ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށާއި ޗެއާމަންކަމުގެ މަގާމަށް ބްރިގޭޑިއާ ޖެނެރަލް (ރޓ) އިބްރާހީމް މުހައްމަދު ދީދީ އައްޔަންކޮށްފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓޭޝަން ބޯޑު (ޕީސީބީ) އިން ބުނެފައިވާގޮތުގައި، ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމަށާއި ޗެއާމަންގެ މަގާމާ އިބްރާހިމް މުހައްމަދު ދީދީ ހަވާލުވެވަޑައިގަންނަވާނީ މިއަދުން ފެށިގެންނެވެ. އޭނާ މި މަގާމަށް އައްޔަންކޮށްފައި މިވަނީ ކުރިން އެމަގާމު އަދާކުރައްވަމުން ގެންދިޔަ މުހައްމަދު ރަޝީދު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އަވާހަރަވުމާ ގުޅިގެންނެވެ.
މި ގެނައި ބަދަލާއެކު ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑުގައި އިބްރާހިމް ދީދީގެ އިތުރުން ތިއްބަވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒްވަރު އާއި، އަހުމަދު ލަތީފު އަދި މޭޖާ (ރޓ) ތޮލްހަތު ހަސަންއެވެ.
އިބްރާހިމް ދީދީ އަކީ ރައްޔިތުން މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރެވެ. އޭނާ ވަނީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މެމްބަރުކަން ވެސް އަދާ ކުރައްވައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!