ސްކޫލް ދައުރުންފެށިގެން ކުނި މެނޭޖްކުރުމަށް ދަރިވަރުން އަހުލުވެރިކުރުވަންޖެހޭކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަތީފް ވިދާޅުވެއްޖެއެވެ.

ޔާސިރު މިހެން ވިދާޅުވީ، މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި، ސަރުކާރުގެ ފަރާތުން، ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޝިދު ހުށަހަޅުއްވާފައިވާ "ކުނި މެނޭޖު ކުރުމުގެ ބިލު"ގެ ބަހުސްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކާގައެވެ.

Ad
rt

ޔާސިރު ވިދާޅުވީ، ކުނީގެ ސަބަބުން ކުރާ އަސަރުގެ ވާހަކަ އެމްޑީޕީން އަދި ޚާއްޞަކޮށް މަޖިލީހުގެ ރައީސް ދެއްކެވީމަ ބައެއް ބެފުޅުން ދެއްކެވިވާހަކަތައް ހަނދާނަށް އަންނަކަމަށެވެ. އެހެންނަމަވެސް ހަގީގަތަކީ މިއަދު ދިވެހިރާއްޖެއަށް މިކުރާ އަސަރަކީ ހަމަޔަޤީނުން ވެސް ދެކޮޅު ހެދޭނެ ކަމެއް ނޫންކަމަށް ވިދާޅުވިއެވެ.

ކުނި މެނޭޖް ކުރުމުގެ ބިލެއް މަޖިލީހަށް ހުށަހެޅިފައިވާއިރު، މިހާތަނަށް އައިއިރު ރާއްޖޭގައި ކުނި މެނޭޖް ކުރުމުގެ އެއްވެސް މަސައްކަތެއް ކުރެވިފައެއްނެތް ކަމަށް ޔާސިރު ވިދާޅުވިއެވެ.

"ކުނި ނެގުމުގެ މަސައްކަތް އެހެންނަމެވެސް ކޮންމެވެސް ވަރަކަށް ކުރެވިފައިވާތަން ފެނޭ، މާލެ ސަރަހައްދުގައި ވިއްޔާ ތިލަ ފުއްޓަށް، އަދި އެހެން ސަރަހައްދުތަކުގައި ކުނިގޮނޑު ހަދައިގެން ކުނި ޖަމާކޮށްފައި އެބަހުރި، ކުނި މެނޭޖްކުރުމުގެ އެއްވެސް މަސައްކަތެއް މިހާހިސާބަށް ކުރެވިފައިނެތް،" ޔާސިރު ވިދާޅުވިއެވެ.

އެ ބިލުން ހާސިލްވާން ޖެހޭނެކަމަށް ދެކިވަޑައިކަންތައްތަކުގެ ތެރޭގައި ބިލުން ޕްލާސްޓިކް ކޮތަޅާ ދުރަށް ދިޔުމަށް މަގުފަހިކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން ހުއްޓާލައި، ފޮތިކޮތަޅު އަދި މި ނޫންވެސް ހައްލު ހޯދަންޖެހޭކަމަށް ވިދާޅުވިއެވެ.

ޔާސިރު ވިދާޅުވީ، ދަރިވަރުންނަށް ކުނި ނެގުމުގެ އާދަކާދަ އަށަގެންނެވުން ވެސް އެއީ ވަރަށް މުހިންމު ކަމެއްކަމަށެވެ. އަދި ސްކޫލް ދައުރުންފެށިގެން ދަރިވަރުން ކުނި މެނޭޖްކުރުމަށް އަހުލުވެރިކުރުވުން މުހިންމުކަމަށާއި، ބިލުގެ މަސައްކަތް ގެންދަވާއިރު އެކަމަށް ވިސްނަންޖެހޭކަމަށް ވިދާޅުވިއެވެ.