔަމުން މިދާބައިގައި (ކީރިތި ޤުރްއާން އާއި ބެހޭ ބައިގައި) އަޅުގަނޑު މައިގަނޑުގޮތެއްގައި އަލިއަޅުވާލާނީ ދެ ބަޔަކަށެވެ. ފުރަތަމަ ބަޔަކީ އިންސާނާގެ ދުނިޔަވީ ދިރިއުޅުމުގައި ނުވަތަ މާއްދީ ކަންތައްތަކުގައި ޢަމަލުކުރަންވީ ގޮތުގެ ބައެވެ. ދެވަނަ ބަޔަކީ އިސްލާމީ ޝަރީޢަތާއި އެއްގޮތަށް ޙުކުމްކުރުމުގައި ޤުރްއާނުގެ ޙުއްޖިއްޔަތުގެ އާރާއި ބާރުގެ މައްޗަށް ލިޔަން ޤަޞްދުކުރާ ބައެވެ.
މި ލިޔުމުގައި މި އަލިއަޅުވާލަނީ އިންސާނީ ދިރިއުޅުމުގެ ނުވަތަ މާއްދީ ކަންކަމުގައި ޤުރްއާނާއި އެއްގޮތަށް ޢަމަލުކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ.
1- ދުނިޔަވީ ހަޔާތުގައި ތިމާ ކިޔަމަންތެރިކަން އަދާކުރަންޖެހޭ ފަރާތްތައް ދެނެގަނެ، އެފަރާތްތަކަށް ކިޔަމަންތެރިކަން އަދާކުރުން: މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ސޫރަތުއްނިސާ ގެ 59 ވަނަ އާޔަތުގައި ވަޙީކުރައްވާފައި ވެއެވެ.
((يَا أَيُّهَا الَّذِينَ آمَنُواْ أَطِيعُواْ اللّهَ وَأَطِيعُواْ الرَّسُولَ وَأُوْلِي الأَمْرِ مِنكُمْ فَإِن تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللّهِ وَالرَّسُولِ إِن كُنتُمْ تُؤْمِنُونَ بِاللّهِ وَالْيَوْمِ الآخِرِ ذَلِكَ خَيْرٌ وَأَحْسَنُ تَأْوِيلاً ))
މާނައީ: އޭ! އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން މާތްﷲއަށް ކިޔަމަންވާށެވެ! އަދި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) އަށާއި ތިޔަބައިމީހުންގެ ތެރެއިން ވެރިންނަށްވެސް ކިޔަމަންވާށެވެ! ފަހެ، އެކަމަކާއިމެދު ތިޔަބައިމީހުން ދެބަސްވެއްޖެނަމަ، ﷲ އަށާއި ރަސޫލާއަށް އެކަމެއް ރައްދުކުރާށެވެ! ތިޔަބައިމީހުން ﷲ އަށާއި އާޚިރަތް ދުވަހަށް އީމާންވާ ކަމުގައި ވާނަމައެވެ. އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އަދި ނިމުމެއްގެ ގޮތުން ރީތިކަންވެސް ބޮޑުމެއެވެ."
