ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހިންގާ ކްރެޑިޓް ސްކީމް ފުޅާކޮށް، ލީސިން ޕާޓްނަރުން މެދުވެރިކޮށް މުދާ ނެގޭ ގޮތަށް މިއަދު އިފްތިތާހުކޮށްފިއެވެ.

އެ ސްކީމް އޮންނަ ގޮތުން ކުރިން ކްރެޑިޓަށް މުދާ ނެގެނީ ހަމައެކަނި އެސްޓީއޯއިން ވިއްކާ ތަކެއްޗެވެ. އެއީ ސަރުކާރުގެ މުވައްޒަފުންނާއި އެ ކުންފުންޏާއެކު ކްރެޑިޓް އެއްބަސްވުން ހަދާފައިވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ދޫކުރަމުން އައި ސްކީމެކެވެ.

Ad
rt

މި ސްކީމް ފުޅާކޮށް މިއަދު ގެނައި ބަދަލާއެކު އެސްޓީއޯގެ ބައެއް ޕާޓްނަރުން ވިއްކާ މުދާ ވެސް ކްރެޑިޓަށް ނެގޭނެއެވެ. މީގެ ތެރޭގައި ހިމެނެނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި މުދާ ވިއްކަމުން އަންނަ ޕީކް-އަ-ބޫ އާއި މެކްސްކޮމް އާއި ޕޮއިސްއެވެ.

ކްރެޑީޓް ސްކީމް ފުޅާކުރުމާ ގުޅިގެން އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސެން އަމްރު ވިދާޅުވީ މިކަން ކުރުމުގެ މަގުސަދަކީ ޕީޕަލްސް ޗޮއިސްގެ ތެރޭގަ ހިނގާ އަމިއްލަ ވިޔަފާރިތައް ކުރިއެރުވުން ކަމަށެވެ.

އެސްޓީއޯ ކްރެޑިޓް ސްކީމުން 50،000ރ. ގެ އަގުހުރި މުދާ ނެގޭނެއެވެ. އެ މީހަކަށް މުދާ ނެގޭ ލިމިޓު ކަނޑައަޅަނީ މަހެއްގެ މައްޗަށް ލިބޭ އާމްދަނީއަށް ބިނާކޮށެވެ.