ޢާއްމު ރައްޔިތުންނަށް އިންސާފަކީ ކޮބައިކަން ވިސްނިފައި އޮންނަ މިންވަރަށް ނަޒަރު ހިންގާލާއިރު ފެންނަމުންދާ ހަޤީޤަތަކީ، ޢާއްމު ރައްޔިތު މީހާ "އިންސާފު" މި ބަސް މާނަކުރަމުން ދަނީ ވަރަށް ހަނި ގޮތަކަށް ކަމެވެ.

"އިންސާފު" މި ބަސް އޭގެ އެންމެ ފުޅާ މާނާގައި ޢާއްމު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް ވިސްނިފައި ނެތްކަމެވެ.

Ad
rt

މިއީ އެންމެންގެ ވާހަކައެއް ނޫނެވެ. މުޖުތަމަޢުގައި ހިމެނޭ ގިނަ ބަޔެއްގެ ވާހަކައެވެ. އިންސާފު ލިބުނީކަމަށް ގިނަ ބަޔަކު ޤަބޫލުކުރަނީ ކުށް ކުރާ މީހަކީ ކުޑަކުއްޖަކަށް ވިއަސް އަދި ބޮޑު މީހަކަށް ވިއަސް ހައްޔަރުކޮށް ޖަލަށްލައި ޢަދަބުދިނުމުން އެކަންޏެވެ. އިންސާފުގެ ތެރެއަށް ކުށްކުރި މީހާގެ ވާހަކަ ގެންނަން އެއްވެސް މިންވަރަކަށް ބޭނުމެއް ނުވެއެވެ.

މީގެ ހެއްކަކީ ފުރަތަމަ ފަހަރަށް ކުޑަ ކުށެއް ކުރާ މީހާ ހައްޔަރުކޮށް ޖަލަށްލައި ޢަދަބު ނުދީގެން ރައްޔިތުން ސޯޝަލް މީޑިއާގައާއި، އެހެނިހެން ތަންތަނުގައި ބަންޑުން ކޮށްލާ ޝަކުވާއެވެ. ރާއްޖޭގެ ޚަބަރު ފަތުރާ ވަޞީލަތްތަކުން މީހަކު ކުށެއް ކުރިކަމުގެ ޚަބަރު ގެނެސްދޭ ވަގުތު ޢާއްމު ރައްޔިތުމީހާ ފުރަތަމަވެސް ފާޅުކުރާނެ ޝުޢޫރަކީ "އޭނާ އަދިވެސް ހައްޔަރެއް ނުކުރޭ، މިހާރުން މިހާރަށް އޭނާ ހައްޔަރުކޮށް ޖަލަށްލާ" މިފަދަ ޝުޢޫރުތަކެވެ. މިއީ ޢާއްމު ރައްޔިތުންގެ ތެރެއިން ބަޔަކަށް އިންސާފު މި ބަހުގެ މާނަ ވިސްނިފައި އޮތް މިންވަރުން ކުޑަ މިންވަރެކެވެ.

ޤާނޫނީ މަބާދިޢުތަކުގެ އަލީގައި އިންސާފު ލިބުމަކީ ކޮބައިތޯ ބަލާއިރު، އިންސާފު ލިބުމަކީ ކުށެއް ކުރާ މީހަކު ހައްޔަރުކޮށް، ޖަލަށްލުން އެކަންޏެއް ނޫނެވެ. އިންސާފު ލިބުމަކީ އެއަށްވުރެ ފުޅާކޮށް ވިސްނަންޖެހޭ ކަމެކެވެ.

އެގޮތުން، ކުށް ކުރީ ބޮޑު މީހެއްނަމަ އިންސާފަކީ އޭނާ ކުރި ކުށުގެ ކުޑަބޮޑު މިނަށާއި، ކުށް ތަކުރާރު ކުރި މިންވަރު (ކުށުގެ ރެކޯޑް) އަށް ބަލައި ކުށް ކުރި މީހާއަށް ދޭންޖެހޭ ޢަދަބު ދިނުމާއެކު، ކުށް ކުރި މީހާ އަނބުރާ މުޖުތަމަޢަށް ގެނައުމެވެ.

