ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުން ބާސެލޯނާ އާއި ލިވަޕީލް ވެސް މޮޅުވެއްޖެއެވެ.

ގްރޫޕް އެފްގައި ބާސެލޯނާ އަދި ސްލަވިއާ ބައްދަލުކުރި މެޗު 1-2 އިން ކާމިޔާބުކުރީ ބާސެލޯނާއެވެ. މެޗު ފެށިގެން 3 ވަނަ މިނެޓުގައި ބާސެލޯނާގެ ކެޕްޓަން މެސީ ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑު ބާސެލޯނާ އަށް ނަގައިދީފައެވެ. މެޗުގެ ފުރަތަމަ ހާފު ފެށުނު ކޮޅު ބާސެލޯނާއިން ރަނގަޅު ކުޅުމެއް ދެއްކިނަމަވެސް ފުރަތަމަ ހާފު ނިމުނުއިރު ސްލަވިއާއިން ވެސް ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. އެހެންނަމަވެސް ފުރަތަމަ ހާފު ނިމުނީ އިތުރު ގޯލެއް ނުޖެހި 0-1 އިން ބާސެލޯނާ ކުރީގައި އޮވެގެންނެވެ.

Ad
rt

ދެވަނަ ހާފު ފެށިގެން މެޗުގެ 50 ވަނަ މިނެޓުގައި ސްލަވިއާއިން ވަނީ ގޯލެއް ޖަހައި މެޗުގެ ނަތީޖާ 1-1 އިން އެއްވަރުކޮށްފައެވެ. މި ގޯލު ސްލަވިއާ އަށް ޖަހައިދިނީ ޖަން ބްރިލް އެވެ. އެއަށްފަހު ބާސެލޯނާ އިން ވަނީ ކުޅުން އިތުރަށް ވަރުގަދަކޮށް އިތުރު ގޯލެއް ޖެހޭތޯ މަސައްކަތް ފަށައިފައެވެ. އެގޮތުން މެޗުގެ 57 މިނެޓުގައި މެސީ ޖެހި ހިލޭ ޖެހުމަކުން ސްއަރޭޒް ފޮނުވާލި ބޯޅަ ސްލަވިއާ ގެ ޕީޓަރ އޮލަޔިންކާގެ ގައިގާ ޖެހިފައި ވަނީ ބައިކޮޅަށެވެ. މި ބޯޅަ ސަލާމަތް ކުރަން ސްލަވިއާގެ ކީޕަރަށް މާބޮޑު ކަމެއް ކުރެވޭ ގޮތެއް ނުވިއެވެ. މެޗު ނިމުނީ 1-2 އިން ބާސެލޯނާ މެޗު ކާމިޔާބު ކޮށްގެނެވެ.

މިއާއިއެކު ގްރޫޕް އެފްގެ ޓޭބަލްގެ 1 ވަނައިގައި ބާސެލޯނާ އޮތީ 7 ޕޮއިންޓާއިއެކު އެވެ. ދެވަނައިގައި އޮތް ޑޯޓްމުންޑަށް 4 ޕޮއިންޓް ލިބިފައިވާއިރު 3 ވަނައިގައި އިންޓަރ މިލާންވެސް އޮތީ 4 ޕޮއިންޓާއިއެކުއެވެ. އިންޓަރ މިލާން 3 ވަނައިގައި އޮތީ ގެއްލުން1 ގޯލު އޮތީމައެވެ. ގްރޫޕްގައި ސްލަވިއާ އޮތީ އެންމެ ޕޮއިންޓަކާއި އެކުގައެވެ.

ގްރޫޕް އީގައި ލިވަޕޫލް އަދި ގެންކް ބައްދަލުކުރި މެޗު ލިވަޕޫލް އިން ކާމިޔާބުކުރީ 1-4 އިން ނެވެ. މެޗުގެ 2 ވަނަ މިނެޓުގައި ޗެމްބަލިން ކާމިޔާބުކޮށްދިން ގޯލާއިއެކު ލިވަޕޫލްއިން ވަނީ ލީޑު ނަގާފައެވެ. މެޗުގެ ފުރަތަމަ ހާފު އެއްކޮށް ކޮންޓުރޯލް ކޮށްގެން ކުޅުނީ ލިވަޕޫލް އިންނެވެ. ފުރަތަމަ ހާފު ނިމުނީ 0-1 އިން ލިވަޕޫލް ލީޑުގައި އޮވެގެންނެވެ.

ދެވަނަ ހާފު ފަށައިގެން މެޗުގެ 57 ވަނަ މިނެޓުގައި އަނެއްކާވެސް ޗެމްބަލިން ވަނީ އިތުރު ގޯލެއް ޖަހައިދީ ލިވަޕޫލްގެ ލީޑު 0-2 އަށް ބަދަލުކޮށްފައެވެ. ލިވަޕޫލްގެ 3 ވަނަ ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ޞަލާހް ގެ ހުރަހަކުން މޭން އެވެ. މެޗުގެ 87 ވަނަ މިނެޓުގައި ޞަލާހް ވަނީ ލިވަޕޫލްއަށް އިތުރު ގޯލެއް ޖަހައިދީ މެޗުގެ ނަތީޖާ 0-4 އަށް ބަދަލުކޮށްފައެވެ. އޭގެ ދެ މިނެޓު ފަހުން ގެންކް ގެ ހަމައެކަނި ގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ ސްޓެފަން އޮޑޭ އެވެ.

މުޅި މެޗުގައިވެސް ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ ލިވަޕޫލް އެވެ. މި ނަތީޖާ އާއިއެކު ލިވަޕޫލް އަށް 6 ޕޮއިންޓް ލިބިފައިވާއިރު މިގްރޫޕްގެ 2 ވަނައިގައި އޮތީ ލިވަޕޫލްއެވެ. ގްރޫޕްގެ 1 ވަނައިގައި ނަޕޯލީ އޮތީ 7 ޕޮއިންޓާއި އެކުއެވެ. ގްރޫޕްގެ އެންމެ ފަހަތުގައި 4 ވަނައިގައި ގެންކްީ އެންމެ ޕޮއިންޓަކާއި އެކީ އޮތްއިރު ގްރޫޕްގެ 3 ވަނާގައި ސަލްޒްބާގް އޮތީ 3 ޕޮއިންޓާއިއެކުއެވެ.