އުރީދޫ ނޭޝަން ރާއްޖޭގައި ތައާރަފްކުރުމަކީ، ގޭމިން ދާއިރާގައި ޕްރޮފެޝަނަލް ބަޔަކަށް ދިވެހި ޒުވާނުން ވެ، އިތުރު ހަރުފަތަކަށް ވާސިލްވުމަށް، ލޯކަލް ގޭމިން ކޮމިއުނިޓީ ބާރުވެރިކުރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޚަމަދު އަލް ހަމާދީ ވިދާޅުވެއްޖެ އެވެ.
އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޚަމަދު އަލް ހަމާދީ މިހެން ވިދާޅުވީ ރޭ އުރީދޫ މޯލްޑިވްސްއިން ބައިނަލްއަގުވާމީ ގޭމިން ޕްލެޓްފޯމް، "އުރީދޫ ނޭޝަން-ގޭމާސް ލޭންޑް" ރާއްޖެއަށް ތައާރަފްކޮށްދެއްވުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ.
މިހަފްލާގައި ޚަމަދު އަލް ހަމާދީ ވިދާޅުވީ، އުރީދޫ ނޭޝަންގެ ސަބަބުން އައު ފުރުސަތުތަކާއެކު ރާއްޖޭގެ ގޭމިން ކޮމިއުނިޓީއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.
"ހަލުވިދުވެއްޔެއްގައި ބަދަލުވަމުން އަންނަ ގޭމިން އިންޑަސްޓްރީން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ފުރުސަތުތައް ހުޅުވިގެންގޮސްފައި. މިއަދު އަޅުގަނޑުމެން މި ހާސިލްކުރި މުހިންމު ލަނޑުދަނޑިއާއެކު، އައު ފުރުސަތުތަކާއެކު ރާއްޖޭގެ ގޭމިން ކޮމިއުނިޓީއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ."
ޚާލިދު އަލް ޙަމާދީ ވިދާޅުވިއެވެ.
ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ޕްލެޓްފޯމް ރާއްޖެއަށް ތައާރަފްކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމެވެ.

މިއީ ރާއްޖޭގައި ގޭމިން ކޮމިއުނިޓީ އެއް ބިނާކޮށް، ހަލުވިދުވެއްޔެއްގައި ކުރިއަރަމުން އަންނަ މި އިންޑަސްޓްރީގެ ނިމުމެއް ނެތް ފުރުސަތުތަކާ ގުޅުވާލަދިނުމުގެ މަގްސަދުގައި އުރީދޫ އިން ތައާރަފު ކުރި ޕްލެޓްފޯމެކެވެ.
އުރީދޫގެ ވަރުގަދަ 4ޖީ އަދި 5ޖީ ނެޓްވޯކާއި ރައްޖެއާއި ރާއްޖެއިން ބޭރުގެ ކުންފުނިތަކާއިއެކު ވެވިފައިވާ ޕާޓްނާޝިޕްތަކުގެ އެހީގައި، އުރީދޫ ނޭޝަންގެ އަމާޒަކީ ގޭމިންއާއި ގުޅުންހުރި ހުރިހާ ޙިދުމަތާއި މައުލޫމާތް އެއް ޕްލެޓްފޯމެއްގައި ގެނެސްދިނުން ކަމަށް އުރީދޫއިން ބުންޏެވެ. އަދި އުރީދޫ ނޭޝަން މެދުވެރިކޮށް އައިޓިއުންސް، ނިންޓެންޑޯ، ޕްލޭސްޓޭޝަން އަދި މިނޫންވެސް ދުނިޔޭގެ އެކި ގޭމިން ޕްލެޓްފޯމްތަކުގެ ގިފްޓް ކާޑް ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މީގެ އިތުރުން، ގޭމް ކުޅޭ ފަރާތްތަކަށް ooredoonation.mv މެދުވެރިކޮށް ޕަބްޖީ، ގެރީނާ ފްރީ ފަޔަރ، މޯބައިލް ލެޖެންޑްސް، ކޯލް އޮފް ޑިއުޓީ، ރޮބްލަކްސް އަދި މިނޫންވެސް ގިނަ ގޭމްތަކަށް މޮބައިލް ޑޭޓާ ޕެކް ތައް އެކްޓިވޭޓް ކުރެވޭނެ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
އުރީދޫ ނޭޝަން މެދުވެރިކޮށް ގޭމިން ޕެކްތަކާއި ގިފްޓް ކާޑުއަދި ކޮންޓެންޓްގެ ހިދުމަތުގެ އިތުރުން ގޭމް ކުޅޭ ފަރާތްތަކަށް އަގު ހުރި އިނާމުތަކާއެކު ލޯކަލް އަދި އިންޓަނޭޝަނަލް މުބާރާތްތައްވެސް ކުރިއަށްގެންދާނެއެވެ. އެގޮތުން އުރީދޫ ނޭޝަންގެ ފުރަތަމަ މުބާރާތް ކަމަށްވާ އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕް، މިރޭގެ ޖަލްސާގައި ވަނީ އިއުލާން ކޮށްފައެވެ.