ކުށްކުރި މީހާ އިޞްލާހްކުރުމަށް އެއްވެސް ފިޔަވަޅެއް އެޅުމެއްނެތި ހަމައެކަނި އަދަބު ދިނުމަކީ އިންސާފު ކަމަށްވާނަމަ، އެއީ ހަމަޖެހޭ އިންސާފެއް ނޫނެވެ. ފުރަތަމަ ފަހަރު ކުޑަ ކުށެއް ކުރާ މީހަކު އިޞްލާޙްކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް އެޅުމަކާ ނުލައި، ހައްޔަރުކޮށް ޖަލަށްލާ ޢަދަބު ދޭނަމަ އެ މީހަކު އަނބުރާ މުޖުތަމައަށް އައުމުގެ ފުރުސަތު ކުޑަވާނެއެވެ. އަދި ކުށް ކުރި މީހާ ހައްޔަރުކުރާ ހިސާބުން ނޫނީ މީހުންގެ ތުންތުން މަތިން އެ މީހެއްގެ ވާހަކަ ދައްކާ ހިސާބުން ޢާއްމު ރައްޔިތުން އެ މީހުންގެ ވިސްނުމުގައި އެ މީހެއްގެ މައްޗަށް ޝަރީއަތް ހިންގައި ކުށް ސާބިތުކޮށް ނިންމައެވެ.

މިއީ ރައްޔިތުން އެކަމަކުން ދުރުވާންޖެހޭ ނުރަނގަޅު އާދައެކެވެ. ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވަނީ މީހެއްގެ މައްޗަށް ޝަރީޢަތުން ކުށެއް ސާބިތުވާކަމަށް ނިންމުމުގެ ކުރިން އެ މީހަކީ މައުސޫމް މީހެއް ކަމަށެވެ.

ކުށެއްގެ ތުހުމަތުކުރެވޭ ހިސާބުން އާއްމުންގެ ތެރެއިން ގިނަ ބައެއްގެ ވިސްނުމުގައި އެ މީހަކީ މުޖުރިމެއްކަމަށް ބެލި، އެ މީހުންނަކީ ދުވަހަކުވެސް ރަނގަޅުވާނެ ބައެއް ނޫންކަމާއި، އެ މީހުންނަކީ މުޖުތަމަޢުގައި ބަލައިގަންނަންޖެހޭ ބައެއް ނޫންކަމަށް ނިންމައި، މުޖުތަމައުން އެ މީހުން އެކަހެރި ކުރެއެވެ.

މީގެ ނަތީޖާއަކީ ކުށް ކުރި މީހާގެ ވިސްނުމުގައި އެ މީހަކީ ދުވަހަކުވެސް ރަނގަޅުވެ މުޖުތަމަޢަށް އަލުން އަނބުރާ އާދެވޭނެ މީހެއް ނޫންކަމަށް ދެކެއެވެ. އިޞްލާޙްކުރުމޭ މި ބުނަނީ ބޮޑެތި ކުށްތަށް ފިޔަވައި، ކުދި ކުދި ކުށް ފުރަތަމަ ފަހަރަށް ކުރާ މީހުންނަށް ޝަރީޢަތުން ޢަދަބު ދިނުމުގެ ބަދަލުގައި އިޞްލާޙީ ޕްރޮގްރާމްތަކުގައި އެ މީހުން ބައިވެރިކުރުމާއި، އެ މީހުން މޮނިޓަރ ކޮށް އިޞްލާޙީ ޕްރޮގްރާމްތައް ހިންގުމެވެ.

