މިފްކޯއިން އަލަށް ތައާރަފު ކުރި "ޑްރެއިންޑް ކަނޑުމަސް ޗަންކްސް” މަސްދަޅު ބާޒާރަށް ނެރެފިއެވެ.
އެ ކުންފުނިން ބުނި ގޮތުގައި މިއަދުން ފެށިގެން މިފްކޯގެ މަސް ފިހާރަ ތަކުންނާއި އެހެނިހެން ފިހާރަ ތަކުން ވެސް މި މަސްދަޅު މިހާރު ލިބެން ހުންނާނެ ކަމަަށެވެ.
މިއީ އުފެއްދުންތެރި ޓެކްނޮލޮޖީއެއްގެ އެހީގައި ކުޑަ ތެޔޮފޮދެއްގައި ތައްޔާރުކުރެވިފައިވާ މަސްދަޅެކެވެ. މިއީ މިބާވަތުގެ މަސްދަޅު ރާއްޖޭގެ ބާޒާރަށް ނެރޭ ފުރަތަމަ ފަހަރެވެ.
ކުޑަ ތެޔޮފޮދެއްގައި މި މަސްދަޅު ތައްޔާރު ކުރެވިފައި ވުމުން މި މަސްދަޅު ބޭނުން ކުރާ ފަރާތްތަކަށް ގިނަ ލުއިފަސޭހަތަކެއް ލިބޭނެއެވެ. އެ ގޮތުން ދަޅުގައި އެކުލެވޭ ތެޔޮ އުކާލަން ނުޖެހުމުގެ ސަބަބުން ކެއްކުމުގައި މި މަސްދަޅު ބޭނުންކުރަން ފަސޭހަވެފައި، ސީދާ ތެއްޔަށް އަޅާ ފަސޭހަ ކަމާއެކު ވަގުތުން ކާނާ ތައްޔާރު ކޮއްލެވޭނެއެވެ.

މީގެ އިތުރުން ކެއްކުމުގެ ތެރޭގައި ތެލުގެ ސަބަބުން ބަދިގެތެރެ ނުތާހިރުވުން ކުޑަކޮށްދިނުމާއި އޮންދަ ގޯ ގައި ސޭންޑުވިޗް، ޕަނީނޯ ފަދަ ތަކެތި ފަސޭހަ ކަމާއެކު ތައްޔާރު ކޮއްލެވޭނެއެވެެ.
މިފްކޯއިން މި މަސްދަޅު ސިފަ ކޮށްފައިވަނީ “ހައްޓަށް ފަސޭހަ ޓައްޕަށް ފަސޭހަ، ކައްކަން ފަސޭހަ އަދި ޖީބަށް ލުއި” މަސްދަޅެއްގެ ގޮތުގައެވެ.
މި މަސްދަޅު ސަންފްލާވަރ އޮއިލް، ސޯޔާ ބީން އޮއިލް އަދި އޮލިވް އޮއިލް ފަދަ ތަފާތު ރަހަތަކުގައި އުފައްދާ ބާޒާރަށް ނެރޭނެ ކަމަށް މިފްކޯއިން ބުންޏެވެ. މިއީ މިހާރު މިފްކޯއިން އުފައްދާ ޗަންކްސް އިން އޮއިލް އާ އަޅާބަލާއިރު ނިސްބަތުން އަގުހެޔޮ ޕްރޮޑަކްޓެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!