އެއް ހަފްތާގެ ސްޓަޑީ ވިޒިޓެއް ގައި ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) ގެ ވަފުދެއް މިއަދު އިންޑިއާ އަށް ފުރައިފިއެވެ.
އިންޑިއާގެ ނޭޝަނަލް ސެންޓަރ ފޮރ ގުޑް ގަވަރނަންސް އިން އިންތިޒާމުކުރާ މި ސްޓަޑީ ވިޒިޓުގައި ބައިވެރިވާ ވަފުދުގައި އެ ކޮމިޝަނުގެ ރައީސް، ނައިބު ރައީސް އަދި މެންބަރުންނާއި ސެކްރެޓަރީ ޖެނެރަލްގެ އިތުރުން ޑިވިޝަންތަކުގެ ހެޑުން ހިމެނޭހެން 11 މެންބަރުން ބައިވެރިވެ އެވެ.
މިމަހުގެ 13 އިން 17 ގެ ނިޔަލަށް އިންޑިއާގެ ދިއްލީއަށް ކުރަމުންދާ މި ދަތުރުގައި އެކިއެކި މުއައްޞަސާތަކަށް ޒިޔާރަތްކޮށް އެތަންތަނުގެ ވެރިންނާއި ބައްދަލުކޮށް މައުލޫމާތާއި ތަޖުރިބާ ހިއްސާކުރުމަށް ހަމަޖެހިފައިވެއެވެ.
އެގޮތުން ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ސަރުކާރުގެ އިންސްޓިޓިއުޝަންތަކުގެ ތެރޭގައި ޑިޕާޓްމަންޓް އޮފް އެޑްމިނިސްޓްރޭޓިވް ރީފޯމްސް އެންޑް ޕަބްލިކް ގްރީވެންސެސް ، ކެޕޭސިޓީ ބިލްޑިންގ ކޮމިޝަން، ޔޫނިއަން ޕަބްލިކް ސަރވިސް ކޮމިޝަން، ސެންޓްރަލް އިންފޮރމޭޝަން ކޮމިޝަން، ސެންޓްރަލް ވިޖިލަންސް ކޮމިޝަން އަދި މޮރާރްޖީ ޑިސައި ނޭޝަނަލް އިންސްޓިޓިއުޓް އޮފް ޔޯގަރ ހިމެނެއެވެ.
މީގެ އިތުރުން ވަފުދުގެ މެންބަރުން ތާޖު މަހަލް އަދި ތާރީޚީ އިތުރު ތަންތަނަށް ޒިޔާރަތްކުރުމަށް ވަނީ ރޭވިފައެވެ. މި ދަތުރުގައި އިންޑިއާގެ ފޮރިން ސެކްރެޓަރީ މިސްޓަރ ވިނޭ މޯހަން ކޭވަޓްރަގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއްވެސް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިއީ ދިވެހި ސިވިލް ސަރވިސްގެ ޚިދުމަތްތައް ތަރައްޤީކޮށް ހަރުދަނާކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކޮމިޝަނަށް ލިބުނު ފުރުސަތެކެވެ. އެގޮތުން މި ޕްރޮގްރާމްގެ ތެރެއިން އެކިއެކި މުއައްސަސާތަކާ ދެމެދު ގުޅުން ބަދަހިކޮށް، ބެސްޓް ޕްރެކްޓިސަސްތަކުގެ މައުލޫމާތު ހިއްސާކުރެވިގެންދާނެއެވެ.
މީގެ އިތުރުން ސިވިލް ސަރވިސް މުވައްޒަފުންގެ ހުނަރާއި ޤާބިލްކަން އިތުރުކުރުމުގެ ގޮތުން 2019 ވަނަ އަހަރު އެން.ސީ.ޖީ.ޖީ އާއެކު ސޮއިކުރެވުނު އެމް.އޯ.ޔޫގެ ދަށުން އިންޑިއާގައި ބޭއްވޭ ތަމްރީނު ޕްރޮގްރާމްތަކަށް ބައިވެރިން ފޮނުވުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!