ބައިނަލްއަޤްވާމީ ފެންވަރުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ޕްރޮޖެކްޓް މެނޭޖްމެންޓް ޕްރޮފެޝަނަލް ޖަމިއްޔާ "ޕްރޮޖެކްޓް މެނޭޖްމެންޓް އިންސްޓިޓިއުޓް " (ޕީ.އެމް.އައި) ގެ އޮތޮރައިޒްޑް ޓްރެއިނިން ޕާޓްނަރަކަށް އެވިޑް ކޮލެޖް ހަމަޖައްސައިފިއެވެ.
މިކަން އިފްތިތާހްކޮށްދެއްވީ ބީހައިވް ހޮޓެލްސްގައި އެކަމަށް ޚާއްސަކޮށްގެން ބޭއްވި ރަސްމީ ހަފްލާގައި އެވިޑް ކޮލެޖްގެ ޗެއަރމަން ޢަބްދުﷲ މުސްތާޤް ރަޝާދެވެ. މިހަފްލާއި ޕްރޮޖެކްޓް މެނޭޖްމެންޓް ޕްރޮފެޝަނަލް އާއިބެހޭ ތަފާތު މަޢުލޫމާތު އެކުލެވިގެންވާ އިންޓްރޮޑަކްޓަރީ ވީޑިއޯ ޕްރެޒެންޓޭޝަނެއް ވެސް ވަނީ ހިއްސާކޮށްފައެވެ.
މި ހަފްލާގައި ޕީ.އެމް.އައިގެ އިންސްޓްރަކްޓަރަކަށް ހުސެން ހަލީމް ހަމަޖައްސަވައި އެކަމުގެ ބެޖްވެސް ވަނީ ހަވާލުކޮށްފައެވެ.
ޕީ.އެމް.އައި ޓްރެއިނިން ސެންޓަ އިފްތިތާހް ކުރެއްވުމަށްފަހު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެވިޑް ކޮލެޖްގެ ޗެއަރމަން ޢަބްދުﷲ މުސްތާޤް ރަޝާދު ވިދާޅުވީ މިކަމުގެ ސަބަބުން އެވިޑް ކޮލެޖްގެ ތާރީހުގައި އަނެއްކާވެސް ކުލަގަދަ ސަފުހާއެއް އިތުރުވީ ކަމަށެވެ. އެކަމަށްޓަކައި ނުހަނު ހިތްހަމަޖެހޭކަމަށާއި އަބަދުވެސް ދިވެހިރާއްޖެއަށް މިފަދަ އާކަންކަން ތައާރަފްކޮށް އެވިޑް ކޮލެޖް މެދުވެރިވެގެން އެކަންކަމުގެ ފައިދާ ދިވެހިންނަށް ލިބޭގޮތް ހަދައިދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މުސްތާޤު ވިދާޅުވީ ޕްރޮޖެކްޓް މެނޭޖްމެންޓަށް ޝައުވެރިކަން ހުންނަ ފަރާތްތަކަށް އެވިޑް ކޮލެޖް މެދުވެރިވެގެން ޕްރޮޖެކްޓް މެނޭޖްމެންޓް ކެރިއާ ފަށައިގެން ކުރިއަށް ގެންދެވޭނެކަމަށެވެ. އަދި އިތުރު ލެވެލަކަށް ވާސިލްވެ ކެރިއާ އެޑްވާންސް ކުރުމުގެ ފުރުސަތުވެސް އެބައޮތްކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ޕްރޮޖެކްޓް މެނޭޖްމެންޓް ދާއިރާގެ ތަޖުރިބާކާރު މީހަކަށްވެ އޭގެފައިދާ ބޮޑަށް ކުރާނެ ކަމަށްވެސް މުސްތާޤު ވިދާޅުވިއެވެ.
ރޭ ބީހައިވް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި އެވިޑް ކޮލެޖްގެ ސީނިއާ ބޭފުޅުންނާއި ޕްރޮޖެކްޓް މެނޭޖްމެންޓް ދާއިރާގައި މަސައްކަތް ކުރާ ބައެއް ބެފުޅުން ބައިވެރިވިއެވެ.
އެވިޑް ކޮލެޖަކީ ރާއްޖޭގައި އެންމެ ފުޅާދައިރާއެއްގައި މަތީ ތަޢުލީމުގެ ފުރުސަތު އަތްފޯރާ ފަދަ އަގެއްގައި ދިވެހިންނަށް ފޯރުކޮށްދެމުން ގެންދާ އަމިއްލަ އެންމެ ބޮޑު އެއް ކޮލެޖެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!