މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހިންގާ ހުނަވަރު ޕްރޮގްރާމް ނިންމި ބައިވެރިންނަށް ސެޓްފިކެޓް ހަވާލު ކޮށްފިއެވެ.

މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ބައިވެރިންނާ ސެޓްފިކެޓް ހަވާލު ކޮށްދެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއާއި ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު ހުސައިން މޫސާއެވެ.

Ad
rt

މި ރަސްމިއްޔާތުގައި 52 ފަރާތަކަށް ވަނީ ޕްރޮގްރާމް ނިންމި ކަމުގެ ސެޓްފިކެޓް ހަވާލުކޮށްފައެވެ.

އެމްޓީސީސީން 2018 ވަނަ އަހަރު ތައާރަފު ކުރި ހުނަވަރު ޕްރޮގްރާމުގެ ދަށުން އެކި ދާއިރާތަކުން ޓެކްނިކަލް ވަޒީފާތަކަށް މީހުން ތަމްރީން ކުރެއެވެ. އަހަރުގެ ކޮންމެ ކުއާޓާއެއްގައި ވެސް މި ހަރަކާތް އެ ކުންފުނިން ކުރިއަށްގެންދެއެވެ.

ހުނަވަރު ލައިސެންސިން ޕްރޮގްރާމުގެ ދަށުން ބަސް ޑްރައިވަރުންގެ ގޮތުގައި 43 މީހުން ތަމްރީން ފުރިހަމަކޮށްފައިވާއިރު ހުނަވަރު ޓެކްނިކަލް ސްކިލް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ދަށުން އެސިސްޓެންޓް ސައިޓް ސުޕަވައިޒަރުންގެ ގޮތުގައި 6 އަދި މެރިން މެކޭނިކުންގެ ގޮތުގައި 3 މީހުން ވަނީ ތަމްރީން ފުރިހަމަ ކޮށްފައެވެ.

އެމްޓީސީސީ ހުނަވަރު ޕްރޮގްރާމަކީ ވަޒީފާގެ ބާޒާރަށް ތަޖުރިބާ ހުރި މަސައްކަތްތެރިން ބިނާ ކުރުމަށާއި ހެވީ ވެހިކަލް އޮޕަރޭޓަރުންނާއި ކޮންސްޓްރަކްޝަން ދާއިރާ ފަދަ ދާއިރާތަކުން ދިވެހިންނަށް ފުރުސަތުތައް ފަހި ކޮށްދިނުމަށް ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން އަންހެނުންނަށް ވެސް އެމްޓީސީސީން ފުރުސަތު ފޯރުކޮށްދެއެވެ.

އެޕްރެންޓިސްޝިޕް ޕްރޮގްރާމެއްގެ ގޮތުގައި ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ސައިޓުތަކުގައި 3 މަސް ދުވަހު އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބެއެވެ. މި މުއްދަތުގައި ކޮންމެ ބައިވެރިއަކަށް އެލަވެންސްގެ ގޮތުގައި 5000 ރުފިޔާ ދޭއިރު 3 މަސް ތެރޭގައި ކާމިޔާބުކަމާއެކު ޕްރޮގްރާމް ނިންމާލައިފިނަމަ ވަޒީފާގެ ފުރުސަތު ވެސް އެމްޓީސީސީން ދެއެވެ.