އިސްލާމީ ޝަރީޢަތުގައި ރިބާ ޙަރާމް ކުރެއްވުމުގެ ޙިކުމަތާ ބެހޭ ގޮތުން ދީނީ ޢިލްމުވެރިން ވަރަށް ގިނަ ވާހަކަ ދައްކަވާފައިވެއެވެ.

ހަމަ އެހެންމެ މުސްލިމް އަދި ބެއެއް ޣައިރު މުސްލިމް އިޤްތިސާދީ މާހިރުން ވަނީ، ރިބާގެ ގެއްލުމާއި ބެހޭ ގޮތުން ވަރަށް ދިގުކޮށް ވާހަކަ ދައްކާފައިވެއެވެ. ރިބާ ޙަރާމް ކުރެވުނު ސަބަބުތަކުގެ ތެރޭގައި، ހިމެނޭ އެންމެ މުހިންމު އެއް ސަބަބަކީ އޭގައި ޢަދުލުވެރިކަމުން އެއްކިބާވުމާއި އަނިޔާވެރިކަން ހިމެނޭތީއެވެ. މުޖްތަމަޢްގެ އެއް ބައެއްގެ އަތުގައި ރައުސްމާލް ފުނިޖެހި، ދެން ތިބި މީހުން، އެމީހުންގެ ބާރު ދަށަށް ދާތީއެވެ. މުއްސަނދި ޤައުމުތަކުން ފަޤީރު ޤައުމުތަކުގެ މުސްތަޤްބަލާއި ސިޔާދަތާއި ކުޅެ، ސިޔާސީ ގޮތުން ފިއްތުންތައް ކުރިމަތި ކުރެވޭލެއް ފަސޭހަވާތީއެވެ.

Ad
rt

އެއްޗެހީގެ އަގުބޮޑުވެ ފަޤީރުންނާއި މުއްސަނދިންގެ ދެމެދުގައި އޮންނަ ތަފާތު ބޮޑުވެ، ގިނަ ބައެއްގެ މުދާވެރިކަން މަދު ބައެއްގެ މުށުތެރޭގައި ހުންނާތީއެވެ. މުޖްތަމަޢުގައި އޮންނަންޖެހޭ އެއްބައިވަންތަކަމާއި، އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވުމުގެ ސިފަ ގެއްލި، ދަހިވެތިކަމާއި ނަފްރަތު އިތުރުވާތީއެވެ. ރިބާ އަކީ، ގެއްލުންވުމާއި ފައިދާވުމުގެ ތަބީޢަތާއި ޚިލާފަށް އޮންނަ އެއްޗެކެވެ. ވީމާ ރިބާގެ މުޢާމަލާތްތައް ހިންގާ ފަރާތްތަކަށް އެއީ މަސައްކަތެއް ނުކޮށް ފައިދާ ލިބޭނެ ޔަޤީން އެއްޗެކެވެ.

މާތްﷲ ކަމެއް ޙަރާމް ކުރައްވާނީ، އޭގައި ގެއްލުމެއް ވާތީއެވެ. ދުނިޔޭގެ އެންމެން އެއީ ފައިދާ ހުރި، ދުނިޔޭގެ އިޤްތިސާދަށް މުހިއްމު އެއްޗެކޭ ބުނި ކަމުގައިވިޔަސްމެހެވެ. އެހެނީ ހުރިހާ ކަމެއްގައި އޭގެ ޙިކްމަތް އިންސާނާގެ ސިކުޑިއަށް ނުވިސްނިދާނެއެވެ. އެކަން ޤަބޫލު ކުރަން ޖެހެއެވެ.

