ރައީސުލްޖުމްޙޫރިއްޔާ ވިދާޅުވެގެން، ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމް އުޅުއްވަނީ ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭންތައް ތާށިކޮށްގެން "ކައުންސިލްތަކުގެ އަތް ބަނދެގެން" ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ޝިޔާމް މިހެން ވިދާޅުވީ، މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި، ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް ހުށަހަޅުއްވާފައިވާ، "ދިވެހިރާއްޖެ ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު" އިސްލާޙް ގެނައުމުގެ ބިލްގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
55 ރަށެއްގެ ލޭންޑް ޔޫސް ޕްލެން ފާސްކުރުމަށް މިހާތަނަށް ޕްލޭނިން މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށާއި، އޭގެ ތެރެއިން އަދި ފާސްވީ 7 ރަށެއްގެ ޕްލޭންކަމަށް ވިދާޅުވެ، ޝިޔާމް ވިދާޅުވީ، ލޭންޑް ޔޫސް ޕްލޭނަކީ ރަށެއްގެ އެންމެ މުހިންމު "ކޮމްޕޯނަންޓް" ކަމަށެވެ.
"ސްލޯއީ، ސްލޯއީ ހިސާބަށްވުރެ، މިއީ ހުރިހާވެސް މައްސަލައަކީ، އިހަށްދުވަހު ވިޔަވަތި ކަންނޭނގެ ކޮންފަރެންސެއްގައި، އުކުޅަހުގައި މި މައުޟޫއަށް ވާހަކަ ދެކެވުނު، ކައުންސިލްތަކުގެ ކަންބޮޑުވުންތައް އިންތިހާއަށް އޮއްސާލި ތަން ފެނުނީ،" ޝިޔާމް ވިދާޅުވިއެވެ.
"މި ޕާޓިކިއުލަރ މައްސަލަ، ލޭންޑް ޔޫސް ޕްލޭނާ އެންމެ މި ގުޅެނީ، މި ހުރިހާ އެއްޗެއް ތާށި ކޮށްގެން، ހިފަހައްޓައިގެން ކައުންސިލުތަކުގެ އަތްް ބަނދެގެން ޙަޤީޤަތުގައި މި އުޅެނީ ރައީސުލްޖުމޫރިއްޔާ ވިދާޅުވެގެން ޕްލޭނިން މިނިސްޓަރު،" ޝިޔާމް އިތުރަށް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ޕްލޭނިން މިނިސްޓަރު ވިއަވަތި ކޮންފަރެންސަށް ވަޑައިގެން ވިދާޅުވީ ރާއްޖޭގެ ކޮންމެ އަތޮޅަކަށް ޑްރޯނެއް ބޭނުންވާ ވާހަކަ ކަމަށެވެ. އަދި "ފަޅުރަށަކާއި ލެޕް ޓޮޕަކުން ވެރިކަން ހިންގަން އުޅުނު މީހުންގެ ވިސްނުން ހުންނާނީ މިގޮތަށް" ކަމަށް ވިދާޅުވިއެވެ.
"ދެން އަޅުގަނޑު ހިތަށްއަރަނީ، އަނެއްކާ ޑްރޯން އޮޕަރޭޓުކުރަން އެނގޭނެ ދިވެހި ސވިލް ސަރވިސް މުވައްޒަފެއް ނޫނީ ކައުންސިލަކަށް ނެގޭ މުވައްޒަފަކަށް ހުންނާނެ ބާވައޭ، މިސަރުކާރު ޤަބޫލު ކުރާގޮތަށް،" ޝިޔާމް ވިދާޅުވިއެވެ.
ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭން ހަދަން އިންޑިއާ އާއި ހަވާލުކުރާ ވާހަކަ އަޑުއެއްސެވިކަަމަށާއި، "އަނެއްކާ މި ޑްރޯންތައް ދާނީ އެދިމާއަށް ނޫންތޯ" ޝިޔާމް ވަނީ ސުވާލު ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!