ރިބާ އަކީ ޙަރާމް އެއްޗެއްކަން، ޤުރުއާނާއި ސުންނަތުން އަދި އިޖްމާޢުން ސާބިތުވެއެވެ. އަލްއިމާމްނަވަވީ ވިދާޅުވެފައިވަނީ މުސްލިމުންވަނީ ރިބާއަކީ ޙަރާމްއެއްޗެއްކަމަށް އިޖުމާޢުވެފައެވެ. އަދި ރިބާ ކެއުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ފާފައެކެވެ.
އެހެންކަމުން އިސްވެބަޔާންކުރެވުނު ދެވައްތަރުގެ ރިބާއަކީވެސް ކަނޑައެޅިގެން ހަރާމް އެއްޗެކެވެ. އިސްމާލްދީނުގައި އިޤުތިޞާދު ބިނާކުރުމުގައި ހަރުދަނާ ސިޔާސަތުތަކެއް ބިނާކުރުމަށްޓަކައި ދީނުގައި ރިބާވަނީ ކަނޑައެޅިގެން ހަރާމްކުރައްވާފައެވެ. މީއީ އިންސާނީދަރިފަސްކޮޅު އިޤުތިޞާދީ ފުން އަދަވަޅަކަށް ވެއްޓުނަނުދިނުމަށްޓަކައި ދީނުގައި ކަނޑައަޅުއްވާފައިވާ މުހިންމު ޙުކުމެކެވެ.
ޤިޔާމަތްވުމުގެ ޢަލާމާތްތަކުގެ ތެރޭގައި ރިބާ ފާޅުވުމާއި މީސްތަކުންގެ ތެރޭގައި އެކަން ޢާންމުވުން ހިމެނެއެވެ. އަދި ޙަރާމްތަކެތި ކެއުމުގައި އެޔެއްމިޔެއް ބަލައި ނުލައެވެ. ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން އިބްނު މަސްޢޫދު رضي الله عنه ރިވާކުރެއްވި ޙަދީޘެއްގައި ވެއެވެ. ((بَيْنَ يَدَيِ السَّاعَة يَظْهَرُ الرِّبَا))[1] “ޤިޔާމަތާ ދެމެދުގައި ރިބާ ފާޅުވާނެއެވެ.”
އަދި ދެޞަޙީޙުގައި އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ((لَيَأْتِيَنَّ عَلَى النَّاسِ زَمَانٌ لاَ يُبَالِى الْمَرْءُ بِمَا أَخَذَ الْمَالَ، أَمِنْ حَلاَلٍ أَمْ مِنْ حَرَامٍ))[2] މާނައީ: “މުދާ ހޯދީ ޙަލާލު ގޮތުގައިތޯ ނުވަތަ ޙަރާމާ ގޮތުގައިތޯ ބަލައި ނުލާ ޒަމާނެއް މީސްތަކުންނާ ބައްދަލު ކުރާނެކަން ކަށަވަރެވެ.”
މިޒަމާނުގެ އެތައް މުސްލިމުންނެއްގެ ޢަމަލުތަކާ މިޙަދީޘް އިއްތިފާޤު ވެއެވެ. ފަހެ މީސްތަކުން އެބައިމީހުންގެ މުދަލަކީ ޙަލާލު އެއްޗެއްތޯވެސް ބަލައިނުލައިތަން ފެނިގެން ދެއެވެ. އަދި ކިއެއް ހެއްޔެވެ! ޙަލާލު އަދި ޙާރާމް ގޮތްގޮތުންވެސް މުދާ އެއްކުރެތެވެ. އަދި އޭގެތެރެއިން އެންމެ ގިނައީ މީސްތަކުންނާ ކުރެވޭ ވިޔަފާރީގައި ރިބާ އެކުލެވޭ ތަކެއްޗެވެ. ދެންފަހެ ހަމަކަށަވަރުން ރިބާގެ މުޢާމަލާތްކުރާ ބޭންކުތައް ގިނަވެއްޖެއެވެ. އަދި މީސްތަކުންކުރެ އެތައް ބަޔަކު ބޮޑުވެގެންވީ މިބަލާވެރި ކަމުގައި ޖެހިއްޖެއެވެ.
އަލްއިމާމު ބުޚާރީ -رحمه الله- ގެ ފިޤުހުވެރިކަމުން އަބޫ ހުރައިރާގެ އިސްވެދިޔަ ޙަދީޘް ރިވާކުރައްވާފައި ވަނީ ﷲ ތަޢާލާގެ މި ވަޙީ ބަސްފުޅު ނަންގެނެފައިވާ ބާބުގައެވެ: ﴿أَيُّهَا الَّذِينَ آمَنُواْ لاَ تَأْكُلُواْ الرِّبَا أَضْعَافًا مُّضَاعَفَةً﴾ [آل عمران: 130] އެއީ ގުނަ ގުނައަށް ރިބާ ކެމުއަމީ މުދާ އެއްކުރުމުގައި އެއްޔެއްމިޔެއް ބަލައި ނުލައި ރިބާ ކެއުން ފުޅާވުމުން ވާ ކަމެއް ކަން ބަޔާން ކޮށްދިނުމަށެވެ. އަދި އެކަމުގައި ޙަލާލެއް ޙަރާމެއް ވަކިކުރަން ނޭނގުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!