މިއީ ތެދުކަން ތިންވަނަ ދުނިޔޭގެ ޤައުމުތަކުގެ ދަރަނީގެ ކާރިޘާތަކަށް ބަލާލުމުން ފުދޭނެއެވެ. ބައިނަލް އަޤްވާމީ މަނިޓަރީ ފަންޑުން މުސްލިމު ޤައުމުތައް ނިކަމެތިކޮށް އެމީހުންގެ ބާރުދަށުލާފައިވެއެވެ. ނަތީޖާއެއްގެ ގޮތުން މުސްލިމުންގެ ސިޔާސީ އަދި އިޤްތިޞާދީ ކަންކަމަށް ބާރުފޯރުވައި، "ދަރަނީގެ ބުރައާއި" "މީހުންގެ ބާރު ދަށުވުން" ޖެހި އިސްތިޢުމާރީ ބާރުތަކުގެ ޝިކާރައަކަށް ވެއްޖެއެވެ. މުއްސަދި ޤައުމުތަކުން ފަޤީރު ޤައުމުތަކުގެ މުސްތަޤްބަލާއި ސިޔާދަތާއި ކުޅެ، ސިޔާސީގޮތުން ފިއްތުންތައް ކުރިމަތިކުރެއެވެ. މުސްލިމުންގެ ޞިނާޢަތަށް ލިބުނު ބަލިކަށިކަމެއްގެ ސަބަބުން، ދުނިޔޭގެ ޙަޟާރަތް ކުރިއަށް ގެންދިއުމުގެ ވަޒީފާއިން އެކަހެރިވެ، ދުނިޔޭގެ ޙަޟާރީ ދުވެލި ދުއްވަން ހަވާލުވެފައިވާ، ހުޅަގުގެ އިޤްތިޞާދީ ނިޒާމުގެ އަސީރަކަށްވެ މުސްލިމުންވެއްޖެއެވެ.

އިސްލާމީ ޢަސްކަރީ އިޤްތިޞާދީ ނިޒާމު ދޫކޮށް ޖާހިލީ ނިޒާމަށް އެނބުރި ދިއައެވެ. ނަމަވެސް އިޤްތިޞާދީ ބަލިކަށިކަމުގެ ދާއިރާއިން ނިކުމެ، ކުރިއަރާފައިވާ އިޤްތިޞާދުގެ ދާއިރާއަކަށް މުސްލިމުންނަކަށް ނުވަދެވުނެވެ. ދަނޑުވެރިކަމުގައި މަދަނީ އަދި ޢަސްކަރީ އުފެއްދުންތެރިކަމުގައި އަމިއްލަ ފުދުންތެރިކަމެއް މުސްލިމުންނަކަށް ނުހޯދުނެވެ. އިންސާނީ ފިޠުރަތުގައިވާ އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިކަން ފޯރުވުމުގެ ރިވެތި ސިފަ ގެއްލި، ދަހިވެތިކަން ބޮޑުވެ، މިކަމުގައި ހައްދުފަހަނައަޅައި، ދަހިވެތި ޝިކާރަވެރި ޖަނަވާރުތަކެކޭ އެއްފަދައިން މީސްތަކުންގެ ޢަމަލުތައް ބައްޓަންކޮށްފިއެވެ. ދުނިޔޭގެ ޙަޟާރަތް ކުރިއަށް ގެންދިއުމުގެ ވަޒީފާއިން އެކަހެރިވެ، ހުޅަގުގެ އިޤްތިޞާދީ ނިޒާމާނުލައި ނުއުޅެވޭނެޔޭ ބުނާބަހުގެ އަސީރަކަށް މުސްލިމުން ވެއްޖެއެވެ.

އިސްލާމް ދީން އައީ، މީސްތަކުގެ އަޅުވެތިކަމުން އިންސާނާ ސަލާމަތްކޮށް މާތްﷲގެ އަޅުވެތިކަމުގެ ދަށައް ރުޖޫޢަކުރާށެވެ. ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތުގައި އައިސްފައިވާ، ޙުކުމްތަކުގައި ހިފަހައްޓައިފި މީހަކަށް، ދެ ދުނިޔޭގެ ދިންނެވުމާއި ބާއްޖެވެރިކަން ލިބޭނެ ކަމީ، އެއްވެސް މުއުމިނަކު ޝައްކު ކުރާނެ ކަމެއް ނޫނެވެ. މި ދެ މަޞްދަރަށް ފުރަގަސްދީ، އަމިއްލަ ބުއްދިއަށް ތަބާވެ، ހަވާ ނަފްސު ގެންދާ މަގުން ހިނގަން ފަށައިފި މީހެއްގެ ނިމުމަކަށް ވަނީ، ގެއްލުމާއި ހަލާކުގެ ނިމުމެކެވެ. އޭނާގެ ދިރިއުޅުން ވެގެން ދާނީ، ހިތް ނުތަނަވަސް ކަމާއި، ބޯ ހާސް ވުމުގެ ދިއުޅުމަކަށެވެ.

