އެމްޓީސީސީގެ ސައިޓްތަކުގައި މަސައްކަތްކުރުމަށް ދިވެހި ލޭބަރުން ހޯދުމަށް ކުރާ މަސައްކަތުގެ ދަށުން މާދަމާ ވޯކް-އިން އިންޓަވިއުއެއް ބޭއްވުމަށް ނިންމައިފިއެވެ.
ވަޒީފާ ނެތިފައި ތިބި ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ހަރަކާތް އޮންނާނީ މާލޭގައި ހުންނަ ހުޅުމާލެ ފެރީ ޓާމިނަލުގައެވެ. މި ހަރަކާތް މާދަމާ ހަވީރު 4:00 ން ރޭގަނޑު 7:00 އަށް ކުރިއަށްދާނެއެވެ.
މި ހަރަކާތުގައި އެމްޓީސީސީގެ ސައިޓްތަކުގައި މަސައްކަތް ކުރުމަށް 67 މުވައްޒަފުން ހޮވުމަށްވަނީ ހަމަޖެހިފައެވެ. މި އިންޓަވިއުއިން ހޮވޭ ފަރާތްތަކަށް މަހަކު 10300އާއި 13700 ރުފިޔާއާއި ދެމެދުގެ މުސާރައެއް ލިބޭނެކަމަށް އެމްޓީސީސީން ބުންޏެވެ.
ވަޒީފާއަށް އެދޭ ފަރާތްތަކުގެ ތެރެއިން އަސާސީ ތަޢުލީމު ޙާސިލްކޮށްފައިވުމާއެކު، ކޮންސްޓަރަކްޝަން ދާއިރާގެ ތަޖުރިބާހުރި މީހުންނަށް އިސްކަންދޭނެއެވެ. އަދި ދާއިރާގައި މަސައްކަތްކުރުމުގެ ޝައުގިވެރިކަމާއި، ކުންފުނިން ކަނޑައަޅާ ސައިޓެއްގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައި ވެސް ވާންވާނެއެވެ.
ވަޒީފާއަށް ހޮވޭ މީހުން ސްޓާފް މެޑިކަލް އިންޝުއަރެންސްއާއި ޕެންޝަން ސްކީމްގައިވެސް ހިމެނިގެންދާނެއެވެ.
އެމްޓީސީސީން މިހާރުވެސް އެއްފަހަރާ 80 ސައިޓްގައި، މަސައްކަތްތައް ދަނީ ހިނގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!