އުރީދޫގެ ޕަބްޖީ ޗެމްޕިއަންޝިޕަކީ 100،000 ރ. ގެ ޕްރައިޒް ޕޫލަކާއެކު ކުރިއަށްގެންދާ މުބާރާތެކެވެ. މި ސިލްސިލާ މުބާރާތްތަކުގައި ބައިވެރިވެ ލެވަލް މަތިވާވަރަކަށް ފައިސާގެ އިނާމު އިތުރުވަމުން ދާނެއެވެ. ޗެމްޕިއަންޝިޕްގައި ބައިވެރިވާ ފަރާތްތަކުގެ ނަތީޖާއާއި ވަނަ އުރީދޫ ނޭޝަން ލީޑާބޯޑްއިން ފެންނާނެއެވެ.
ފޮޓޯ: އެއް ލައްކަ ރުފިޔާ ލިބޭ ޕަބްޖީ މުބާރާތަކާ އެކީ އުރީދޫ ނޭޝަން ލޯންޗުކުރުން
ޓެކްނޮލޮޖީއާއެކު ގޭމިން އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އިންޑަސްޓްރީއެކެވެ. ފުރިހަމަ ގޭމިންގެ ތަޖުރިބާއެއް ކުރުމަށް ހަލުވި ސްޕީޑާއެކު ލޭޓެންސީ ދައް މެދުކެނޑުމެއްނެތް އިންޓަނެޓަކީ ގޭމަރުންނަށް މުހިންމު އެއްޗެކެވެ. އެހެންވެ އުރީދޫގެ ވަރުގަދަ 4ޖީ އަދި ފުޅާވަމުންދާ 5ޖީ ނެޓްވޯކްގެ ލޯ ލޭޓެންސީ މެދުވެރިކޮށް ފުރިހަމަ ތަޖުރިބާއެއް ފަހިކޮށްދެވޭނެ ކަމަށް އުރީދޫއިން ބުންޏެވެ.

މީގެ އިތުރުން ގޭމިންނަކީ ހަމައެކަނި މުނިފޫހިފިލުވުން ނުވަތަ ހޮބީއެއް ނޫން ކަމަށާއި، ޒުވާން ކުދިންނަށް ނިމުމެއް ނެތް ފުރުސަތުތަކެއް ތަނަވަސްކޮށްދޭ އިންޑަސްޓްރީއެއް ކަން ފާހަގަކޮށް އުރީދޫ އިން ބުނީ ޑިޒައިނަރުންނާއި ޑިވެލޮޕަރުންނާއި ޕްރޮގްރާމަރުންނާއި އިންޖިނިއަރުންނާއި ޕްރޮފެޝަނަލް ގޭމަރުން އާއި ސްޓްރީމްކުރާ މީހުންނާއި މިނޫންވެސް ތަފާތު އެކި ދާއިރާތަކުން ކެރިއަރ އެއް ގާއިމްކުރެވޭނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!