ދ. މީދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ގާ އެތުރުމުގެ މަސައްކަތް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނި ގޮތުގައި މި މަސައްކަތް ނިމުނީ އިއްޔެއެވެ. އަދި މިހާރު ކުރިއަށްދަނީ އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތައް ކަމަށް އެ ކުންފުނިން ބުންޏެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން، ބަނދަރު ފުންކުރުމާއި، 373 މީޓަރުގެ އެއްގަމުތޮށި ލުމާއި، 35 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 294 މީޓަރުގެ އެއްގަމުތޮށި ލުމާއި، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމުގެ މަސައްކަތް ކުރާނެއެވެ.

އަދި 1470 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ނެރުބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މިއީ 34.07 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.