ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރަށް ތުޙުމަތުކުރެވޭ، އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯއެއްގެ މައްސަލަ އާއި ގުޅީގެން ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފި އެވެ.
ސޯޝަލް މީޑިއާގައި މިއަދު ވަނީ ނާޒިމް ކަމަށް ޝައްކުރެވޭ މީހަކާއި ބަނގުލަދޭސް ފިރިހެނަކު ކަމަށް ބެލެވޭ މީހަކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ލީކުކޮށްލައިފަ އެވެ.
މިރޭ ނާޒިމް ސައްތާރު ފުލުހަށް ހާޒިރު ކުރީ ކޮންކަމަކާއި ގުޅިގެންތޯ ނޫސްވެރިން ވަނީ ފުލުހުންނާއި ސުވާލުކޮށްފަ އެވެ، މިއަށް ޖަވާބު ދެއްވަމުން ފުލުހުން ބުނެފައިވަނީ، ނާޒިމް ސައްތާރު ފުލުހުންގެ އިދާރާއަށް މިއަދު ހާޒިރުކޮށްފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައަކާއި ގުޅިގެން ކަމަށެވެ.
އެ ވީޑިއޯއާ ބެހޭ ގޮތުން ނޫސްވެރިން ސުވާލުކުރުމުން ފުލުހުން ބުނީ އޭގައި ހިމެނޭ ދެ މީހުންގެ މައްސަލަ ތަހުގީގުކުރަން ފަށާފައިވާ ކަމަށާއި ތަހުގީގުގެ ތެރެއިން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ.
މިއަދު ފުލުހުން އިތުރަށް ބުނެފައިވަނީ، އެފަދަ ވީޑިއޯތަކެއް ބޭނުންކޮށްގެން ގިނަ އަދަދެއްގެ ބަޔަކު ބްލެކްމެއިލްކުރާ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށާފައިވާކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ނުދެ އެވެ.
އެ ވީޑިއޯއާ ގުޅިގެން ނާޒިމް މިއަދު ކުރެއްވި ޓުވީޓުތަކެއްގައި ވަނީ ވީޑިއޯގައި ފެންނަނީ އޭނާ ނޫން ކަމަށް ވިދާޅުވެ ތުހުމަތަށް އިންކާރު ކުރައްވައިފަ އެވެ.
މީސްމީޑީޔާގައި މިއަދު ލީކުކޮށްލި ވީޑިއޯގައި ފެންނަ ބިދޭސީއާ އެކު އެތައް ބަޔަކު އެއްޖިންސުން ގުޅުން ހިންގަނިކޮށް ވީޑިއޯކޮށްފައި އެބަހުރިކަމަށް އަޑުތައް ވަނީ ފެތުރިފަ އެވެ.
ނާޒިމްގެ ވީޑިއޯ ލީކުވުމާ އެކު އެތައް ބަޔަކު ދަނީ ނާޒިމް ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރުމަށް ގޮވާލަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!