ކޮވިޑް-19ގެ އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓުގެ ދަށުން ހިންގަމުންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ އިތުރު ފުރުސަތުތަކެއް ހުޅުވުމަށް އިކޮނޮމިކް މިނިސްޓްރީން ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާއެެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ނީޒާ އިމާދެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކުއެވެ.

Ad
rt

މި ޕްރޮގްރާމުގެ ދަށުން 14 ދާއިރާއަކުން އާރުޑީސީން ތަމްރީން ކުރަން ވަނީ ނިންމާފައެވެ. އެއީ:

  • ކޮންޕަނީ އޮޕަރޭޝަން
  • ސައިޓް ސުޕަވިޝަން
  • އިންވެންޓަރީ މެނޭޖްމަންޓް
  • ޕެއިންޓިން
  • އޮޓޮމޭޓިވް މެއިންޓަނަންސް
  • ރެފްރިޖެރޭޝަން އެންޑް އެއާކޮންޑިޝަން މެކޭނިކް
  • ކޮންޕިއުޓަ ހާޑްވެއަރ އެންޑް ނެޓްވާކިން
  • ވެލްޑިން
  • ކާޕެންޓްރީ
  • އިލެކްޓްރިކަލް އިންސްޓޮލޭޝަން
  • މޭސަނަރީ
  • ޕްލަބިން
  • ހެވީ ވެހިކަލް އޮޕަރޭޝަން
  • ފްރަންޓް އޮފިސް މެނޭޖްމަންޓް

އިކޮނޮމިކް މިނިސްޓްރީން ފަށާފައިވާ އިންކަމް ސަޕޯޓް ޕްރޮޖެކްޓަކީ ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ހޯދުމަށް މަގުފަހިކޮށްދިނުމެވެ. އަދި ކަނޑައެޅިފައިވާ އެކި ދާއިރާތަކުން ފަންނީ ގާބިލުމީހުން ބިނާކޮށް، ވަޒީފާގެ މައިދާނަށް ނިކުންނަ ފަރާތްތަކަށް ވަޒީފާގެ މާހައުލުގައި ބޭނުންވާނެ ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތުތަކެއް މި ޕްރޮގްރާމުގެ ދަށުން ފަހިވެގެންދާނެއެވެ.

މި ޕްރޮގްރާމްތަކަށާއި އަދި މި ޕްރޮޖެކްޓުގެ ދަށުން ހިންގާ އިތުރު އެޕްރެންޓިސްޝިޕް ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުސަތު، ޖޮބް ސެންޓަރ ޕޯޓަލް މެދުވެރިކޮށް މިހާރު ވަނީ ހުޅުވާލައިފައެވެ.