ރިބާގެ ވައްތަރުތައް ރިބާ ގެ އޮންނަނީ މައިގަނޑު ދެ ވައްތަރެކެވެ. އެއީ:- ރިބާ އަލްފަޟްލު އާއި ރިބާ އައްނަސީއާ އެވެ.

1- ރިބާ އަލްފަޟްލު : ފަޟްލު ގެ މާނައަކީ އިތުރެވެ. ރިބާ އަލްފަޟްލު އޭ ކިޔެނީ: ރިބާ ހިނގާ އެއްޗެހިތަކުގެ ތެރެއިން، އެއް ބާވަތެއްގެ ދޭތި، އެކަތި އަނެއްކައްޗާ ބަދަލު ކުރާ އިރު، ޝަރުޢީ މިންގަނޑުގައި(މިނެ ކިރޭ އެއްޗެހިތައް)، އެކަތި އަނެކައްޗަށް ވުރެ އިތުރަށް ދޭން ޝަރުޠު ކުރެވިފައިވާ އިތުރުވުމެވެ. މިސާލަކަށް ރަނާއި ރަން، ފައިސާއާއި ފައިސާ، ހަނޑުލާއި ހަނޑޫ ކަދުރާއި ކަދުރު ބަދަލު ކުރާ އިރު، އެކަތި އިތުރު ކުރުމެވެ.

ރިބާ އަލްފަޟްލު އާއި ބެހޭ ގޮތުން އައިސްފައިވާ ބައެއް ޙަދީޘްތައް :

1- އަބޫ ސަޢީދުލް ޚުދްރީ ރަޟިޔައްﷲ ޢަންހު، ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ އަރިއަހުން ރިވާ ކުރެއްވިއެވެ: ‏لَا تَبِيعُوا الذَّهَبَ بِالذَّهَبِ وَلَا ‏ ‏الْوَرِقَ ‏ ‏بِالْوَرِقِ إِلَّا وَزْنًا بِوَزْنٍ مِثْلًا بِمِثْلٍ سَوَاءً بِسَوَاءٍ

މާނައަކީ: ވަޒަން އެއްވަރު ނޫން ނަމަ، ތިޔަބައި މީހުން، ރަނަށް ރަން ނުވިއްކާށެވެ. އަދި ރިއްސަށް ރިހި ނުވިއްކާށެވެ. (ޞަޙީޙް ބުޚާރީ އަދި މުސްލިމް)

2- لَا تَبِيعُوا الدِّينَارَ بِالدِّينَارَيْنِ وَلَا الدِّرْهَمَ بِالدِّرْهَمَيْنِ

މާނައަކީ: ތިޔަބައި މީހުން، ދެ ދީނާރަށް ދީނާރެއް ނުވިއްކާށެވެ. އަދި ދެ ދިރްހަމަށް ދިރުހަމެއް ނުވިއްކާށެވެ. (ޞަޙީޙް މުސްލިމް : ބާބުލް މުސާޤާ)

4- عَنْ ‏ ‏أَبِي سَعِيدٍ الْخُدْرِيِّ ‏ ‏قَالَ ‏ : قَالَ رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏الذَّهَبُ بِالذَّهَبِ وَالْفِضَّةُ بِالْفِضَّةِ ‏ ‏وَالْبُرُّ ‏ ‏بِالْبُرِّ وَالشَّعِيرُ بِالشَّعِيرِ وَالتَّمْرُ بِالتَّمْرِ وَالْمِلْحُ بِالْمِلْحِ مِثْلًا بِمِثْلٍ يَدًا بِيَدٍ فَمَنْ زَادَ أَوْ اسْتَزَادَ فَقَدْ ‏ ‏أَرْبَى ‏ ‏الْآخِذُ وَالْمُعْطِي فِيهِ سَوَاءٌ