ކުޑަކުދިން ކުރާ ކުށްތަކުގެ މައްސަލަތަކަށް ބަލާއިރު، 2020 ވަނަ އަހަރު ޢަމަލުކުރަން ފެށި "ކުޑަ ކުދިންގެ އަދުލުގެ ޤާނޫނުގައި" އޮތީ އުމުރުން 15 އަހަރުން ފެށިގެން ހަގު އުމުރުގެ ކުދިން ކުރާ ކުށްތަކުގެ ޖިނާއީ މަސްޢޫލިއްޔަތު އެކުދިން އުފުލަން ނުޖެހޭނެ ކަމަށެވެ. އަދި 15 އަހަރުން ދަށުގެ ކުދިން ކުށް ކުރުމުން އެކުދިން ރީހެބިލިޓޭޓްކޮށް އެކުދިން އިޞްލާޙްކުރުމުގެ ގޮތުން އިޞްލާޙީ ޕްރޮގްރާމް ހިންގަން ޖެހޭނެކަމަށެވެ.

އެހެންނަމަވެސް، ޤާނޫނުގައި އޮތީ ކުޑަކުދިން ކުރާ ހުރިހާ ކުށަކުން އެކުދިން ބަރީޢަ ވާގޮތަކަށް ނޫނެވެ. ޙައްދާއި ޤިސާސްގެ މައްސަލަތަކުގައި ކުޑަކުދިން ޖިނާއީ މަސްޢޫލިއްޔަތު އުފުލަން ޖެހެއެވެ. ޤާނޫނުގައި މިހެން ލިޔުނު މަޤުޞަދަށް ބެލުމެއްނެތި ޢާއްމުންގެ ތެރެއިން ގިނަ ބަޔަކު އަޑު އުފުލަމުންދަނީ ކުޑަކުއްޖެއްކަމަކު ހަރުކަށި އަދަބުދީ ޖަލަށްލާން ޖެހޭނެކަމަށެވެ.

ކުޑަކުދިންގެ އަދުލުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ކުޑަކުދިން ޖިނާއީ މަސްޢޫލިއްޔަތު އުފުލުމަށް ވަކި އުމުރަކާ އުޞޫލުތަކެއް ކަނޑައަޅައި، އިޞްލާޙީ ޕްރޮގްރާމްތަކަށް ބާރު އަޅާފައިވަނީ ކުޑަކުދިންނަކީ މި ޤައުމުގެ މުސްތަޤުބަލު ކަމަށްވެފައި، ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއަށް ކުދިން ވެއްދުމަކީ އޭގެއިން ފޫނުބެދޭ ވަރުގެ ގެއްލުމެއް ނިކުމެދާނެ ކަމެއް ކަމަށް ވާތީއެވެ.

އުމުރުން 12 އަހަރުގައި ކުރެވުނު ކުށެއްގެ ސަބަބުން އެކަން ކުށުގެ ރެކޯޑަށް އަރައި، ވަޒީފާގެ ދޮރު އެއްކޮށް ބަންދުވެއެވެ. ޒުވާން ދުވަސްވަރު ކުރާނެ މަސައްކަތެއް ނުލިބި މީހާ މަގުމައްޗަށް ގިނަވެ ފައިސާ ހޯދުމަށާއި، އެހެނިހެން ކަންކަން ކުރުމަށް އިތުރު ކުށް ކުރަން ފަށައެވެ. މިއީ ކުޑައިރު ކުރެވުނު ކުށެއްގެ ސަބަބުން ކުއްޖާ ޅަދުވަހުން ފެށިގެން ދުނިޔެ އުމުރު އުފުލާ ތަކުލީފެވެ. އެކަމުގެ ނުރަނގަޅު ނަތީޖާއެވެ. ކަން އޮންނަންވީ ގޮތަކީ މިއީ ހެއްޔެވެ؟ އިއިންސާފު ލިބުމަކީވެސް މިއީ ހެއްޔެވެ؟

‎އެހެންނަމަވެސް، ޤާނޫނުގައި ރީތި ބަހުން ލިޔެފައި އެއޮތް އެ ޤާނޫނުގެ މަޤުޞަދަށް ފުޅާ ދާއިރާއެއްގައި ވިސްނާ ބައްލަވާށެވެ.

