އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށް އިންތިހާބުކުރާ މެންބަރުން ދައުރު ހަމަވުމުގެކުރިން އިސްތިއުފާދޭނަމަ ޖޫރިމަނާ ކުރުމަކީ އަވަސް އަވަހަށް އެ ކޮމެޓީތަކުގެ ބައި-އިލެކްޝަން ބާއްވަންޖެހޭޖެހުމަށް ހައްލެއް ލިބިދާނެކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.

އިކްރާމް މިހެން ވިދާޅުވީ އިތުރު ފަސް ރަށެއްގެ ބައި-އިލެކްޝަން އަންނަ ޖުލައި މަހުގެ ދެވަނަ ދުވަހު ބާއްވަން އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމާފައިވާ ކަމަށް އެ ކޮމެޓީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވެފައިވާ ޓްވީޓަކަށް ޚިޔާލު ފާޅު ކުރައްވަމުންނެވެ.

Ad
rt

އެކަމާއިމެދު އޭނާގެ ޚިޔާލު ހިއްސާކުރައްވަމުން އިކްރާމް ވިދާޅުވީ، "އިރުއިރުކޮޅާ ބައި-އިލެކްޝަން ބާއްވަން ނުޖޭގޮތެއް އެބަ ހޯދަންޖެހޭ" ކަމަށެވެ.

"ދައުރު ހަމަވުމުގެ ކުރިން މެންބަރަކު އިސްތިއުފާދޭނަމަ ޖޫރިމަނާކުރުން، އަދި ދައުރުތެރޭ މެންބަރަކު އިސްތިއުފާ ދިނަސް 2 މެންބަރުންނަށް ވަންދެން އިންތިޚާބެއް ނުބާއްވާ ކުރިއަށް ދިޔުން" އިކްރާމް ވިދާޅުވެފައި ވެއެވެ.

އިކްރާމް މިހެން ވިދާޅުވެފައިވާއިރު، ކައިރި ކައިރީގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ތަކުގެ ބައި-އިލެކްޝަން ބާއްވަން ޖެހުމުން އީސީގެ ބަޖެޓަށް ނުކުޅަދާނަވެ، ބަޖެޓް ހުސްވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އެ ކޮމިޝަނުން ވަނީ މިއަދު ބުނެފައެވެ.

މިގޮތުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމެއްގައި އީސީން ވަނީ މިކަމާ ގުޅިގެން ހުރި ކަންބޮޑުވުންތައް ފާޅުކޮށްފައެވެ.

މި ބައްދަލުވުމުގައި އީސީގެ ރައީސް ފުއާދު ތައުފީގް ވިދާޅުވީ އާ ކައުންސިލްތައް އެކުލަވާލި ފަހުން ކޮންމެ މަހަކު ގޮތަކަށް ކޮންމެ ވެސް އެއް ކޮމިޓީއަކުން މެންބަރުން އިސްތިއުފާ ދީފައިވާ ކަމަށެވެ. އެހެން ދިމާވެ ބައި އިލެކްޝަން ބާއްވާ ކޮންމެ ފަހަރަކު ގާތްގަނޑަކަށް 150،000 ރ. ހަރަދުވާ ކަމަށް ވިދާޅުވި އެވެ.

އީސީގެ އިދާރީ ކަންކަމަށް ބޭނުންކުރާ ބަޖެޓުން ބައި- އިލެކްޝަންތައް ބާއްވަން ފިނޭންސުން އަންގާފައިވާ ކަމަށާއި، މިހާރު ކަންކަންހުރި ގޮތަށް ބަލާނަމަ ގާތްގަނޑަކަށް އަންނަ ޖުލައި ނުވަތަ އޯގަސްޓް ހިސާބުގައި އެކޮމިޝަންގެ މުޅި ބަޖެޓް ހުސްވެދާނެ ކަމަށް ފުއާދު ވިދާޅުވެފައިވެއެވެ.