އެސްޓީއޯގެ މިދިޔަ އަހަރުގެ ފައިދާގެ ގޮތުގައި ހިއްސާ އަކަށް 65ރ. ބަހަން ފާސްކޮށްފިއެވެ.

އެސްޓީއޯއިން ކްރޮސްރޯޑްސްގައި ބޭއްވި އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާގައި، ހިއްސާ އަކަށް 65ރ. ބަހަން ފާސްކުރީ އެ ޖަލްސާ އަށް ހާޒިރުވި 782 މީހުންގެ 99 އިންސައްތަ ހިއްސާދާރުންގެ ވޯޓުންނެވެ.

Ad
rt

އެސްޓީއޯ ގްރޫޕަށް މިދިޔަ އަހަރު އެކި ވިޔަފާރިތަކުން ޖުމްލަ އާމްދަނީގެ ގޮތުގައި 11.2 ބިލިއަން ރުފިޔާ ލިބުނިއިރު ތެލުގެ ވިޔަފާރިން އެކަނި އެ ކުންފުންޏަށް ހަ ބިލިއަން ރުފިޔާ ލިބުނެވެ.

މީގެ އިތުރުން އާންމު ވިޔަފާރިތަކުން ތިން ބިލިއަން ރުފިޔާ ލިބުނުއިރު މަސްވެރިކަމުގެ ދާއިރާއިން 1.2 ބިލިއަން ރުފިޔާ އަދި ގޭހުގެ ވިޔަފާރިން 206 މިލިއަން ރުފިޔާގެ އާމްދަނީއެއް އެސްޓީއޯ އަށް ލިބުނެވެ.

މިދިޔަ އަހަރު އެސްޓީއޯގެ މުޅި އާމްދަނީ ވަނީ 32 އިންސައްތަ ކުރިއަރައިފައެވެ.

ޓެކްސް ކެނޑުމަށް ފަހު އެސްޓީއޯ ގްރޫޕަށް ފައިދާގެ ގޮތުގައި ލިބިފައި ވަނީ 186 މިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ އަހަރަށް ވުރެ 47 އިންސައްތަ އިތުރު އަދަދެކެވެ.

ގްރޫޕުގެ އިތުރުން އެސްޓީއޯގެ އަމިއްލަ ފައިދާ ވެސް ވަނީ އިތުރުވެފައެވެ. އެގޮތުން އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ޖުމްލަ 478 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.