"ކުޑަކުދިން ކުށް ކުރުމުން އެކުދިން އިޞްލާޙުކުރުމުގެ ގޮތުން އިސްލާޙީ ޕްރޮގްރާމްތައް ހިންގައި އެކުދިން އަނބުރާ މުޖުތަމައަށް ގެނައުން"

މި މަޤުޞަދަށް ފުޅާ ދާއިރާއެއްގައި ވިސްނުންފުޅު ބަހައްޓައިފިނަމަ އެއީ ކިހާ މުހިންމު ވާހަކައެއްކަން އެނގޭނެއެވެ.

ދާދިފަހަކުން އިވުނު ޚަބަރަކީ އުތުރުގެ ރަށެއްގައި ކުޑަކުއްޖަކު ކުޑަކުއްޖެއްގެ ގައިގައި ތަޅައި މާރާމާރީ ހިންގި ޚަބަރެވެ. ކުޑަކުއްޖަކު ކުޑަކުއްޖެއްގެ ގައިގައި ތަޅައި މާރާމާރީ ހިންގުމުން އާއްމު މީހާގެ ވިސްނުމުން ތަޅައިގަތް ކުއްޖާއަށް އަދަބުދީ ޖަލަށް ލެވިދާނެއެވެ. އަދި އަނިޔާ ލިބުނު ކުއްޖާއަށް ބޭސްފަރުވާކޮށް، ލިބުނު ގެއްލުމުގެ ބަދަލުވެސް ދެވިދާނެއެވެ. އާޚިރު ނަތީޖާއަކީ ކޮބައި ހެއްޔެވެ؟ ތަޅައިގަތް ކުއްޖާ އަދަބު ލިބި، މުޖުތަމަޢަށް ނިކުންނައިރު، އެއީ އެއްވެސް ކަހަލަ އަޚްލާގެއް ހުރި ކުއްޖެއް ނޫންކަމަށާއި، އެއީ ބަދަލުނުވާނެ މުޖުރިމެއްކަމަށް ބަލައި އެ ޓެގް ކުއްޖާގެ ބޮލުގައި އަޅުވައެވެ. ކުއްޖާއަށް ދެން އިތުރަށް މުޖުތަމަޢާ ކުރިމަތިލާނެ ހިތްވަރެއް ނުލިބެއެވެ.

މި މޭރުމުން ހޯދަން ބޭނުންވާ އިންސާފަކީ ބޭއިންސާފަކަށް ނޫނީ ނުވާނެއެވެ. އިންސާފަކީ އަނިޔާލިބުނު ކުއްޖާގެ މަޞްލަޙަތުގައި އެ ކުއްޖާގެ ހައްޤުތަށް ހިމާޔަތްކޮށް، އެ ކުއްޖާއަށް ލިބެންވާ ބަދަލު ހޯދައިދިނުމެވެ. ހަމައެއާ އެކުއެކީ، ކުށްކުރި ކުއްޖާ ކުރި ކުށާ އެކަށޭނެ އަދަބެއްދީ އިޞްލާޙީ ނިޒާމެއްގެ ތެރެއިން ކުއްޖާ އަނބުރާ މުޖުތަމަޢަށް ނެރުމެވެ. ކުއްޖާ ބާކީ ނުކޮށްލުމެވެ.

ކުއްޖާއަކީ މުޖުރިމެއްކަމަށް ދައްކުވައިދޭ ޓެގު ނުވަތަ ލޭބަލް ނޭޅުވުމެވެ. މި އުޞޫލު ކުށް ތަކުރާރުކުރާމުންދާ ބޮޑެތި މީހުންނަށް ތަރުތީބު ކުރުމުގައި ތަފާތުވެދާނެއެވެ. މި މޭރުމުން ހޯދާ އިންސާފަކީ ބޭއިންސާފަކަށް ނުވާ ރަޖުއީ އިންސާފެވެ. އިންސާފުގެ އެންމެ ރިވެތި މާނާގައި އިންސާފުގެ ވާހަކަ ދައްކަވަން ވާނީ މިހެންނެވެ.

އެޑިޓަރުގެ ނޯޓް: މިއީ އުތުރުގެ ރަށަކަށް ނިސްބަތްވާ ޒުވާނަކު މިނޫހާއި ހިއްސާކޮށްފައިވާ ރިޕޯޓެކެވެ.