ރައްޔިތުންނަށް ކަރަންޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ ކަރަންޓް މީޓަރު ޓެސްޓުކުރުން މުޅި ރާއްޖޭގައި އެންމެ ފަރާތަކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް މީޓަރު ޓެސްޓިން ބެއްޗެއް ގެނެސް އިންސްޓޯލް ކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ފަށައިފިއެވެ.
އެ ކުންފުނިން ބުނީ، މި ޓެސްޓިން ބެންޗާއެކު މިހާރަށްވުރެ އަވަސް ގޮތެއްގައި މީޓަރުތައް ޓެސްޓުކޮށް ރައްޔިތުންނަށް އެކަށީގެންވާ އަވަސްމިނުގައި ދެމެހެއްޓެނިވި ހިދުމަތެއް ދެވޭނެ ކަމަށެވެ.
ފެނަކައިގެ މީޓަރު ޓެސްޓު ކުރުމުގެ ހިދުމަތް މި މަސް ނިމުމުގެ ކުރިން ތައާރަފުކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުންދާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
ފެނަކައިން ބުނީ، އެ ކުންފުނިން މީޓަރު ޓެސްޓުކުރުމުގެ ހިދުމަތް ތައާރަފުކުރުމުން މިހާރު ރައްޔިތުންނަށް އެ ހިދުމަތް ލިބޭ އަގަށް ވުރެ އެތަށް ގުނައެއް އަގު ހެޔޮވާނެ ކަމަށެވެ. އަދި، މިހާރު ހިދުމަތަށް ނަގާ މުއްދަތަށްވުރެ އަވަސްކޮށް ހިދުމަތް ލިބި، ރައްޔިތުންނަށް ހުރިހާ ގޮތަކުން ލުއި ފަސޭހަ ވެގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މީގެ އިތުރުން އެ ކުންފުނީގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައިވެސް ޔުޓިލިޓީ ހިދުމަތްތަކުގެ ދާއިރާގައި ރައްޔިތުންނަށް ތަކުލީފަކަށް ވެފައި ހުރި ކަންކަމަށް ލުއިފަސޭހަ ހައްލު ހޯދައިދެވޭނެ މަގުފަހިކޮށްދީ، ރައްޔިތުންނަށް އިތުބާރުހުރި ދެމެހެއްޓެނިވި ހިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށް ވެސް ފެނަކައިން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!