މި އާޔަތުގައި ކިޔަމަންތެރިކަން އަދާކުރަން ޖެހޭ ފަރާތްތައް ތަރުތީބުކުރައްވާފައިވާ ގޮތަށް ބަލާއިރު، އެންމެ ފުރަތަމަ ކިޔަމަންތެރިކަން އަދާކުރަންޖެހޭ އިންސާނާހެއްދެވި މަތިވެރި އިލާހު، ﷲ ސުބުޙާނަހޫ ވަތަޢާލާއަށެވެ. އެއަށްފަހު އެންމެފަހުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށެވެ. ތިންވަނައަށް ކިޔަމަންތެރިކަން އަދާކުރަން އަންގަވާފައިވާ ފަރާތަކީ އަހަރުމެންގެ މައްޗަށް ޢައްޔަނުކުރެވިފައިވާ ވެރިންނަށެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ކިޔަމަންވުމަކީ ތިމާވީ ކޮންމެ ތަނެއްގައި، ތިމާކުރާ ކޮންމެ ޢަމަލެއްގައި، ކޮންމެ ޙާލަތެއްގައިވެސް ﷲ އެންގެވިގޮތަށް ޢަމަލުތައް ބެހެއްޓުމެވެ. އަދި ކޮންމެކަމެއްގައިވެސް ﷲ ނަހީކުރެއްވި އެންމެހާ ކަމަކުން ދުރުވެ، ރައްކާތެރިވުމެވެ. މިއާޔަތުގައި ބަޔާންކުރައްވާފައި ވާގޮތުން ﷲއަށް ކިޔަމަންވުމުގެ ތެރޭގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ކިޔަމަންގަތުންވެސް ހިމެނެއެވެ. މިކަމަށް ސޫރަތުލް އަޙްޒާބުގެ 36 ވަނަ އާޔަތުން އިތުރަށް ދަލީލުލިބެއެވެ. މާތްﷲ ވަޙީކުރައްވާފައި ވެއެވެ.
((وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّهُ وَرَسُولُهُ أَمْرًا أَن يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ وَمَن يَعْصِ اللَّهَ وَرَسُولَهُ فَقَدْ ضَلَّ ضَلَالًا مُّبِينًا ))
މާނަ: "ﷲ އާއި އެކަލާނގެ ރަސޫލާ ކަމަކަށް ނިޔާކުރައްވައިފި ހިނދު، މުއުމިން ފިރިހެނަކަށްވެސް އަދި މުއުމިން އަންހެނަކަށްވެސް، އެކަމުގައި އެއުރެންނަށް އިޚްތިޔާރު އޮތުމަކީ ނެތްކަމެކެވެ. އަދި ﷲ އަށާއި އެކަލާނގެ ރަސޫލާއަށް އުރެދިއްޖެމީހާ ދަންނާށެވެ! ފަހެ، ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު ފުރެދިއްޖެކަން ކަށަވަރެވެ.
ޢިލްމުވެރިން ވިދާޅުވާގޮތުގައި ސޫރަތުއްނިސާގެ 59 ވަނަ އާޔަތުގައިވާ ގޮތަށް، ވެރިންނަށް ކިޔަމަންވާން ޖެހޭނީ އިސްލާމްދީނުގެ ޝަރުޢީ މިންގަނޑުގެ ތެރެއިންނެވެ. އިސްލާމް ދީނުގެ ޝަރުޢީ މިންގަނޑުން ބޭރުވާކަންކަމުގައި ވެރިންނަށް ކިޔަމަންވުމެއް ނެތެވެ.
މި އާޔަތުގައި "ﷲ އަށާއި އެކަލާނގެ ރަސޫލާއަށް އެކަމެއް ރައްދުކުރާށެވެ!" މިހެން އޮތް ޢިބާރާތުގައި "ﷲ އަށް އެކަމެއް ރައްދުކުރާށެވެ!" މި ބަސްފުޅުގެ މުރާދަކީ އެކަމެއްގެ ޙުކުމް ޤުރްއާނުގައި އޮތްގޮތް ބަލާށެވެ. މިއެވެ. ނުވަތަ އެކަމަކާ ބެހޭގޮތުން ޤުރްއާނުގައި އެއްވެސް ވާހަކައެއް ނުވަތަ އެއްޗެއް ބަޔާންކުރައްވާފައިވޭތޯ ބަލާ ދިރާސާކުރާށެވެ! އެހެނީ އެފަދަ ކަމަކާބެހޭގޮތުން ޤުރްއާނުގައި އެއްވެސް ވާހަކައެއް ބަޔާންކުރައްވާފައިވާނަމަ އެގޮތަކަށް އެބަހީ: ޤުރްއާނުގައި އޮތްގޮތަށް ޢަމަލުކުރާށެވެ!
މިސާލަކަށް ކައިވެނިކުރުމާއި ބެހޭގޮތުން ކީރިތި ޤުރްއާނުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ.
((وَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا لِّتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً إِنَّ فِي ذَلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ)) – (ސޫރަތުއްރޫމް 21) މާނަ: "ތިޔަބައިމީހުންނަށްޓަކައި ހަމަ ތިޔަބައިމީހުންގެ ނަފްސުތަކުން އަނބިން (އަންހެނުން) ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަ ކަމުގެ ހެކިތަކުގެ ތެރެއިން ކަމެކެވެ.
އެއީ ތިޔަބައިމީހުން އެކަނބަލުންގެ ކިބައިން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި (އެބަހީ: އަންހެނުންނާއި ފިރިހެނުންގެ މެދުގައި) ލޯތްބާއި އޯގަތެރިކަން ލެއްވިއެވެ. ހަމަކަށަވަރުން ފިކުރުހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ." މިޔާތަށް ވިސްނާލުމުން އިންސާނާގެ ދުނިޔަވީ ޙަޔާތުގައި ކައިވެނިކުރުން އޮންނަގޮތް ހާމަވެގެން ދެއެވެ. މާނައަކީ ކައިވެނިކުރެވޭނީ ދެޖިންސުގެ ދެމީހުންގެ ދެމެދުގައިކަން ވަރަށް ޞަރީޙަކޮށް ހާމަވެގެން ދެއެވެ. އެހެންވީމައި އެއްޖިއްސުން ކައިވެނިކުރުމަކީ ކީރިތި ޤުރްއާނުގެ ހިދާޔަތާއި ސީދާ ޚިލާފުކަމެއްކަން ހަމައެކަނި މިއާޔަތަށް ވިސްނާލުމުންވެސް އެނގެއެވެ. ކައިވެނީގެ މުޢާމަލާތު ހިންގޭނީ އަންހެނަކާއި ފިރިހެނަކާއި ދެމެދުގައިކަން އަންނަނިވި އާޔަތުންވެސް ވަރަށް ޞަރީޙަކޮށް ހާމަވެއެވެ. މާތްﷲ ސޫރަތުލް ބަޤަރާގެ 235 ވަނަ އާޔަތުގައި ވަޙީކުރައްވާފައި ވެއެވެ.
((وَلاَ جُنَاحَ عَلَيْكُمْ فِيمَا عَرَّضْتُم بِهِ مِنْ خِطْبَةِ النِّسَاء أَوْ أَكْنَنتُمْ فِي أَنفُسِكُمْ )) މާނަ: "އަދި އަންހެނުންކުރެ، ތިޔަބައިމީހުން ކައިވެނިކުރަން އެދޭކަމުގެ މައްޗަށް ދޭހަވާ ނުވަތަ އިޝާރާތްކުރާ ބަހެއް ބުނުމާއިމެދު، ނުވަތަ ތިޔަބައިމީހުންގެ ހިތުތެރޭގައި (ކައިވެނިކުރުމުގެ ޤަޞްދު) ފޮރުވާފައި ބޭއްވުމާއިމެދު، ތިޔަބައިމީހުންގެ މައްޗަކަށް ފާފައެއް ނެތެވެ." މި އާޔަތުގައިވެސް ފިރިހެނުންނާ މުޚާޠަބުކޮށްފައިވަނީ އަންހެނަކާއި ޚިޠުބާކުރުމަށެވެ. ވީމާ ފިރިހެނަކަށް ޚިޠުބާކުރެވޭނީވެސް އައި ކައިވެނިކުރެވޭނީ އަންހެނަކާއިކަން މިއާޔަތުންވެސް މިއޮތީ ސާފުކޮށް އެނގޭށެވެ.
މީގެ އިތުރުން ވަރިކުރުމުގައި ޢަމަލުކުރަންވީ ގޮތާއި، ވިޔަފާރިއާއި ދަރަނިދިނުންފަދަ ކަންކަމުގައި ޢަމަލުކުރަންވީ ގޮތާއި، ދަރިންބެލުމާއި، ދަރިންނަށް ޚަރަދުކުރުމުގެ ކަންކަން ކުރަންވީ ގޮތުގެ ވާހަކަވެސް ކީރިތި ޤުރްއާނުގައި ބަޔާންކުރައްވާފައި ވެއެވެ.
