މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ގިނަ އަދަދެއްގެ ކޮންސްޓްރަކްޝަން ލޭބަރުން ހޯދަން އިއުލާން ކޮށްފިއެވެ.

އެ ކުންފުނިން ބުނީ މިއީ ވަރަށް އަވަހަށް ބޭނުންވާ މުވައްޒަފުން ކަމަށެވެ. އެގޮތުން 120 ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

Ad
rt

މި ފުރުސަތުގެ ދަށުން 13,700 – 10,300 ރ ދެމެދުގެ މުސާރައެއް ވަނީ ކަނޑައަޅައިފައެވެ. އަދި ކުންފުނިން ކަނޑައަޅާ ސައިޓެއްގައި ހުރުމާއި ކެއުމުގެ އިތުރުން ސްޓާފް މެޑިކަލް އިންޝޫރަންސާއި ޕެންޝަނަށް ވެސް ކޮންޓްރިބިއުޝަން ލިބޭނެއެވެ.

މި ވަޒީފާގައި މަަސައްކަތް ކުރަން ޖެހޭނީ ހަފްތާއަކު ހަ ދުވަހު ދުވާލަކު 8-12 ގަޑިއިރަށެވެ.

އެމްޓީސީސީން މި މަގާމުތަކަށް މުވައްޒަފުން ނަގާނީ އެއް އަހަރު ދުވަހަށެވެ. ނަމަވެސް މަސައްކަތަށް ބަލައި ކޮންޓްރެކްޓް އިތުރު ކުރާނެކަމަށް އެ ކުންފުނިން ބުންޏެވެ.

އަސާސީ ތައުލީމް ހާސިލްކޮށް، ކޮންސްޓްރަކްޝަން ދާއިރާގެ ތަޖުރިބާ ނުވަތަ އެ ދާއިރާގައި މަސައްކަތްކުރުމުގެ ޝައުގުވެރިކަން ހުންނަ ކޮންމެ މީހަކަށްވެސް މި ވަޒީފާއަށް ކުރިމަތިލެވޭނެއެވެ. އަދި އެމްޓީސީސީން ކަނޑައަޅާ ސައިޓެއްގައި މަސައްކަތްކުރެވުމާއި ގިނަ ވަގުތު މަސައްކަތް ކުރެވޭނެ ފަރާތެއް ކަމުގައި ވުމަކީ ވެސް ވަޒީފާގެ ޝަރުތުތަކެވެ.

މި ވަޒީފާތަކަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކުން ސީވީއައި އައިޑީ ކާޑް ކޮޕީއަކާއިއެކު އެމްޓީސީސީގެ ހުޅުމަލެ ޓާރމިނަލް ގައި މާދަމާ ހަވީރު 16:00 އިން ރޭގަނޑު 20:00 އަށް ކުރިއަށްގެންދާ #ޖޮނިންޓީމްއެމްޓީސީސީ އޯޕެން-ޑޭ ގައި ބައިވެރިވުމަށް އެ ކުންފުނިން އެދެއެވެ.