މާނައަކީ: އަބޫ ސަޢީދުލް ޚުދްރީ ވިދާޅުވިއެވެ. ކީރިތި ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަ ޙަދީޘްކުރެއްވިއެވެ. ރަނަށް ރަން ވިއްކާ އިރު، އަދި ރިއްސަށް ރިހި ވިއްކާ އިރު، އަދި ގޮދަނަށް ގޮދަން ވިއްކާ އިރު، އަދި ހިމަގޮދަނަށް ހިމަގޮދަން ހިމަގޮދަން ވިއްކާ އިރު، އަދި ކަދުރަށް ކަދުރު ވިއްކާ އިރު، އަދި ލޮނަށް ލޮނު ވިއްކާ އިރު، ވިއްކަން ވާނީ އެއް ވަރެއްގެ ދޭތި ނަމައެވެ. އަދި އަތުން އަތަށް ނަމައެވެ. ފަހެ މިއިން އެއްޗަކަށް މިންވަރެއް އިތުރުކޮށް ނުވަތަ އިތުރު ކުރަން އެދެފި ނަމަ އެއީ ރިބާއެކެވެ. ދޭ މީހާއާއި އަތުލާ މީހާ ފާފައިގައި އެއްވަރެވެ. (ޞަޙީޙް މުސްލިމް: ބާބުލް މުސާޤާ)

4- عَنْ ‏ ‏عُبَادَةَ بْنِ الصَّامِتِ ‏ ‏قَالَ ‏ : قَالَ رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏الذَّهَبُ بِالذَّهَبِ وَالْفِضَّةُ بِالْفِضَّةِ وَالْبُرُّ بِالْبُرِّ وَالشَّعِيرُ بِالشَّعِيرِ وَالتَّمْرُ بِالتَّمْرِ وَالْمِلْحُ بِالْمِلْحِ مِثْلًا بِمِثْلٍ سَوَاءً بِسَوَاءٍ يَدًا بِيَدٍ فَإِذَا اخْتَلَفَتْ هَذِهِ الْأَصْنَافُ فَبِيعُوا كَيْفَ شِئْتُمْ إِذَا كَانَ يَدًا بِيَدٍ

މާނައަކީ: ޢުބާދަތު ބިން އައްޞާމިތު ރިވާ ކުރެއްވިއެވެ. ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ރަނަށް ރަން ވިއްކާ އިރު، އަދި ރިއްސަށް ރިހި ވިއްކާ އިރު، އަދި ގޮދަނަށް ގޮދަން ވިއްކާ އިރު، އަދި ހިމަގޮދަނަށް ހިމަގޮދަން ހިމަގޮދަން ވިއްކާ އިރު، އަދި ކަދުރަށް ކަދުރު ވިއްކާ އިރު، އަދި ލޮނަށް ލޮނު ވިއްކާ އިރު، ވިއްކަން ވާނީ އެއާ އެއްވަރެއްގެ އެއްޗަކަށް، ހަމަހަމަ އަށެވެ. އަދި މި ބާވަތްތައް ތަފާތު ނަމަ، އަތުން އަތަށް ވިއްކަންޏާ ތިޔަބައި މީހުން ބޭނުން ގޮތަކަށް ވިއްކާށެވެ. (ޞަޙީޙް މުސްލިމް: ބާބުލް މުސާޤާ)

5- أَبِي سَعِيدٍ ‏رَضِيَ اللَّهُ عَنْهُ ‏ ‏قَالَ ‏ : جَاءَ ‏ ‏بِلَالٌ ‏ ‏إِلَى النَّبِيِّ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏بِتَمْرٍ ‏ ‏بَرْنِيٍّ ‏ ‏فَقَالَ لَهُ النَّبِيُّ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏مِنْ أَيْنَ هَذَا قَالَ ‏ ‏بِلَالٌ ‏ ‏كَانَ عِنْدَنَا تَمْرٌ رَدِيٌّ فَبِعْتُ مِنْهُ صَاعَيْنِ ‏‏ بِصَاعٍ ‏ ‏لِنُطْعِمَ النَّبِيَّ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏فَقَالَ النَّبِيُّ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏عِنْدَ ذَلِكَ ‏ ‏أَوَّهْ ‏ ‏أَوَّهْ ‏ ‏عَيْنُ الرِّبَا عَيْنُ الرِّبَا لَا تَفْعَلْ وَلَكِنْ إِذَا أَرَدْتَ أَنْ تَشْتَرِيَ فَبِعْ التَّمْرَ بِبَيْعٍ آخَرَ ثُمَّ اشْتَرِهِ

