މިއަދު އަޅުގަޑު އެއްޗެއް ދަންނަވާލަން މިއުޅެނީ، މިވަގުތު އަޅުގަޑުމެންގެ ތެރޭގައި ބަހުސްކުރެވުމުންދާ ދީނަށް ފުރައްސާރަ ކުރުމުގެ މައްސަލައާއި ގުޅޭގޮތުންނެވެ.

ދިވެހިންގެ ދީނަކީ އިސްލާމްދީނެވެ. އެއީ މީގެ ނުވަ ސަތޭކަ އަހަރުކުރީއްސުރެ ދިވެހިންގެ ކާބަފައިން ނިންމާ، ދިވެހިރާއްޖޭގައި އުޅޭ މީހުންގެ ދީންކަމުގައި ބަލައިގެންފައިވާ ދީނެވެ. އަދި ދިވެހިރާއްޖޭގެ ގާނޫނު އަސާސީގައި ދިވެހިރައްޔިތުންގެ ތަބާވާ ދީނުގެ ގޮތުގައި ކަނޑައަޅާފައިވާ ދީނެވެ

Ad
rt

އެގޮތަށް ކަނޑައަޅާފައިވަނީ ޑިމޮކްރަޓިކް ހަމަތަކުގެ މަތީން ދިވެހި ރައްޔިތުންނެވެ. އެހެންކަމުން އެއީ ދިވެހިރައްޔިތުން އިހްތިރާމް ކުރަންޖެހޭ ނިންމުމެކެވެ. ގާނޫނު އަސާސީއާއި ގާނޫނުތަކަށް ބޯލަނބާ ފަދައިންނެވެ. މާނައަކީ ދިވެހިރައްޔިތަކު އިސްލާމްދީނާއި ދެކޮޅު ހަދާ އެދީނަށް ފުރައްސާރަ ކޮށްގެން ނުވާނެއެވެ.

ދިވެހިން އިސްލާމްވުމަށްފަހު މިހިނގާދިޔަ ދިގު ތާރީޚުގައި ދިވެހިރާއްޖޭގައި ރާބޯމީހުންނާއި މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި އެއްޖިންސުގެ ގުޅުންތަކަށް ހިންގާ މީހުންނާއި ދީންގަބޫލުނުކުރާ މީހުން އުޅުނެވެ. އެކަން އެއީ ގައުމީ މަައްސަލައަކަށް އެއް އިރެއްގައިވެސް ނުވެއެވެ. އެކަންކަން އޮންނަނީ އެބައެއްގެ ޒާތީކަމެއްގެ ގޮތުގައެވެ. އެކަން އެއީ މީހުން އެކަންކަމާ ވާހަކަ ދެއްކިޔަސް ބަޔަކު މާބޮޑު މައްސަލައެއްވެސް ޖައްސާ އުޅޭ ކަމެއް ނޫނެވެ

ދީނަށް މީހާ އުޅޭނެގޮތް މިއޮންނަނީ އެމީހަކަށެ އެހެންނަމަވެސް، މިހާރު އުފެދިގެން މިއުޅޭ ބަހުސަކީ، ދިވެހިރައްޔިތަކަށްހުރެ އަދި އަމުދުން ދިވެހިރާއްޖޭގެ ޖަމްއިއްޔާއަކުން ﷲ ގެ އެއްކައުވަންތަކަމާއި ކީރިތި ގުރުއާނުގެ ސައްޙަކަމާއި ކީރިތި ރަސޫލާގެ ޚުލްގު ފުޅާއިމެދު ސުވާލު އުފައްދާ ލިޔުމެއް ޝާއިއުކުރުމުން، އެއީ ގައުމީ މައްސަލައެއްކަމުގައި ބަލަންޖެހޭކަމަށް ކުރެވޭ ދައުވާއެވެ. އަދި އެއަމަލުގައި ބައިވެރިވި މީހުންނާއި އެކަމަށް މަގުފަހިކޮށްދިން، ޒިންމާވާންޖެހޭ މީހުން – ގާނޫނީ ހަމަތަކުތެ މަތީން ޖަވާބުދާރީ ކުރުވުމުގެ ވާހަކައެވެ. އެއީ ހައްދު ފަހަނައަޅާ ދިޔުމެއް ނޫނެވެ

ގާނޫނީ ކުށެއްކޮށްފައި، ވަކި މީހަކު ނުވަތަ ބަޔަކުވީތީ، އެކަމުން ބަރީއަވެވޭ ސަގާފަތުން ދިވެހިން އަރައިގަންނަން ވެއްޖެއެވެ. އެއީ ކޮންމެ މީހަކު ކަމުގައި ވިޔަސް ގާނޫނުގެ ކުރިމަތީގައި ޖަވާބުދާރީ ކުރުވެންޖެހޭނެއެވެ. އެއީ ކިތަންމެ ބާރުގަދަ ގައުމެއް ނުވަތަ ގައުމުތަކެއްގެ ނިވާފަތްގަނޑުގައި ތިބި ބަޔަކަށް ވިޔަސް ހެވެ.

ކުށެއްކޮށްފައި މައާފަށް އެދި ބަޔާނެއް ނެރުމަކީ އެކުށުން ބަރީއަވާނޭ ކަމެއް ނޫނެވެ. އެގޮތަށް އެކަން ވިސްނައިދީ، އަދި ކުށްކުރިމީހުންގެ މައްސަލަބަލަން ގޮވާލުމަކީ ހައްދުފަހަނައަޅާ ދިޔުން ކަމަށާއި ސިޔާސީހަތިޔާރެއްގެ ގޮތުގައި ދީން ބޭނުންކުރަނީ ކަމަށާއި ނަފްރަތު އުފައްދަނީ ކަމަށް ވާހަކަ ދައްކަނީ، މައުލޫއު އޮޅުވާލުމަށެވެ. އަދި ކުށްކުރިމީހާ ސަލާމަތްކޮށް އެހެންބައެއްގެ ބޮލުގައި ބަދުނާމު އެޅުވުމަށެވެ

އެކަން މިއަދު ދިވެހިން ގަބޫލެއް ނުކުރާނެއެވެ. ބަލައެއް ނުގަންނާނެއެވެ