މަތީ ތައުލީމްގެ ފުރުސަތުތައް ދޭއިރު ފަންނީ މީހުން މަދު ރަށްރަށުން ކުރިމަތިލާ ފަރާތްތަކަށް އިސްކަންދޭން ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާޙީމް ޙަސަންގެ އަރިހުން އެދިފައިވާނެ ކަމަށާއި، ނަމަވެސް އެކަމަށް އަދި އަމަލީ ސިފަ ނާންނަކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެ އެވެ.

އިބްރޭ މިހެން ވިދާޅުވީ، މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި، ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް ހުށަހަޅުއްވާފައިވާ، "ދިވެހިރާއްޖެ ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު" އިސްލާޙް ގެނައުމުގެ ބިލްގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

އެ ބިލަށް ވާހަކަ ދައްކަވަމުން އިބްރޭ ވިދާޅުވީ ލޭންޑް ޔޫސް ޕްލޭނަކީ ކުރިންވެސް ރަށްރަށުގައި އޭގެ ޒާތުގައި ހެދި އަމަލު ކުރަމުން އަންނަ އެެއްޗެއް ކަމަށާއި، ރަށް ރަށުގައި ދިރިއުޅޭ އާބާދީގެ މެދުގައި މަޝްވަރާކޮށް ކުރީއްސުރެ އުސޫލްތަކަކަށް އަމަލު ކުރަމުން އަންނަ ކަމަށެވެ. މިސާލެއްގެ ގޮތުގައި ރަށްރަށުގައި ދޯނި އެހެލައި، މަސް ހިއްކަން ވަކި ސަރަހައްދުތައް ކަނޑައަޅާފައި އޮންނަކަން ފާހަގަ ކުރެއްވިއެވެ. އަދި މިހާރު ކުރަމުންދާ މަސައްކަތަކީ އެ ޕްލޭންތައް ތަރައްޤީކޮށް، ފަންނީގޮތުން އެ ޕްލޭންތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ފާސް ކުރުންކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ލޭންޑް ޔޫސް ޕްލޭން އަކީ 100 އަހަރަށް ހެދިފައި އޮންނަ އެއްޗަކަށްވުން މުހިންމު ކަމަށެވެ. އެ ޕްލޭނަކީ ދިރުން އޮންނަ ޕްލޭނެއް ކަމަށާއި، ކިތައްމެ ދިގު މުއްދަތަކަށް ހެދިނަމަވެސް އެ ޕްލޭނަށް ގެންނާންޖެހޭ ބަދަލުތައް ގެނެވޭނެ ކަމަށެވެ.

"ހަމަ ކޮންމެ އަހަރަކު ވެސް އެއަށް ބަދަލު ގެނެވޭނެ. ލޭންޑް ސަރވޭ އޮތޯރިޓީއަށް ނުވަތަ ޤައުމީ އިދާރާއަށް ހުށަހަޅައިގެން އެ ކަންތައް ކުރެވެމުންދާނެ." އިބްރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭން ފާސްކުރުމަށް ދަތިތަކެއް ކުރިމަތިވާ ސަބަބުތައް އެބަ ހުރިކަމަށެވެ. އޭގެތެރެއިން އެކަމަށް އެކަށޭނަ ފަންނީ މީހުން ރަށްރަށުން ނުލިބުމަކީ އެއް މައްސަލަކަމަށް ވިދާޅުވިއެވެ.

"ޙަޤީޤަތުގައި ތަޢުލީމީ ގާބިލު ބޭފުޅުން ރަށްރަށުގައި އެބަ ތިބެންޖޭ، އަޅުގަނޑުމެންނަށް ސްކޮލާޝިޕް ދޭއިރު ވެސް ޙަޤީޤަތުގައި ގިނައިން ދެވެނީ ރާއްޖޭގެ މާލޭގެ ނުވަތަ އާބާދި ބޮޑު ރަށްރަށުގެ ސްކޫލްތައް ރަނގަވުމުން އެ ނަތީޖާއަށް ބަލާފަ، އަޅުގަނޑުމެން ހުށަހަޅާފައިވާނެ، ހަޔަރ އެޑިއުކޭޝަން މިނިސްޓަރަށް މަތީ ތަޢުލީމުގެ ފުރުޞަތުތައް ދޭއިރު އެފަދަ މީހުން ނެތް ރަށްރަށަށް، ފަންނީ ތަޢުލީމީ ބޭފުޅުން މަދު ތަންތަނަށް އިސްކަންދީގެން ފުރުސަތުތަކެއް ހޯދައިދިނުމަށް، އެހެންނަމަވެސް، އަދިވެސް އެޔަކަށް ޢަމަލެއް ނުކުރެވޭ،" އިބްރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަޖިލީހުގައި މަތީ ތައުލީމާބެހޭ ވުޒާރާ ޖަވާބު ދާރީ ކުރުވާ ކޮމެޓީއަކީ އޭނާ ވެސް އިންނަވާ ކޮމެޓީއެއް ކަމަށާއި، އެތައް ފަހަރަކު އެހެން އެކަން ކޮށްދޭން މިނިސްޓަރު އަރިހުގައި މިހާރު ދަންނަވާފައިވާ ކަމަށެވެ.

"އަޅުގަނޑު ވެސް އިންނަ ކޮމެޓީއެއް މިއީ މަތީ ތަޢުލީމާބެހޭ ވުޒާރާ ޖަވާބުދާރީ ކުރުވާ ކޮމެޓީގައި އަޅުގަނޑުވެސް އިންނަށް އެހެންނަމަވެސް މިކަންތަކެއްނުވޭ، މިއީ އެއް ސަބަބު، ޙަޤީޤަތުގައި އެބަޖެހޭ ތަޢުލީމީ ފަންނީ ބޭފުޅުން އުފައްދަން. ތަޢުލީމީ ފުރުސަތުތައް ދޭއިރު، ރާއްޖޭގައި މިންތައްތައް މަދު ރަށްރަރަށް އިސްކަންދީގެން މި ކަންތައްތައް ކުރަން އެބަ ޖެހޭ" އިބްރޭ ވިދާޅުވެފައިވެއެވެ.