މިއަދު ހެނދުނު ގަލޮޅު ސްޓޭޑިއަމްގައި ހިންގި ހަމަނުޖެހުމުގައި ޕީޕިއެމްގެ އަތެއް ވާކަން ސާބިތުވެއްޖެ ނަމަ އެ ޕާޓީއަށް ފިޔަވަޅު އަޅާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީ އިން ދެންމެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މިނިސްޓްރީ އޮފް ޔޫތު، އޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމެންޓުން، ގަލޮޅު ރަސްމީ ދަނޑުގައި މިއަދު ހެނދުނު ކުރިޔށް ގެންދިޔަ ޙަރަކާތަށް ހުރަސްއަޅައި އެ ޙަރަކާތުގައި ބައިވެރިވި ބޭރުގެ ގައުމުތަގެ ސަފީރުންނާއި ޑިޕްލޮމެޓުން އަދި އާންމުންނާއި ދެކޮޅަށް، ބިރުވެރިކަން އުފެދޭގޮތަށް އެތަނަށް ބަޔަކު ވަދެގަނެ ހަމަނުޖެހުން ހިންގައި، ބައެއް މީހުންނަށް ހަމަލާދީ އަދި ތަކެއްއް ގެއްލުން ދީފައިވާތީ، މި ނާތަހުޒީބު އަމަލު ކުއްވެރިކުރާކަމަށެވެ.

Ad
rt

މި މައްސަލައިގައި އެއްވެސް ސިޔާސީ ޕާޓީއެއްގެ ބައިވެރިވުމެއް އޮތްކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރައްވާ ތަހުޤީގުން ސާބިތުވެއްޖެ ނަމަ، އެ ޕާޓީއަކާ މެދު ސިޔާސީ ޕާޓީގެ ޤާނޫނުގެ 45 ވަނަ މާއްދާއަށް ރިއާޔަތްކޮށް، އެ ގާނޫނުގެ 49 ވަނަ މާއްދާގެ ރަށުން ފިޔަވަޅު އަޅާނެ ކަމަށް އީސީޢިން ބުނެފައިވެއެވެ،

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ސްޓޭޑިއަމްގައި ބޭއްވި ހަރަކާތުގެ ތެރެއަށް ބަޔަކު ވަނީ ވަދެގަނެ ހަމަނުޖެހުން ހިންގާފައެވެ. ޝަހާދަތުގެ ދެކަލިމަ ލިޔެފައިވާ ދިދަތަކެއް ހިފައިގެން ވަދެ އެތަނުގައި ހަޅޭއްލަވާ އެތަނުގައި ތިބި ބައެއް މީހުންނަށް އަނިޔާދޭ މަންޒަރު ވެސް ވީޑިއޯތަކުން ފެނެއެވެ.

މި ކަމުގައި ބޭނުންކުރި ދިދަތައް ޕީޕީއެމް އޮފީހުން ނެރޭ މަންޒަރު ފެންނަ ފޮޓޯތައް އާންމުވެފައިވާއިރު، ފުލުހުން ވެސް ވަނީ އެކަން ކަށަވަރުކޮށްދީފައެވެ.

އެކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ބުނީ އެ މައްސަލަ ފުލުހުން ތަހުގީގުކޮށް ނިމުމަށް ފަހު އިލެކްޝަނަށް ހުށަހެޅުމުން އެކަން ބަލާނެ ކަމަށާއި، ސާބިތުވާނަމަ ފިޔަވަޅު އަޅަނެ ކަމަށެވެ. އެފަދަ ކަންކަމަކީ ސިޔާސީ ޕާޓީތަކުގެ ސުލޫކާ ހިލާފުވުން ކަމަށާއި، އެކަމުގައި އޮންނަނީ ޖޫރިމަނާތަކެއް ކަމަށް ވެސް ކޮމިޝަނުން ބުނެއެވެ.

މި މައްސަލާގައި މިހާތަނަށް 6 މީހަކު ހައްޔަރުކޮށްފައިވާއިރު، ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން އަންނަނީ މައްސަލަ ބަލަމުންނެވެ.