މާނައަކީ: އަބޫ ސަޢީދުލް ޚުދްރީ ރަޟިޔައްﷲ ޢަންހު ރިވާ ކުރެއްވިއެވެ. ބިލާލުގެފާނު، ކީރިތި ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ އަރިއަހަށް ބަރްނީ އޭ ކިޔޭ ވައްތަރެއްގެ ކަދުރެއް ބިލާލް ގެންނެވިއެވެ. އެ ހިނދު ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ އޭނާއަށް ޙަދީޘް ކުރެއްވިއެވެ. މިއީ ކޮން ތަނަކުން ގެނައި އެއްޗެއްހެއްޔެވެ؟ ބިލާލްގެފާނު ދެންނެވިއެވެ:އަޅުގަނޑު އަތުގައި ދެރަ ކަދުރެއް ހުއްޓާ، ރަސޫލުއްﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ފަރީއްކުޅައްވަން ދޭންވެގެން، އެ ބާ ކަދުރުގެ ދެ ޞާޢް ދީފައި މޮޅު ކަދުރުގެ ޞާޢެއް ގަތީއެވެ. އެ ހިނދު ރަސޫލުއްﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ސަމާލުވާށެވެ! ސަމާލުވާށެވެ! ތިއީ ސީދާ ރިބާއެވެ. ތިއީ ސީދާ ރިބާއެވެ. ތިހެން ނު ހަދާށެވެ. އަދި ތިބާ ގަންނަން ބޭނުންނަމަ(މޮޅު ކަދުރެއް)، ދެރަ ކަދުރު ފައިސާއަށް ވިއްކާފައި އެ ފައިސާއިން ގަންނާށެވެ. (ޞަޙީޙް ބުޚާރީ: ބާބުލް ވަކާލާ)

2- ރިބާ އައްނަސީއާ : ނަސާއު ނުވަތަ ނަސީއާ ގެ މާނައަކީ ފަސް ކުރުމެވެ. ރިބާ އައްނަސީއާ އަކީ، ދަރަނި އަދާ ކުރުން ފަސްކުރުމުގެ ބަދަލުގައި ދަރަނި އިތުރު ކުރުމާއި، އަދި ދަރަނި ފެއްޓޭ ޢަޤުދުގައި، ދަރަނި އަދާ ކުރާ އިރު ރައުސްމާލަށް ވުރެ އިތުރަށް، ފަހުން ދައްކަން ބުނުމެވެ. އަދި ރިބާ ހިނގާ އެއްޗެހިތަކުގެ ތެރެއިން އެއް ބާވަތެއްގެ ދޭތި ބަދަލު ކުރުމުގައި އަތުލުން ފަސްކުރުމަކީ ވެސް، ރިބާ އައްނަސީއާ އޭގެ ތެރެއަށް ވަންނަ ކަމެކެވެ.

މި ޒަމާނުގައި އާދައިގެ ބޭންކުތަކުން ދޭ އަދި އަތުލާ އިތުރު ފައިދާ އަކީ (ބޭންކު ފައިދާ) އެއީ ރިބާ އައްނަސީއާއެވެ. އަދި މީގައި ރިބާ އަލްފަޟްލު ވެސް ހިމެނެއެވެ. މިއީ ޤުރުއާނުގައި ޙަރާމް ކުރެވިފައިވާ ރިބާއެވެ.

ބޭންކު ފައިދާގައި، ރިބާ އައްނަސީއާ ހިމެނެނީ ދަރަނި ފަސް ކޮށްފައި އިތުރު ކުރެވޭތީއެވެ. އަދި ރިބާ އަލްފަޟްލު ހިމެނެނީ، އަސްލު ދަރަންޏަށް ވުރެ އިތުރަށް އަތުލެވޭތީއެވެ.