ވަރިކުރުމާއި ބެހޭގޮތުން ބަޤަރާ ސޫރަތުގެ 229 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. ((الطَّلاَقُ مَرَّتَانِ فَإِمْسَاكٌ بِمَعْرُوفٍ أَوْ تَسْرِيحٌ بِإِحْسَانٍ))
މާނަ: "ވަރިކުރުންއޮތީ ދެފަހަރުއެވެ. ދެންއޮތީ ހެޔޮގޮތުގައި (އެކަނބަލުންނާއި) އިނދެގެން އުޅުމެވެ. ނުވަތަ ހެޔޮގޮތުގައި (އެކަނބަލުން) ދޫކޮށްލުމެވެ."
މި އާޔަތުގައި ތިންވަނަ ފަހަރަށް ވަރިކުރާއިރު ޢަމަލުކުރަންވީ ގޮތުގެ ވާހަކަ ވަރަށް ސާފުކޮށް ބަޔާންކުރައްވާފައިވެއެވެ. އަދި ހަމައެހެންމެ ވަރިކުރުމަކީ އޭގެ ޙުކުމަށް ބަލާއިރު ހުއްދަ ކަމެއްކަންވެސް ދޭހަވެއެވެ. އެހެންނަމަވެސް ވަރިކުރުމުގެ ޙުކުމް ޙާލަތާއި ގުޅިގެން ޙަރާމްވުމާއި، ސުންނަތްވުމާއި ވާޖިބުވުން ފަދަ ޙަލަތްތައްވެސް ހިމެނޭކަން މިތާގައި ފާހަގަކޮށްލަމެވެ. ވީމާ ވަރިކުރުމުގެ ކުރިން ބަލަންޖެހޭ ކަންކަމަށް ބެލުމަކީ ވަރަށް މުހިންމުކަމެއްކަން އެންމެހާ ދިވެހިންނަށް ހަނދާންކޮށްދެމެވެ.
ވަރިކުރުމާއި ބެހޭގޮތުން ޠަލާޤު ސޫރަތުގެ 1 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. ((يَا أَيُّهَا النَّبِيُّ إِذَا طَلَّقْتُمُ النِّسَاء فَطَلِّقُوهُنَّ لِعِدَّتِهِنَّ))
މާނަ: "އޭ ނަބިއްޔާއެވެ! އަނބިން ވަރިކުރާނަމަ، އެކަނބަލުންގެ ޢިއްދާއަށް ފެށޭގޮތުގައި (ސުންނީވަރިއަކުން) ތިޔަބައިމީހުން އެކަނބަލުން ވަރިކުރާށެވެ!"
މި އާޔަތަށް ފުންކޮށް ވިސްނާލުމުން ވަރިކުރުމާއި އެކު، ވަރިކުރެވުނު އަންހެނާ ޢިއްދައިގާ އިންނަން ޖެހޭކަންވެސް ދޭހަވާން އެބައޮތެވެ. އެހެނީ "އެކަނބަލުން ޢިއްދާއަށް ފެށޭގޮތަށް ވަރިކުރާށޭ!" އެބައޮތެވެ. ވީމާ ވަރިއާއި ގުޅިގެން ޢިއްދާގައި އިންނަވެސް ޖެހެއެވެ. ޢިއްދަ ފުރިހަމަކުރުމާއި، ޢިއްދައިގައި އިންނަންޖެހޭ މުއްދަތުތައްވެސް ޤުރްއާނުގައި ބަޔާންވެގެން ވެއެވެ. ވީމާ މިކަމުގައިވެސް ޤުރްއާނަށް ޢަމަލުކުރުން ހަމަ ކޮންމެ މުސްލިމަކަށް ލާޒިމްވެގެން ވެއެވެ.
-ނުނިމޭ-
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!